Sat, 18 January, 2020, 2:45 pm
ލަންކާ ރައްޔިތުންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން އެބަޖެހޭ: ހުތުބާ

އަވަށްޓެރި ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާދިން މި ދަނޑިވަޅުގައި ދިވެހިންނަށް ވެވުނު ވަރަކުން އެގައުމުގެ ރައްޔިތުންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“އިޙްސާންތެރިވުން”ގެ މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައިވަނީ ލަންކާގެ ބޮމުގެ ހަމަލާއާ ގުޅިގެން ކުރިމަތިވެފައިވާ ބޮޑު މުސީބާތަށް އިޝާރާތް ކުރައްވައިފައެވެ.

އެގޮތުން ރަހުމެއްނެތި އަނިޔާވެރި ހަމަލާތަކެއްގެ ސަބަބުން، އެގައުމުގެ އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ފަހުގެ ތާރީހެއްގައި އެގައުމަށް ކުރިމަތިވި އެންމެ ބިރުވެރި، ހިތާމަވެރި އަދި އަނިޔާވެރި ހަމަލާތަކުގެ ޝިކާރައަކަށް ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންވި ކަމަށެވެ.

އަދި އަވަށްޓެރި ގައުމެއްގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިފަދަ ހިތާމަތަކަ ކުރިމަތިލާން ޖެހިފައިވާއިރު، އެމީހުންނަށް ހިތްވަރުދީ، އެހީތެރިވުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށްއޮތް އިންސާނީ ހައްގެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް ވެވުނު ވަރަކުން އެބައިމީހުންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވަރިވާން އެބަޖެހޭ،” ހުތުބާގައި ވިދާޅުވިއެވެ.

ކްރިސްޓިއަނުން މިދިޔަ އާދީއްތަ ދުވަހު ފާހަގަކުރި އީސްޓާ ސަންޑޭއާ ދިމާކޮށް ފައްޅިތަކަށާއި މަޝްހޫރު ހޮޓާތައް ހިމެނޭ ގޮތަށް އަށް ތަނަކަށް ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް 253 މީހުން މަރުވެފައިވާ ކަމަށް ލަންކާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، އިސްލާމްދީނަކީ ރަހުމަތާއި އޯގާތެރިކަމުގެ ދީން ކަމަށެވެ. އަދި އިސްލާމްދީނުގެ މަގުސަދުތަކުގެ ތެރޭގައި މީހުންގެ ފުރާނައާއި މުދަާއި އަބުރު ރައްކާތެރި ކުރުން ހިމެނިފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، އިސްލާމްދީނުގައި މީހުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ދިނުން ވަނީ ވަރަށް ބޮޑަށް މަނާ ކުރައްވާފައި ކަމަށެވެ.

Leave a comment

Your email address will not be published.