

ރަމަޟާން މަހަކީ އިލާހީ ރަހުމަތް އިންތިހާބައަށް ރަނަވަސްވެގެންވާ މާތް މައްސަރެއް ކަމަށާއި މި މާތް މައްސަރުގެ ރަހުމަތާއި، މަޣުފިރަތާއި ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކާ ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެ ގަތުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.
“ރޯދަމަހަށް އިސްތިޤުބާލުކުރުން”ގެ މައުޟޫއަށް، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ދިން ފަހު ހުކުރު ހުތުބާގައި ވިދާޅުވީ، ﷲ އީ އަޅުތަކުންގެ މައްޗަށް ނުހަނު އޯގާވަންތަ ރަހީމުވަންތަ އިލާހު ކަމަށާއި އެހެންކަމުން އިންސާނުންނަށް ހެޔޮކަމުގެ މޫސުމްތައް އެއިލާހު ލައްވާފައިވާ ކަމަށެވެ.
އެގޮތުން އެންމެހެޔޮކަން ބޮޑުވެގެންވާ މޫސުމަކީ، ކުރިމަތިވަމުން އަންނަ ބަރަކާތްތެރި ރަމަޟާން މަސް ކަން ފާހަކުރައްވާ ހުތުބާގައި ވިދާޅުވީ، ﷲ ވަނީ ރަމަޟާން މަސް އެހެނިހެން މައްސަރުތަކުގެ މައްޗަށް އެތައް ގޮތަކުން މާތްކުރައްވާފައިވާ ކަމަށެވެ.
އެ މަހަކީ ރަހުމަތާއި، ފާފަފުއްސެވުމާއި ނަރަކައިން ދިންނެވުން އެކުލެވިގެންވާ ބަރަކާތްތެރި މާތް މައްސަރެއް ކަމުން އެފަދަ ބަރަކާތްތެރި މާތް މައްސަރެއް ﷲ މިންވަރުކުރެއްވުމުން އެކަމަށް ޝުކުރުކޮށް އުފާކުރަން ހައްގުވެގެންވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ހުތުބާގައި ވަނީ، ރަމަޟާން މަހުގެ ރަހުމަތާއި މަޣުފިރަތާއި ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކާ ކުރަންޖެހޭ ފަސް ކަމެއް ފާހަގަކުރައްވައިފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަތުމަށް ހުތުބާގައި ގޮވާލެއްވިއެވެ.
އިމާމް ނަވަވީ ރަހިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި ޝަރީއަތުގައި ތައުބާވުމުނުގެ މާނައަކީ ތިން ކަމެއް ކުރުމެވެ. އެއީ:
ކުރެވުނު ކުށެއް ނުވަތަ ފާފައެއް ދޫކޮށްލުން
އެކުށަކާމެދު ދެރަވެ ހިތާމަކުރުން
ދުވަހަކު ވެސް އެފަދަ ފާފައެއް ނުކުރުމަށް ﷲގެ ހަޟްރަތުގައި އަޒުމްކަނޑައެޅުން
މި ތިން ޝަރުތު ފުރިހަމަކުރުމުްނ އަޅާ އާއި ﷲއާ ދެމެދުގައި ވާނަމަ ވާހައި ފާފައެއް ﷲ ފުއްސަވާނެ ކަމަށާއި ނަމަވެސް މީހެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ އެމީހެއްގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ރޯދަ ހިފުން
ރަމަޟާން މަހުގެ ރަހުމަތް ލިބިގަތުމަށް ދެވަނަ ކަމަކަށް ކުރަންޖެހޭ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވީ، މި މައްސަރުގައި ﷲ މިއުއްމަތުގެ މައްޗަށް ފަރުޟޫކުރައްވާފައިވާ ރޯދަހިފުން ކަމަށެވެ. އަދި ރޯދަ ފަރުޟޫ ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އިންސާނުންގެ ކިބާގައި ތަޤުވާގެ މާތް ސިފަ އަށަގެންނެވުން ކަމަށް ވިދާޅުވިއެވެ.
އަދި ރޯދައިގެ އަޅުކަން އަދާކުރެއްވިއްޖެނަމަ ﷲގެ ހަޟްރަތުން ލިބޭނެ ސަވާބާއި ދަރުމައިގެ މަތިވެރިކަން ވަރަށް ބޮޑުކަމަށް ހުތުބާގައި ވިދާޅުވިއެވެ.
“އީމާންވެހުރެ ﷲގެ ވަޖުހުފުޅު އަދައިގެން ރޯދަހިފައިފި މީހާގެ އިސްވެދިޔަ ފާފަ ދުއްސަވާދެއްވައެވެ،” ރަސޫލުﷲ صلى الله عليه وسلم ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
ގިނަ ވަގުތު ޤުރުއާން ކިޔެވުން
ހުތުބާގައި ވިދާޅުވީ، ތިންވަނައަށް ކުރަންޖެހޭ ކަމަކީ ކީރިތި ޤުރުއާން ކިޔެވުމުގައި ވީހާވެސް ގިނަވަގުތު ހޭދަކުރެވޭތޯ ބެލުން ކަމަށާއި އެހެނީ މި މައްސަރަކީ މާތްކުރެވުނު އެއްސަބަބު ކަމުގައިވަނީ ކީރިތި ޤުރުއާން މި މައްސަރުގައި ބާވައިލެއްވުން ކަމަށެވެ.
އެކަން އިޝާރާތްކުރައްވާ ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
“ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. އެ ޤުރުއާން ބާވައިލެއްވީ މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ހައްޤާއި ބާތިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ،”
ހުތުބާގައި ވިދާޅުވީ، ކީރިތި ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ސަވާބާއި ދަރުމަ ދިހަ ގުނައަށް އިތުރުވެގެންދާ ކަމެއްގެ ކަމަށާއި އޭގެ އިތުރުން ގިނަގިނައިން ޤުރުއާން ކިޔެވުމަކީ ޤިޔާމަތްދުވަހު ޤުރުއާން، އެމީހަކަށްޓަކާ ޝަފާއަތްތެރިވާނެ ކަމެއް ކަމަށެވެ.
ތަރާވީހު ނަމާދު ޖަމާއަތުގައި އަދާކުރުން
ހުތުބާގައި ވިދާޅުވީ، ރަމަޟާން މަހުގެ ރަހުމަތް ލިބިގަތުމަށް ހަތަރުވަނައަށް ކުރަންޖެހޭ ކަމަކީ ތަރާވީހު ނަމާދު ޖަމާއަތުގައި އަދާކުރުމަށް މަސައްކަތްކުރުން ކަމަށެވެ. އެހެނީ ރޯދަމަހުގެ ރޭތައް އަޅުކަމުގައި ހޭދަކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމުން، ދެރަކުއަތުން ދެރަކުއަތުން ރޭ އަޅުކަންކުރުމަށް ސުންނަތުން ސާބިތުވެފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އިމާމާ ނިމެންދެން ތަރާވީހުގެ އަޅުކަމުގައި މަޑުކޮށްފިނަމަ މުޅިރޭ އަޅުކަންކުރުމުގެ ސަވާބާއި ދަރުމަ ލިބޭ ކަމަށެވެ.
ހުތުބާގައި އިތުރަށް ވިދާޅުވީ ރޯދައަށް ތިބެގެން މުސްލިމުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި ނަމާދަކީ ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަން ކަމަށެވެ. އަދި ނަމާދު އަޅާފައި ކުރާ އެއްވެސް އަޅުކަމެއް ﷲ ގަބޫލެއް ނުކުރައްވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ދުއާކުރުން
ފަސްވަނައަށް ކުރަންޖެހޭ ކަމަކީ ދުއާކުރުން ކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ދުއާއަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި އަސްލު އަޅުކަމަކީ ދުއާކުރުން ކަމަށެވެ.
އެގޮތުން ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތުގެ މާނަގައިވަނީ:
“އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަހީ ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުއާ ކުރާށެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުއާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (ދުއާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ހާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ،”
