.
14 May 2019
މަޤްބޫލު ޙަބަރު

ރޯދައަށް ހުރިކަން ހަނދާން ނެތިގެން އެއްޗެއް ކައި ނުވަތަ ބޮއެ ހެދިއަސް އޭނާގެ ރޯދަ ޞައްޙަވާނެއެވެ. ނަމަވެސް އެއީ އޭނާ ހުރީ ރޯދައަށް ކަން ހަނދާން ވުމަށްފަހު އިތުރަށް ދެން ކެއުން ކުރިއަށް ނުގެންދާނަމައެވެ. އަދި މިފަދަ މީހަކު އެ ރޯދަ ޤަޟާ ކުރާކަށް، އަދި ކައްފާރާއެއް ދޭކަށްވެސް ނުޖެހޭނެއެވެ. ހަނދާން ނެތިގެން ކެވިއްޖެނަމަ ޖެހޭނީ ރޯދަ ދޫނުކޮށް ފުރިހަމަ ކުރާށެވެ. މި ޙުކުމުގައި ފަރުޟު ރޯދައާއި ސުންނަތް ރޯދަ ހަމަހަމައެވެ.

ބުޚާރީއާއި މުސްލުމުގައި ވާރިދުވެފައިވާ ޙަދީޘެއްގައިވަނީ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ

މާނައަކީ: “އޭނާ ރޯދައަށް ހުރިކަން ހަނދާން ނެތި، ކައި ނުވަތަ ބޮއެފިނަމަ، ފަހެ އޭނާގެ ރޯދަ ފުރިހަމަ ކުރާށެވެ. ފަހެ ހަމަކަށަވަރުން އެނާއަށް ކާން ދެއްވާ ބޯން ދެއްވީ މާތް ﷲ އެވެ.”

އެހެން ޙަދީޘެއްގައި ވެއެވެ: عَنْ أبِي هرَيرَة أن النَبي -صَلى الله عَلَيه وَسَلم- قَال ” مَنْ أَفطَرَ فِيْ رَمَضَان -نَاسِيًا- فَلا قَضَاء عَلَيْهِ وَلَا كَفارَة ” قال الحافظ بن حجر: إسناده صحيح

މާނައަކީ: ”ހަނދާންނެތި ހުރެ ރޯދަމަހު (ދުވާލު) ރޯދަ ކެނޑިއަސް، ފަހެ އޭނާގެ މައްޗަށް ޤަޟާކުރުމެއް އަދި ކައްފާރާއެއް ވެސް ނެތެވެ.”

ރޯދައަށް ހުރެ ހަނދާންނެތިގެން ކައިބުޔަސް ރޯދަ ބާޠިލު ނުވާނެކަމާއި ކިއެއްތަ އެ ރޯދަ ފުރިހަމަ ކުރަންޖެހޭނަކަން، މި ޙަދީޘުތަކުން އެބަ އެނގެއެވެ.

ސުންނަތް ރޯދައާއި މެދުވެސް ކަންތައް އޮތީ ހަމަ މި ބީދައިންނެވެ. އެއީ ޙަދީޘުގެ ޢާއްމު މާނާގައި ފަރުޟު ރޯދައާއި ސުންނަތް ރޯދަވެސް ހިމެނޭތީއެވެ. އަދި ރޯދަ ނުގެއްލުމުގެ ޢުޛުރު ކަމުގައި މިތާނގައި ބެލެވޭ ”ހަނދާން ނެތުން”އެއީ ފަރުޟު ރޯދައެކޭ އެއް ގޮތަށް ސުންނަތް ރޯދައިގައިވެސް ދިމާވެދާނެ ކަމެކަށް ވާތީއެވެ.

ހަމަ މި ބީދައިން ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ: عَنْ ‏ ‏أَبِي ذَرٍّ الْغِفَارِيِّ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِنَّ اللَّهَ تَجَاوَزَ عَنْ أُمَّتِي الْخَطَأَ وَالنِّسْيَانَ وَمَا اسْتُكْرِهُوا عَلَيْهِ

މާނައަކީ: ”ހަމަ ކަށަވަރުން މާތް ﷲ، ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް، އޮޅިގެން ނުބައިކޮށް ކުރެވޭ ކަންތަކާއި، ހަނދާންނެތި ކުރެވޭ ކަންތަކާއި، މަޖުބޫރު ކަމުގެ ދަށުގައި ކުރުވޭ ކަންތައް ނު ގުނުއްވަވާނެއެވެ.”

އަލްއަޙްޒާބް ސޫރަތުގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ: وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَكِنْ مَا تَعَمَّدَتْ قُلُوبُكُمْ وَكَانَ اللَّهُ غَفُورًا رَحِيمًا

މާނައަކީ: “އަދި ތިޔަބައިމީހުންނަށް ނޭންގި، ކުށުން ކުރެވުނު ކަމަކަށް އެއްވެސް ފާފައެއް ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަމަކު ފާފައެއްކަމުގައި ހިމެނޭނީ ތިޔަބައިމީހުންގެ ހިތްތަކުން އެކަންތަކަށް ޤަޞްދުކުރިން ކަންތަކެވެ. އަދި މާތް ﷲ އީ ފާފަފުއްސަވާ ރަޙީމުވަންތަ ކަލާނގެއެވެ. ”

މީގެ އިތުރުން ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا

މާނައަކީ :” އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އަޅެމެން ހަނދާންނެތިގެން، ނުވަތަ ކުށުން ކުރެވޭ ނުރަނގަޅުކަންތައްތަކަށް އަޅަމެންނަށް ޢަޛާބުނުދެއްވާންދޭވެ.”

Leave a Reply

Your email address will not be published.

haftha.mv ©