މުޙައްމަދު އީމާން
09 May 2019
މަޤްބޫލު ޙަބަރު

ރަސޫލުﷲ صلى الله عليه وسلم ގެ އެތައް ހަދީޡެއްގައި “ރޯދަ އަކީ އައްޑަނައެއް”ކަމަށް އައިސްފައިވެއެވެ. ސުވާލަކީ ރޯދަ އަކީ އައްޑަނައަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ ރޯދައަކީ އައްޑަނައެއްގެ ގޮތުގައި ރޯދަ ސިފަކުރެއްވީ ކީއްވެތޯއެވެ. ރަސޫލުﷲ صلى الله عليه وسلمގެ ހަދީޡްތަކަށް ނަޒަރު ހިންގާލާއިރު އެކި ހާލަތްތަކުގައި ރޯދައަކީ އައްޑަނައެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

– ރޯދަ އަކީ ޝަހުވާނީ ކަންކަމުން ދުރުކޮށްދޭނެ އައްޑަނައެއް ކަމަށް ރަސޫލުﷲ صلى الله عليه وسلم ވަނީ ހަދީޡް ކުރައްވާފައެވެ. ކައިވެނި ކުރުމަށް ކުޅަދާނަވެގެންނުވާ ޒުވާނުންނަށް ރޯދަ ހިފުމަށް އަންގަވައި އެއީ ރައްކާތެރިކަމެއް ކަމުގައި ޙަދީޡް ކުރައްވާފައިވެއެވެ. ޝަހުވާނީ އެދުމުގެ ފަހަތުން މީހާ ދިއުމުން ރައްކާތެރިކޮށްދޭ އައްޑަނައެއް ކަމަށް ރަސޫލުﷲ صلى الله عليه وسلمގެ ޙަދީޡަކުން އެނގެއެވެ.

– ރޯދައަކީ ހުތުރު ވާހަކަތަކާއި ހުތުރު ޢަމަލުތަކުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެއް ކަމަށް ރަސޫލުﷲ صلى الله عليه وسلم ވަނީ ހަދީޡް ކުރައްވާފައެވެ. އެހެންކަމުން ރޯދައަށް ހުރެ ޒުވާބު ކުރުމާއި އަރާރުންވުމުން ދުރުހެލިވާންޖެހެއެވެ.

އަބޫހުރައިރަތުގެފާނުގެ އަރިހުން ރަސޫލުﷲ صلى الله عليه وسلم ޙަދީޡްކުރެއްވިކަމަށް ރިވާކުރެވި ބަސްފުޅުގެ މާނާގައިވަނީ “ރޯދައަކީ އައްޑަނައެކެވެ. ނުބައިބަސްތައް ބުނެ ޖާހިލުކަމުގެ ޒުވާބުތައްކޮށް ނަހަދާށެވެ. އަދި އެމީހަކާ ދިމާލަށް މީހަކު އަރައިރުންވެ، ބަދުބަހެއް ބުނެއްޖެނަމަ، ބުނާށެވެ. ތިމަންމިހިރީ ރޯދައަށެވެ ދެފަހަރަށް އެހެންބުނާށެވެ. އަދި ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ޔަދުޤުދުރަތްޕުޅުގައިވާ ފަރާތް ގަންދީ ބުނަމެވެ. ރޯދަވެރިޔާގެ އަގައިން ދުވާވަސް މިސްކުގެ ވަހަށްވުރެ މާތްﷲގެ ޙަޟްރަތުގައި މާތްކަން ބޮޑުވެގެންވެއެވެ.”

– ރޯދަ އަކީ ޙަރާމް ކަންތައްތަކުން ކަންފަތާއި ދޫ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. ރޯދައަށް ހުރެ ތިބާގެ ކަންފަތުން އިވޭ އަޑުތަކަށް ރައްކާތެރިވާންޖެހެއެވެ. އަދި ލޮލުން ފެންނަ ތަންތަނަށްވެސް ރައްކާތެރިވާންޖެހެއެވެ. ރޯދައަށް ހުންނަ އިރު ހާއްސަ ގޮތެއްގައި ނަފްސުރައްކާތެރިކުރަންޖެހެއެވެ.

ޖާބިރު ބުން ޢަބްދުﷲ އަލްއަންޞާރީ رضي الله عنه ވިދާޅުވި ބަސްފުޅުގެ މާނައަކީ “ތިބާ ރޯދަ ހިފާއިރު، ތިބާގެ އިވުމާއި، ފެނުމާވެސް ރޯދައަށް ބަހައްޓާށެވެ. އަދި ދުލުން ދޮގުހެދުމާއި، ޙަރާމްކަންކަން ކުރުމުން ދުރުހެލިވާށެވެ. އަދި ޚާދިމުންނަށް އުނދަގޫ ކުރުމުން ދުރުވާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހު މަޑުމައިތިރިކަމާއެކު ހަމަޖެހިގެން އުޅޭށެވެ. ތިބާ ރޯދައަށް ހުންނަ ދުވަހާއި ރޯދައަށް ނުހުންނަ ދުވަސް އެއްފަދަ ނުކުރާށެވެ.”

ތެދެކެވެ. ރޯދަ އަކީ ދުނިޔެއާއި އާޚިރުގައިވެސް މުސްލިމުންނަށް ހުރި އައްޑަނައެކެވެ. އަބޫހުރައިރާ رضى الله عنه ގެ އަރިހުން މުސްލިމް ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޡްކުރެއްވިއެވެ. “ރޯދައަކީ އައްޑަނައެކެވެ.”

ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކޮށް ރޯދަ ހިފަމުންދާއިރު އެއައްޑަނައިގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހެއެވެ. އެއައްޑަނަ އަޅުގަނޑުމެންނަށް ބައްދަލުކުރަނީ އަހަރު 1 ފަހަރުކަމުގައިވުމުން މިފުރުސަތު ނަގާލައިގެން ނުވާނެއެވެ.

ރޯދަ އަކީ ހަމައެކަނި މާތްﷲގެ ޙަޟްރަތަށް ޚާއްޞަވެގެންވާ އަޅުކަމެކެވެ. އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވާ ޤުދުސިއްޔަ ޙަދީސެއްގައި، މާތްﷲ ރަސޫލާ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްހުރި) ޙަދީސްކުރެއްވިއެވެ.

“قَالَ اللَّهُ عَزَّ وَجَلَّ: كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِى بِهِ” [متفق عليه]

މާނައީ؛ “މާތްﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިއާކުރާ ހުރިހާ ޢަމަލެއްވެސްވަނީ އޭނާއަށެވެ. ރޯދަފިޔަވައެވެ. ރޯދަ ޚާއްޞަވެގެން ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އެރޯދައަށް ހެޔޮ ޖަޒާދެއްވާނަމުއެވެ.”

މަތްﷲ އަޅަމެންނަށް ދެއްވާފައި މިވާ ޙާއްސަ އައްޑަނައިގެ ބޭނުން ހިފާ ބައެއް ކަމުގައި އަޅަމެން ލައްވާށިއެވެ. އާމީން!

Leave a Reply

Your email address will not be published.

haftha.mv ©