.
06 May 2019
މަޤްބޫލު ޙަބަރު

يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ [البقرة:183] މާނައީ؛ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.

މިއާޔަތުގައި ރޯދައިގެ ފައިދާތަކުގެ ތެރޭގައި ހަމައެކަނި ތަޤުވާވެރިވުމުގެ ޞިފަ މާތްﷲ ބަޔާންކުރެއްވީ ކީއްވެހެއްޔެވެ؟ އަހަރުގެ މަސަތަކުގެ ތެރެއިން ފުރިހަމަ އެއްމަސް ރޯދަހިފުމުގައި ހޭދަކުރަނީ ހަމައެކަނި އެންމެ ޞިފައެއްގެ މައްޗަށް މީހާ ހޭނެވުމަށްޓަކައިކަމަށް ޤަބޫލުކުރުވޭހެއްޔެވެ؟ އެއީ ތަޤުވާގެ މައްޗަށް މީހާ ހޭނެވުމަށެވެ. މިއާޔަތުގައި އިޚުލާޞްތެރިވުން ނުވަތަ ތެދުވެރިވުން ނުވަތަ ހެޔޮކަންކަމަށް އެދުންފަދަ ޞިފައެއްގެ ވާހަކަ ބަޔާންނުކުރައްވައި ހަމައެކަނި، ތަޤުވާވެރިވުމުގެ ވާހަކަ ބަޔާންކުރެއްވީ ކީއްވެހެއްޔެވެ؟

އެއީކީއްވެގެންކަން ތިބާއަށް އެގޭ ހެއްޔެވެ؟ އެއީ އެންމެހާ ޙާލަތެއްގައި މާތްﷲ ބައްލަވާ ވޮޑިގެންވާކަން އަބަދުމެ ހަނދާނުގައި ހުރުން އެންމެ ބޮޑީ ތަޤުވާވެރިޔާ ކިބައިގައިކަމަށް ވާތީއެވެ. އޭނާ ފާފައަކަށް ހުށަހެޅޭ ހިނދު މާތްﷲ ދެކެދެނިވޮޑިގެންވާކަން އޭނާގެ ހަނދާނަށް އާދެއެވެ. އެހައިރުން އޭނާ އުރެދުމެއްގެ މަތީގައިވަނިކޮށް މާތްﷲ އޭނާއަށް ބައްލަވާވޮޑިގަތުން ނޭދޭނެއެވެ. އަދި ހަމައެފަދައިން ހެޔޮކަމަކަށް ހުށަހެޅޭ ކޮންމެ ދަނޑިވަޅެއްގައި އެއްވެސް ޝައްކެއް ވަހުމެއްނެތް ގޮތުގައި އޭނާއަށް އެގޭނީ މާތްﷲއަކީ އެންމެ ރިވެތިކަންތައްތަކަށް ލޯބިކުރައްވާ ފަރާތްކަމާއި އެކަލާނގެ ޙަޟްރަތުގައި މަޤުބޫލުވާނީ ރަނގަޅު ރިވެތިކަންކަމެވެ. އެހެންކަމުން ތަޤުވާވެރިކަން މިވަނީ އެންމެހައި ހެޔޮ ޞިފަތައް އެއްކޮށް ޖަމާކުރާ ޞިފައެއްކަމުގައެވެ. ނުބައި އެންމެހާ ކަމެއް މަނާކުރާ ޞިފައެއްކަމުގައެވެ.

އިމާމް ޢަލީ (رضي الله عنه) ވިދާޅުވެފައިވެއެވެ. “التقوى هي: الخوف من الجليل، والعمل بالتنزيل، والرضا بالقليل، والاستعداد ليوم الرحيل” މާނައީ: “ތަޤުވާއަކީ ޖަލީލުވަންތަ އިލާހަށް ބިރުވެތިވެ، ބާވައިލެއްވުނު ފޮތަށް ޢަމަލުކޮށް، ލިބޭ މަދު އެތިކޮޅަށް ރުހިގެން، މަރުވާނެ ދުވަހަށް ތައްޔާރުވުމެވެ.” موسى بن أعين ވިދާޅުވެފައިވެއެވެ. “ތަޤުވާވެރިންނަކީ އެބައިމީހުންނަށް ޙަލާލުވެގެންވާ ކަންކަމުގެ ތެރެއިން ބައެއްކަންކަމާ ޙަރާމްގެ ތެރެއަށް ވާޞިލުވެދާނެތީ ދުރުވާ މީހުންނެވެ. މިސަބަބަށްޓަކައި މާތްﷲ އެބައިމީހުންނަށް މުއްތަޤީންގެ ނަންދެއްވިއެވެ.”

އަހަރެމެން ރަމަޟާންމަހުގައި ކުރަނީ މޫސާބިން އަޢުޔުން އެވިދާޅުވި ކަންތަކެވެ. މާތްﷲ ޙަލާލުކުރެއްވި ކެއުމާއި ބުއިމުގެ އިތުރުން ޝަހުވަތުގެ އެދުންތަކުން އެކަލާނގެއަށް ކިޔަމަންތެރިވުމުގެ ގޮތުން ދުރުހެލިވަނީއެވެ. އެއީ މާތްﷲ އަހަރެމެން ދުނިޔަވީ އެދުންތަކުގެ ޢާލަމުން، ނޫރާނިއްޔަ ޢާލަމަކަށް ވާޞިލުވުމަށް އިރާދަކުރެއްވިފަދައެވެ. އަދި ހަށިގަނޑުގެ ކާނާގެ ބަދަލުގައި ރޫޙުގެ ކާނާ ލިބިގަންނަނީއެވެ.

އަހަރުމެން ރަމަޟާންމަހުގެ ދުވާލު ތަޙައްމަލުކުރާ ހައިހޫނުކަމާއި ކަރުހިއްކުމުގެ ތެރެއިން ކެއުމާއި ބުއިމަށްވުރެ ހެޔޮވެގެންވާ ކޮއްތެއް ލިބިގަންނަމުއެވެ. އެއީ ތަޤުވާއެވެ. ސިއްރާއި ފާޅުގައި މާތްﷲއަށް ތަޤުވާވެރިވުމެވެ. އަދި އެތަޤުވާވެރިކަމުގެ ސަބަބުން އަހަރެމެންގެ ލޯތައް ކުރިމަތީގައި ފާފައިގެ މަގު ހަނޑިމުޑުދާރު މަގެއްކަމުގައި ވެދެއެވެ. އެއީ ތަޤުވާގެ ނޫރެވެ. އެނޫރާމެދުގައި طلق بن حبيب رحمه الله ވިދާޅުވިއެވެ. “التقوى أن تعمل بطاعة الله على نور من الله ترجو ثواب الله، وأن تترك معصية الله على نور من الله تخاف عقاب الله” މާނައީ: “ތަޤުވާއަކީ ތިބާ މާތްﷲއަށް ކިޔަމަންތެރިކަމާއެކު ޢަމަލުކުރުމެވެ. އެއީ މާތްﷲގެ ޙަޟްރަތުން ލިބޭ އަލިކަމެއްގެ މަތީގައެވެ. އަދި ﷲގެ ދަރުމައަށް އުންމީދުކުރާށެވެ. އަދިﷲއަށް އުރެދުން ދޫކޮށްލުމެވެ. އއީ މާތްﷲގެ ޙަޟްރަތުން ލިބޭ އަލިކަމެއްގެ މަތީގައެވެ. އަދި ﷲގެ ޢަޛާބަށް ބިރުވެތިވާށެވެ.”

Leave a Reply

Your email address will not be published.

haftha.mv ©