Wed, 19 February, 2020, 3:39 am
ޞަދަޤާތް: ހަޔާތުގައި ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް!

ޞަދަޤާތަކީ ބަލިތަކަށް ހުރި ފަރުވާއެއް:

ޞަދަޤާތަކީ ހުރިހާބައްޔަކަށް ހުރި ފަރުވާއެކެވެ، رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [ داووا مرضاكم باالصدقة ] މާނައީ: ” ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާށެވެ.” އެހެންކަމުން ބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަވުމަށް އެދި ޞަދަޤާތް ކުރާށެވެ.

ޞަދަޤާތް ކުރުމުގައި ހިތް ނިޔަތް ހާލިސްކުރުން:

ޞަދަޤާތް ބާތިލްވާފަދަ ޢަމަލެއް ނުކުރާށެވެ، މީހަކަށް ޞަދަޤާތް ދިނުމަށްފަހު އެވާހަކަ ދެއްކުމަކީ ޞަދަޤާތް ކުރުމެއް ނޫނެވެ. އެއީ ކަލަގޮވުމެވެ. ޞަދަޤާތް ކުރުމަށްފަހު ޞަދަޤާތް ކުރިކަމުގެ ވާހަކަ ދައްކާނަމަ ސަދަޤާތް ބާޠިލް ކޮށްލާނެ ކަމެކެވެ. މާތް ﷲ سورةالبقرة ގެ 264 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ

“އޭ އީމާންވެއްޖެ މީސްތަކުންނޭ! އެއްޗެތި ކިޔުމާއި، އިހާނެތިކޮން ހިތުމުގެ ސަބަބުން ތިޔަބއިމީހުން ދޭ ޞަދަޤާތް ބާޠިލް ނުކުރާހުށިކަމެވެ.އެފަދަ މީހާއީ މީސްތަކުންނަށް ދައްކަން އޭނާގެ މުދާ ހޭދަކުރާ މީހާފަދަ މީހެކެވެ. އެނާ އެކަން ކުރަނީ ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވެސް ނުވެ ހުރެއެވެ. އެފަދަ މީހާގެ މިސާލަކީ އެމައްޗަށް ހިމުން ވެލި އެޅިފައިވާ އޮމާން ހިލަގަނޑެއްގެ މިސާލެވެ. ދެން ފަހެ އެ ހިލަގަނޑުގެ މައްޗަށް ބޯވާރޭ ގަޑެއް ވެހުމުން އެ މަތީގައި ހުރިވެލިތައް ދޮވޮވިގެން ގޮސް ހުސް ހިލަގަނޑަކަށް ވެދެއެވެ.އެފަދަ މީހުންމަސައްކަތްކޮށްގެން ހޯދާފައިވާ އެއްޗެތީގެ މައްޗަށް އެމީހުންގެ އެއްވެސް ބާރެއް ނުފޯރާ ހުއްޓެއެވެ. ކާފިރުވެއްޖެ ޤައުމެއްގެ ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.”

ރަމަޟާން މަހު ޞަދަޤާތް ކުރުން އިތުރުކުރުން:

ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ހޯދަން އެދޭމީހާއަށް އޮތީ ހަމައެކަނި ރޯދަ ހިފުމެއް ނޫނެނެވެ. ރަމަޟާން މަހު ޞަދަޤާތް ކުރާށެވެ. އެހެނީ ރަމަޟާން މަހު ކުރާ ހެޔޮ އަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް ﷲ ތަޢާލާ އިތުރުކޮށްދެއްވައެވެ. ވީމާ ކުރާ ޞަދަޤާތުން ލިބޭ ސަވާބުވެސް އެހެން މަސްމަހު ކުރާ ޞަދަޤާތަށްވުރެ އެތައް ގުނައަކަށް އިތުރުކޮށްދެއްވާނެކަމަށް ޤުރުއާނާއި ހަދީސުން އެނގެއެވެ. އެހެންކަމުން ރަމަޟާން މަހު ޞަދަޤާތް އިތުރު ކުރަމާހެވެ. ރޯދަ ވީއްލުން ދިނުމާއި ޞަދަޤާތް ދިނުން ވެސް އިތުރު ކުރަމާހެވެ.

އެންމެ ހެޔޮކަން ބޮޑު، އެންމެ މާތް ޞަދަޤާތަކީ ރަމަޟާން މަހުގައި ކުރެވޭ ޞަދަޤާތެވެ. އެއީ ޞަދަޤާތް ކުރެވޭ ވަގުތު ކަމުގައިވާ ރަމަޟާން މަހުގެ މާތްކަމުގެ ސަބަބުންނެވެ. އަދި އެޞަދަޤާތަކީ ބޭނުން ޖެހިފައިވާ ރޯދަވެރިންނަށް ދެވޭ އެހީތެރިކަމަކަށް ވާތީ އެ ޞަދަޤާތް ސަވާބާއި ދަރުމަ އިތުރުވެގެންދެއެވެ.

ހެޔޮ ބަހަކީ ޞަދަޤާތެއް:

ރަސޫލާ صلّى اللّـه عليه وسلّم ގެ އިރުޝާދުން އެނގޭ ގޮތުގައި ހެޔޮ ބަހަކީ ޞަދަޤާތެކެވެ. ތިމާގެ ވަށައިގެންވާ މީހުންނަށް ހެޔޮ ކަންކަން ކުރުމަށް ހަނދާންކޮށްދޭށެވެ، ދެމަފިރިން އެކަކު އަނެކަމަށް ހެޔޮ ކަންކަމަށް ވަސިއްޔަތް ކުރުމާއި ދަރިންނަށް ހެޔޮ ކަންކަމަށް ބާރުއަޅާށެވެ. އެބަސްތަކުގެ ސަބަބުން ތިމާގެ ހެޔޮކަމުގެ ފަތް ބަރުވެގެންދާނެއެވެ. އެހެޔޮކަންތަކަށް ގޮވާލުމުން އެމީހަކު އެ ހެޔޮކަމެއް ކޮށްފިނަމަ ހެޔޮ ބަސް ބުނި މީހަކަށްވެސް މާތްﷲ އަޖުރު ދެއްވާނެއެވެ.
أبى هريرة رضى الله عنه ރިވާކުރެއްވި ޙަދީޘެއްގައި رسول اللّـه صلّى اللّـه عليه وسلّم ޙަދީޘްކުރައްވާފައިވެއެވެ. والكلمَة الطيبة صَدَقَة މާނައަކީ: ”ހެޔޮބަހަކީ ޞަދަޤާތެކެވެ.“

އިންސާނާ މަރުވުމަށްފަހުވެސް ޞަދަޤާތުން ފައިދާ ކުރާނެ:

އިންސާނާ މަރުވުމުން އެމީހަކަށް ހެޔޮ ޢަމަލުތައް ކުރުމުގެ ފުރުސަތު ހުއްޓިގެންދެއެވެ. އެހެނަސް އޭނާ ދުނިޔޭގައި ހުރި އިރު ކުރި ހިނގަހިނގާ ހުންނަ ޞަދަޤާތެއްގެ ސަބަބުން އެމީހާ ދުނިޔޭގެ ނެތް ނަމަވެސް އެމީހަކަށް ސަވާބު ލިބިލިބި ހުރެއެވެ.

ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ. إِذَا مَاتَ الإنْسَانُ انْقَطَعَ عنه عَمَلُهُ إِلا مِنْ ثَلاثةٍ إلا من صَدَقَة جَارِيَة أوَعِلْم يُنْتَفَعُ بِهِ أوَوَلَد صَالِح يَدْعُو لَهُ . رواه مسلم/1631 މާނައަކީ ”އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އެހެންހުރިހާ ގޮތަކުން އޭނަގެ ޢަމަލުތައް ކެނޑިގެންދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތެއް (ފައިދާ ދެމިގެންވާ ވަޤްފެއް) ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށް ޓަކައި ހެޔޮދުޢާ ކުރާ ޞާލިޙް ދަރިއެއްމެނުވީއެވެ.

އަޅަމެން ކުރާ ޞަދަޤާތް މާތްﷲ ޤަބޫލު ކުރައްވާށިއެވެ. އަޅަމެން ކުރާ ޞަދަޤާތުގައި ބަރަކާތް ލައްވާށިއެވެ. އަޅަމެން ކުރާ ޞަދަޤާތަކީ ހިނގަ ހިނގާ ހުންނަ ޞަދަޤާތެއް ކަމުގައި ލައްވާށިއެވެ. ޔާﷲ! ޞަދަޤާތް ކުރަން ލޯބި ކުރާ މީހެއްކަމުގައި މިއަޅާ ލައްވާށިއެވެ. އާމީން!

Leave a comment

Your email address will not be published.