މުޙައްމަދު އިބްރާހިމް
07 May 2019
މަޤްބޫލު ޙަބަރު

ރަމަޟާން މަހަކީ ރޯދަ ހިފުމުގެ ނަސީބު ލިބިގެންދާ މައްސަރެވެ. އެމައްސަރުގެ ސަބަބުން ސުވަރުގެއަށް ދިއުމުގެ ނަސީބު ލިބިގެންދާ މައްސަރެވެ. އަދި ލައިލަތުލް ޤަދުރި ހިމެނޭ ނަސީބުވެރިންގެ މައްސަރެވެ. ނަސީބުން ފުރިގެންވާ މިމައްސަރުގައި ވެސް ބަދުނަސީބުވެރި ބަޔަކުވެއެވެ. އެންމެ ބަދުނަސީބު ރޯދަވެރިންނަކީ ރޯދައިގެ އަޅުކަމުގެ ސަބަބުން ހަމައެކަނި ކަރުހިތްކެވުމާއި ބަނޑުހައި ހޫނުކަން އިހުސާސްވާ މީހުންނެވެ.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނާގައިވަނީ “ފަހަރުގައި ރޯދަވެރިއަކަށް ބަނޑުހައިކަމާއި ކަރުހިއްކުން ފިޔަވާ އިތުރު އެއްޗެއް އޭނާގެ ރޯދައިގެ ސަބަބުން ނުލިބިދާނެއެވެ. އަދި ފަހަރުގައި ރޭއަޅުކަންކުރާ މީހަކަށް އޭނާގެ ރޭއަޅުކަމުގެ ސަބަބުން ރޭގަނޑު ހޭލާހުރުން ފިޔަވާ އިތުރު އެއްޗެއް ނުލިބިދާނެއެވެ.”

އިސްވެ ދެންނެވި ހަދީޡްގައި އެބުނާފަދަ މީހުންނަކީ ކޮބައި ހެއްޔެވެ؟ ނަމެއްގައި ރޯދައަށް ހުރުމަކީ ކޮބާވާއެވެ؟

– ނަމާދު ނުކުރާ ރޯދަވެރިޔާ:
ނަމާދާއި ރޯދައަކީ އިސްލާމް ދީނުގެ މުހިންމު ދެ އަސާސެވެ. ނަމާދު އެޅުމަކީ ފާފައެކެވެ. ރޯދަ ހިފާއިރު އެފާފަ ބޮލުގަ އަޅައިގެން ރޯދަ ހިފުން ހެޔޮވެގެންވާނީ ކިހިނެއް ހެއްޔެވެ؟ އެހެންކަމުން ނަމާދު ނުކޮށް ރޯދަ ހިފާ ރޯދަވެރިންނަށް އޮތް ނަސޭހަތަކީ ރޯދައަށް ހުންނައިރު އޭގެ ހަގީގީ ފޮނިމީރުކަން ލިބިގަންނާށެވެ. ނަމާދުން ރޯދަވެރިޔާގެ ރޯދަ އިތުރަށް ފުރިހަމަކުރުމަށް އެހީއަކަށްވެގެންދެއެވެ.

– ޤުރުއާން ނުކިޔަވާ ރޯދަވެރިޔާ:
ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވި މައްސަރެެވެ. އެއީ ޤުރުއާނުގެ މައްސަރެވެ. އެހެންކަމުން ރޯދަވެރިޔާއަކީ ޤުރުއާނާއި ގާތް މީހަކަށް ވާންޖެހެއެވެ. ޤުރުއާނުގެ ކޮންމެވެސް މިންވަރެއް ރޯދަވެރިޔާ ކިޔަވަންޖެހެއެވެ. ރޯދައަށް ހުންނައިރު ޤުރުއާން ކިޔުވުމުގައި ދުވަހުގެ ކޮންމެވެސް ވަގުތެއް ހުސްކުރާށެވެ. އޭރުން ރޯދަވެރިޔާ ހިފަމުންދާ ރޯދައަށް އިތުރު ފުރިހަމަކަން ގެނެސްދޭނެއެވެ.

– ހެޔޮ ޢަމަލު ނުކުރާ ރޯދަވެރިޔާ:
ހެޔޮ ޢަމަލުން ރޯދަވެރިޔާ ޖަރީވާންޖެހެއެވެ. ރޯދައަށް ހުންނަ ވަގުތުގައި ކޮންމެ ދުވަހަކުވެސް ކޮންމެވެސް ހެޔޮ ކަމެއް ކުރަންވާނެއެވެ. ޢާއިލާ މީހުން ކައިރިއަށް ޒިޔާރަތްކުރުމާއި ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ އިތުރުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރަކަށް ސަދަޤާތްކުރަންވާނެއެވެ. ރޯދައަށް ހުންނައިރު ހެޔޮކަމުގެ މީޒާން ބަރުކުރަން މަސައްކަތްކުރާށެވެ.

– ރޭ އަޅުކަން ނުކުރާ ރޯދަވެރިޔާ:
ރަމަޟާން މަހުގެ ރޭތައް ހެޔޮ ގޮތުގައި ބޭނުންކުރުމަކީ ރަމަޟާން މަހުގެ ނަސީބުވެރިންގެ ސިފައެކެވެ. ދުވާލު ރޯދައަށް ހުރެ ރޭގަނޑު އަޅުކަމުގައި ވަގުތުތައް ހޭދަކުރާ އަޅުންނަށް ހުރި ހެޔޮ ޚަބަރު ރަސޫލާ ވަނީ ދެއްވާފައެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. “އީމާންކަމާއި އިޙްތިސާބާ އެކު ރަމަޟާން މަހު ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަހައި ފާފަތަކެއް ފުއްސަވައިދެއްވާހުއްޓެވެ.” (އަލްބުޚާރީ: ކިތާބުއްޞައުމި)

މީގެ އިތުރުންވެސް ބަދުނަސީބު ރޯދަވެރިންގެ ސިފަތައްވެއެވެ.

އަޅަމެންނީ ނަަސީބުވެރި ރޯދަވެރިއެއް ކަމުގައި ލައްވާށެވެ. “ބަދުނަސީބު ރޯދަވެރިން”ގެ ތެރޭގައި އަޅަމެން ނުލައްވާންދޭވެ! ރަމަޟާންމަހުގައި ރޯދަހިފައި އެރޯދައަށް ރައްކާތެރިވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އަދި ފާފަކުރުމުގެ ސަބަބުން ކުރާ ޢަމަލުތައް ކިލަނބުކޮށްލާ ބަޔަކުކަމުގައި އަޅަމެން ނުލައްވާނދޭވެ!

Leave a Reply

Your email address will not be published.

haftha.mv ©