މުޙައްމަދު އީމާން
10 May 2019
މަޤްބޫލު ޙަބަރު

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދުގެ ހުތުބާގައި މި މައްސަރުގައި ކޮންމެ ފަރުދަކު ވެސް ކުރަންވީ އެތައް ކަމެއް ފާހަގަކުރައްވާ ގިނަ ނަސޭހަތްތަކެއް ދެއްވައިފިއެވެ.

“ރަމަޟާންމަހަކީ އީމާންކަމާއި ހެޔޮއަމަލުގެ މައްސަރު” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ރަމަޟާން މަހުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާންޖެހޭ ކަމަށެވެ.

އެގޮތުން ވެރިން ރައްޔިތުންނަށް، މަސްއޫލުވެރިން އެމީހުންގެ މުވައްޒަފުންނަށް، މުދައްރިސުން ދަރިވަރުންނަށް ކަންތައްތައް ރާވާ ހިނދު، ނަމާދު ވަގުތުތައް ފާއިތުނުވާ ގޮތަށް ކަންތައްތައް ރާވަންޖެހޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ ފަރުޟު ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރި ވާންޖެހޭނެ ކަމަށެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ރަމަޟާން މަހަކީ އެކުވެރިވެ، ރޫޅިފައިވާ ސަފުތައް އެއްވާންވީ މައްސަރު ކަމަށާއި އެއީ ގައުމުގެ މަސައްލަހަތު ކުރިއަށް ނެރެ މަސައްކަތްކުރަންވީ މައްސަރު ކަމަށެވެ.

“(ރަމަޟާން މަހަކީ) ކިލަނބު ވެފައިވާ ހިތްތައް އެކުވެރިކުރުވަންވީ މައްސަރެވެ! ގައުމުގައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވާންވީ މައްސަރެވެ! ކާބޯތަކެތިގެ އަގުތައް އެހެން މައްސަރުތަކަށްވުރެ ހެޔޮކުރަންވީ މައްސަރު ވެސް މެއެވެ،” ހުތުބާގައި ވިދާޅުވިއެވެ.

އަދި ރަމަޟާން މަހުގައި އެކުވެރިކަމުގެ އާ ސަފްހާތަކެއް ހުޅުވާލުމަށާއި ރަމާޟާން މަހަށްފަހު، އެކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ގޮވާލައްވައިފައެވެ.

ރަމަޟާން މަހަކީ ތައުބާގެ މައްސަރު ކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ތައުބާގެ ދޮރު ﷲ ހުޅުވައި ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެކަލާނގެ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތައުބާ ލެއްވުން ﷲގެ ހަޒްރަތުން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭ މީހުންނަށެވެ. ފަހެ،ﷲ، އެއުރެންގެ މައްޗަށް ތައުބާ ލައްވަތެވެ.އަދި މޮޅަށް ދެނެވޮޑިގެންވާ ހަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”

Leave a Reply

Your email address will not be published.

haftha.mv ©