މުޙައްމަދު އިބްރާހިމް
06 May 2019
މަޤްބޫލު ޙަބަރު

ރަމަޟާން މަހަކީ ކުޑަކުދިންނަށް އުފާވެރިކަން ގެނުވާ މައްސަރެކެވެ. މުޅި ރަމަޟާން މަހަކީ ކުޑަކުދިންނަށް ޢީދެއް ފަދަ މަހެކެވެ. މިމާތް މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހެއެވެ. މިއީ އެކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ހެޔޮ ކަމާއި ތަޤުވާގެ މިމަސައްރު އަވަސްވެގަންނަންވީ އަހަރެމެންގެ ލޮލުގެ ނޫރުކަމުގައިވާ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރާށެވެ.

“ރޯދަ އެއީ ކޮން އެއްޗެއް؟” މިއީ އާންމުގޮތެއްގައި ރަމަޟާން މަސް އައުމާއެކު ދަރިން ކުރާ ސުވާލެކެވެ. އެސުވާލަށް ޖަވާބު ދިނުމުގައި ވަރަށް ސަމާލުވާންޖެހެއެވެ. “ނުކައި ނުބޮއެ” ހުރުމަކީ ރޯދަ ހުރުން ކަމުގައި ވިސްނައިދިނުމުގެ ބަދަލުގައި ރޯދައިގެ ހަގީގީ މަޤްސަދު ދަރިންނަށް ބުނެދޭށެވެ. އެގޮތުން ރޯދަ މަހުގައި ދަރިންނަށް ނަސޭހަތްދީ ހެޔޮ ކަންކަން ކުރުމަށް ބާރު އަޅާށެވެ. ނުކައި ނުބޮއެ ހުރުމުގެ އިތުރުން ކުރަންޖެހޭނެ ކަންކަން ލޯބިން ބުނެދޭށެވެ. ތިރީގައި އެވަނީ ރަމަޟާން މަހާއެކު ދަރިން ތަރުބިއްޔަތު ކުރާނެ ގޮތްތަކުގެ ތެރެއިން 5 ގޮތެވެ.

1) ރޯދައަށް ހުންނަން މަޖުބޫރު ނުކުރާށެވެ. ރޯދައަށް ހުރުމުގެ މުހިންމުކަން ދަރިފުޅަށް ވިސްނައިދޭށެވެ. ރޯދައަށް ހުރެ ކުރާނެ ހެޔޮ ޢަމަލުތައް ނޯޓުކޮށްގެން ނަމަވެސް ދަރިންނަށް ކިޔައިދޭށެވެ. އެކަން ކުރުމަށް ރޯދަ ޗާޓެއް ހެދިދާނެއެވެ. ކޮންމެ ދުވަހަކުވެސް ކުރާނެ ކަންކަން ޗާޓެއްގެ އެހީގައި ރާވާލާށެވެ. ދަރިންނާއެކު އެކަންކަން ކުރުމަށް އަޒުމް ކަނޑައަޅާށެވެ. ރަމަޟާން މަހުގައި ކުރާ އަޅުކަންތަކުގައި ދަރިންގެ ބައިވެރިވުން އޮންނަ ގޮތަށް ރާވާށެވެ.

މުޅި ދުވަހު ރޯދައަށް ނުހުރެވޭ ފަދަ ކުޑަކުއްޖެއްނަމަ ދުވަހުގެ އެއްބައިގައި ރޯދައަށް ހުރުމަށް ބާރުއަޅާށެވެ. ނުވަތަ ހަފްތާއަކު 1 ދުވަހު ނަމަވެސް ރޯދައަށް ބަހައްޓާށެވެ. ރޯދައަށް ނުހުރެވޭ ނަމަވެސް ހާރުކެއުމަށާއި ރޯދަ ވިއްލުމުގައި ދަރިން ބައިވެރިކުރާށެވެ. އެކަމުގެ ސަބަބުން ދަރިންނަށް ރޯދަ ހިފުމަށް ހިތްވަރު ލިބިގެންދާނެއެވެ.

އަދި ނަމާދު ވަގުތުތަކުގައި ނަމާދަށް މިސްކިތައް ދާއިރު ދަރިންވެސް ގެންދާށެވެ. ޤުރުއާން ކިޔެވުމާއި ޒިކުރު ކުރުމަށް ދަރިންނާއެކު ވަގުތު ހޭދަކުރާށެވެ. އޭރުން ރަމަޟާން މަހުގެ ފޮނިމީރުކަން އެކުދިންނަށް ލިބޭނެއެވެ. އަދި ރޯދަ ހިފުމަށް ހިތްވަރަކަށް އެކަންކަން ވެގެންދާނެއެވެ. ރޯދައަށް ހުންނަ ދުވަސްތަކުގައި ޢައިލާގެ މީހުންނަށް އެކަން އަންގާ ޢާއިލާގެ ފަރާތުން އެކުދިންނަށް ހިތްވަރުގެ ބަސްތައް ރައްދުކުރާށެވެ. ދަރިން ހެޔޮ ޢަމަލުކުރުމުގައި އަހަރެމެންގެ ހިތްވަރަކީ ވަރަށް މުހިންމު އެއްޗެކެވެ.

2) ހެޔޮ ޢަމަލުކުރުމުގައި ދަރިން ބައިވެރި ކުރާށެވެ. ރޯދަ ނުހިފޭވަރުގެ ކުޑަކުދިންނަށްވެސް ރޯދަ މަހުގެ ފޮނިމީރުކަން ލިބޭނެގޮތަށް ކަންކަން ރާވާށެވެ. އެގޮތުން ނަމާދު ޖަމާޢަތުގައި ކުރުމާއި ޤުރުއާން ކިޔެވުމަށް ވަކި ވަގުތެއް ކަނޑައަޅާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް ދަސްކޮށްދިނުމާއި ބަލިމީހުންނަށް ޒިޔާރަތްކުރުން ފަދަ ކަންކަމުގައި ޢަމަލީ ގޮތުން ދަރިންނާއެކު ބައިވެރިވާށެވެ.

ރޯދަ ވިއްލުމަށް މިސްކިތައް އެއްޗެހި ހަދިޔާ ކުރުން ފަދަ ކަންކަންވެސް ކުރެވިދާނެއެވެ. ބޭނުން ޖެހިފައިވާ މީހުންނަށް ސަދަޤާތް ކުރާއިރު ދަރިންވެސް އެކަމުގައި ބައިވެރިކުރާށެވެ.

3) ޢަމަލީ ގޮތުން ނަމޫނާ ދައްކާށެވެ. ދަރިންނަށް ދެވޭ އެންމެ ބޮޑު ތަރުބިއްޔަތަކީ މައިންބަފައިންގެ ފަރާތުން ފެންނަ ނަމޫނާއެވެ. ފެންނަ ކަންކަމުން އެކުދިން ނަމޫނާ ލިބިގަންނާނެއެވެ. އެހެންކަމުން ނަމޫނާ ދައްކައިގެން ދަރިންނަށް ކަންކަން ކިޔައިދޭށެވެ.

ރަމަޟާން މަހުގެ މުހިންމުކަން ދަރިންނަށް އެނގޭނެހެން ޢަމަލުތައް ބަހައްޓާނަމަ ދަރިންވެސް ބޮޑެތިވެގެން އަންނާނީ ރަމަޟާން މަހުގެ ހާއްސަކަން އެނގި ތިބެއެވެ. އެހެންކަމުން ރަމަޟާން މަސް ފަދަ މާތް މަހެއްގައި މިއީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ކުރަންޖެހޭ ކަމެއްކަން ޔަގީނެވެ.

4) ކެތްތެރިވާން ދަސްކޮށްދޭށެވެ. ރަމަޟާން މަސް އަހަރެންމެންނަށް ކުރިމަތިވަނީ ކެތްތެރިކަމުގެ އެތައް ފިލާވަޅުތަކަކާއި އެކުގައެވެ. ރޯދަ ހިފޭ އުމުރުގެ ކުދިންނަށްވެސް ރޯދައަށް ހުންނައިރު ބަނޑުހައިކަން އިހުސާސްވެ ރޯދަ ދޫކޮށްލަން ބޭނުންވެ އެވާހަކަ ދައްކާނެއެވެ. އެހެނަސް އެކުދިންނަށް ހިތްވަރުދީ ރޯދަ ހިފުމަށް ބާރު އަޅާށެވެ.

އަދި ރޯދައަށް ހުންނައިރު ދުނިޔޭގެ ކަންކޮޅުތަކުގައި ބަނޑުހައިކަން ތަހައްމަލުކުރަމުންދާ މީހުންގެ ހާލު ދަރިންނަށް ކިޔައިދޭށެވެ. ފަގީރުކަމުގެ ސަބަބުން ކާ އެއްޗެއް ނުލިބޭ މީހުންވެސް މިބަނޑުހައިވާނެކަން ކިޔައިދޭށެވެ. އަހަރުމެން ރަމަޟާންމަހުގެ ދުވާލު ތަޙައްމަލުކުރާ ހައިހޫނުކަމާއި ކަރުހިއްކުމުގެ ތެރެއިން ކެއުމާއި ބުއިމަށްވުރެ ހެޔޮވެގެންވާ ކޮއްތެއް ރޯދައިގެ ސަބަބުން ލިބިގަންނަކަން ދަރިންނަށް ކިޔައިދޭށެވެ.

5) ރޯދަ ހިފާއިރު އިޚްލާސްތެރިވުމަށް ނަސޭހަތްދޭށެވެ. އެމީހަކު އެކުރި ޢަމަލެއް ބިނާވެގެންވަނީ އެމީހެއްގެ ނިޔަތުގެ މައްޗަށެވެ. ރޯދައަކީ ﷲއަށްޓަކައި ކުރާކަމެއްގެ ގޮތުގައި ދަރިންނަށް ވިސްނައިދޭށެވެ. މަންމަ ނުވަތަ ބައްޕަ ބުނީމަ ރޯދައަށް ހުރުމުގެ ބަދަލުގައި ރޯދައިގެ ސަވާބާއި ދަރުމަ ލިބުމަށްއެދި ހިތްނިޔަތް ޚާލިސްކޮށް ރޯދަ ހިފަންޖެހެއެވެ. އެހެންނޫނީ ރޯދައިގެ ސަބަބުން ލިބެންޖެހޭ ފައިދާއެއް ނުލިބޭނެއެވެ.

މިއީ ތަކުރާރުކޮށް ދަރިންނަށް ޅައުމުރުގައި ކިޔައިދޭންޖެހޭ މުހިންމު ފިލާވަޅެކެވެ. ރޯދައިގެ ހަގީގީ މަޤްސަދު ފަހުމް ނުވުމުގެ ސަބަބުން މިއަދުގެ މުޖުތަމައުން ރޯދައަށް ނުހުންނަ މީހުން ފެންނަމުންދެއެވެ. އަދި މީގެ އިތުރުން ރޯދައަށް ހުންނަ މީހުންގެ ތެރެއިންވެސް އަޅުކަމެއް، ހެޔޮ ޢަމަލެއް ނުކުރާ މީހުން އުޅޭކަމީވެސް ހިތާމަހުރި ކަމެކެވެ.

ދުޢާ އަކީ މިރަމަޟާން މަސް ނިމިގެންދާއިރު އަހަރެމެންގެ ދަރިންނަކީ ހެޔޮ ޢަމަލުކުރުމަށް ހިތްޖެހިފައިވާ ދަރިންތަކެއް ކަމުގައިވުމެވެ. އަދި އެދަރިންނަށް ރޯދައިގެ އައްޑަނައިން ހިމާޔަތްލިބި ދެ ދުނިޔޭގެ ބާއްޖަވެރި ދަރިންކަމުގައި ލެއްވުމެވެ. އެބޭކަލަކަށް މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން މާތްﷲގެ ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލައްވާށި) ޙަދީސްކުރެއްވިކަމަށް ރިވާކުރެވި ބަސްފުޅުގެ މާނާގައިވަނީ

“ރޯދައަކީ އައްޑަނައެކެވެ. ނުބައިބަސްތައް ބުނެ ޖާހިލުކަމުގެ ޒުވާބުތައްކޮށް ނަހަދާށެވެ. އަދި އެމީހަކާ ދިމާލަށް މީހަކު އަރައިރުންވެ، ބަދުބަހެއް ބުނެއްޖެނަމަ، ބުނާށެވެ. ތިމަންމިހިރީ ރޯދައަށެވެ ދެފަހަރަށް އެހެންބުނާށެވެ. އަދި ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ޔަދުޤުދުރަތްޕުޅުގައިވާ ފަރާތް ގަންދީ ބުނަމެވެ. ރޯދަވެރިޔާގެ އަގައިން ދުވާވަސް މިސްކުގެ ވަހަށްވުރެ މާތްﷲގެ ޙަޟްރަތުގައި މާތްކަން ބޮޑުވެގެންވެއެވެ. (ﷲވަޙީކުރައްވައެވެ.) އޭނާގެ ކެއުމާއި ބުއިމާއި ޝަހުވަތު ދޫކޮށްލަނީ ތިމަން ރަސްކަލާނގެއަށްޓަކައެވެ. ރޯދަވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އަދި އެރޯދައަށް އެންމެ ހެޔޮ ޖަޒާ ތިމަންރަސްކަލާނގެ ދެއްވާނަމެވެ. އަދި ކޮންމެ ހެޔޮކަމަކަށް ދިހަދަރުމަވެއެވެ.”

Leave a Reply

Your email address will not be published.

haftha.mv ©