.
11 May 2019
މަޤްބޫލު ޙަބަރު

ފަރުޟު ކޮންމެ ރޯދައެއްގައި އަދި، ކައްފާރާފަދަ ވާޖިބު ރޯދައެއް ޞައްޙަވުމުގައި، ނިޔަތަކީ ޝަރުޠެކެވެ. ރޭގަނޑުގެ ކޮންމެ ވަގުތެއްގައި ނިޔަތް ގަތަސް ކަމުދާނެއެވެ. ނިޔަތަކީ ހިތުން ގަންނަން ޖެހޭ އެއްޗެކެވެ. މާދަމާއަކީ ރޯދަ ހިފަންޖެހޭ ދުވަހެއްކަން އެނގިގެން ރޯދަ ހިފަން ބޭނުންވުން އެއީ ނިޔަތަކަށް ފުދެއެވެ.

ރޯދަ ހިފައިގެން ހުރެ ދުވާލުގެ ވަގުތެއްގައި ރޯދަ ވީއްލަން ނިޔަތް ގަތަސް، ރޯދަ ނުގެއްލޭނެއެވެ. ރާޖިޙް ރައުޔަކީ މިއީއެވެ. އޭނާވާނީ ނަމާދަށް ހުރެފައި ވާހަކަ ދައްކަން ހިތަށް އަރުވާފައި، ވާހަކަ ނުދެއްކި މީހާގެ މިސާލުގައިވާ މީހަކަށެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ރޯދަ ކަނޑަން ނިޔަތް ގަތުމުން ރޯދަ ކެނޑުނީކަމަށެވެ. ވީމާ މިރައުޔު ނަގަންޏާ ރައްކާތެރި ގޮތަކީ މިފަދަ ރޯދައެއް ޤަޟާކުރުމެވެ.

ރަމަޟާން މަހުގައި ކޮންމެ ރެއަކު ނިޔަތް ނުގަނެ، މަސް ފެއްޓޭ ވަގުތު ރޯދަ މަހު ރޯދަ ހިފާނެކަމަށް ނިޔަތް ގަތުމުން ފުދޭނެއެވެ. އުޒުރަކަށްޓަކާ ރޯދަ ކަނޑަން ނިޔަތް ގަނެފައި ރޯދަ ކެނޑުމުގެ ކުރިން އުޒުރު ހިގައްޖެނަމަ، ރޯދަ ފުރިހަމަ ކުރަން އަލުން ނިޔަތް ގަންނަން ވާނެއެވެ. އަދި ރޯދަ ނުހިފޭ ފަދަ ސަބަބެއް މެދުވެރިވެގެން ރޯދަ ހިފުން މެދުކަނޑާލާފައި، އެ ސަބަބު ފިލައިދިއުމުން ރޯދަ ހިފަން ފައްޓަންޏާ ވެސް ނިޔަތް ގަންނަން ޖެހޭނެއެވެ. އެއީ ނިޔަތް ގަންނަ ދުވަހާއި ނިޔަތް ނުގަންނަ ދުވަސް ވަކިކުރާށެވެ.

ކޮންމެ ވާޖިބު ރޯދައެއް ހިފަންވެސް، ފަޖުރުގެ ކުރިން ނިޔަތް އޮންނަން ޖެހޭނެއެވެ. މިސާލަކަށް މީހަކު ޤަޟާ ރޯދައެއް މާދަން ހިފަން ނުހިފަން ހުއްޓާ ފަޖުރުވުމުން ދެން ހިފާނަމޭ ބުނެ، ދުވާލު ނުކައި ހުއްޓަސް އެ ރޯދަ ކަމު ނުދާނެއެވެ.

އެކަމަކު ސުންނަތް ރޯދައިގައި މިކަން އޮންނަ ގޮތް ތަފާތެވެ. ހެނދުނު ތެދުވެފައި ސައި ނުބޮއެ، ތިމަންނަ ދެން މި އަދު ސުންނަތް ރޯދައެއް ހިފާނީއޭ ކިޔާފައި ރޯދަ ހިފުމުން، އެ ރޯދަ ޞައްޙަވާނެއެވެ.

މުޠްލަޤް ސުންނަތް ރޯދަ ހިފަން، ރޭގަނޑު ނިޔަތް ގަތުން އެއީ ޝަރުޠެއް ނޫނެވެ. މީގެ ދަލީލަކީ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢާއިޝަތުގެފާނު އަރިހަށް ވަޑައިގަނެފައި، ކާނެ އެއްޗެއް އެބަހުރިތޯ ޙަދީޘްކުރެއްވުމުން، ޢާއިޝަތުގެފާނު އެއްޗެއް ނެތްކަމަށް ވިދާޅުވިއެވެ. ދެން ރަސޫލާ ޙަދީޘްކުރެއްވީ ”އެހެންވިއްޔާ އަހަރެން މި ރޯދަ ހިފީއެވެ. ” (މި ޙަދީޘްވަނީ މުސްލިމްގައި)

ނަމަވެސް ވަކި ދުވަހެއް ކަނޑައެޅިފައިވާ، ޢަރަފާތް، ޢާޝޫރާ ފަދަ ރޯދަ ހިފަން ރޭގަނޑު ނިޔަތް ގަންނަންވާނެއެވެ. ވާޖިބު ރޯދައެއް ހިފަން ފައްޓައިފިއްޔާ (ޤަޟާ، ނަދުރު، ކައްފާރާ) އެ ރޯދަ ފުރިހަމަކުރުން ލާޒިމެވެ. އުޒުރަކާ ނުލާ މިފަދަ ރޯދަ ކަނޑައިގެން ނުވާނެއެވެ. ނަމަވެސް ސުންނަތް ރޯދައެއް ކަމުގައި ވަންޏާ، ބޭނުން އިރަކު ބޭނުންވީމާ ކަނޑާލެވިދާނެއެވެ.

ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މިގޮތަށް ރޯދަ ދޫކުރެއްވީ، މީހަކު ކާ އެއްޗެއް ހަދިޔާއަކަށް އެރުވުމުންނެވެ. ވީމާ ޝަރުޢީ ގޮތުން އެކަށީގެންވާ ސަބަބެއް ނެތި ސުންނަތް ރޯދައަކަސް، އެ ރޯދަ މެދުކެނޑުން ރަނގަޅެއް ނޫނެވެ. އެއީ އެކަން ކުޅޭ ކުޅޭ ކަމަކަށް ނުހެދުމުގެ ގޮތުންނެވެ. ރޯދަމަސް ފެއްޓިއްޖެކަން ނޭނގި ނިދާފައި އޮވެފައި، ހެނދުނު ހޭލެވިއްޖެނަމަ ބާކީ އޮތް ވަގުތު ރޯދަ ހިފަންޖެހޭނެއެވެ. ނަމަވެސް ފަހުން އެ ރޯދަ ޤަޟާކުރަން ޖެހޭނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©