Sat, 25 January, 2020, 10:52 am
ރަމަޟާން މަހަކީ އިސްރާފުގެ މަހަކަށް ނަހަދާށެވެ! އިސްރާފު ކުރުމަކީ މުންކަރާތެކެވެ!

ބޭނުންވާ މިންވަރަށްވުރެ ގިނައިން ކާބޯތަކެތި ތައްޔާރުކޮށް އެތަކެތި އިސްރާފު ކުރުމަކީ މުންކަރާތެއް ކަމަށާއި އެހެންކަމުން މި ބަރަކާތްތެރި ރަމަޟާން މަހަކީ އިސްރާފު ކުރުމުގެ މަހަކަށް ނުހެދުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.

“ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތް މަނާކުރުން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވަނީ، މި ބަރަކާތްތެރި ރަމަޟާންމަހުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކާ މުންކަރާތްތަކުން ދުރުވެ ގަތުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އެގޮތުން ކޯބާތަކެތި އިސްރާފު ކުރުމަކީ މުންކަރާތެއް ކަމުން، ރަމަޟާން މަހަކީ އިސްރާފު ކުރުމުގެ މަހަކަށް ނުހެދުމަށް ގޮވާލައްވައިފައިވެއެވެ.

މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ،”

ހުތުބާގައި އިތުރަށް ވިދާޅުވީ، މި އުއްމަތުގެ ތެރެއިން ބަޔަކު ޝައިތާނާގެ ވަސްވާސް ތަކަށް ހެއްލި، ﷲ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުންދާއިރު އެބައި މީހުންގެ އަތުގައި ހިފާ ހެޔޮމަގަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން މަނާކުރުން ދީނުގައި މުހިއްމުވަނީ މި ހިކުމަތަށްޓަކާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ﷲ ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ މުންކަރާތެއް ކަމަށެވެ.

އަދި ފާފައަކަށްވާ ކޮންމެ ކަމަކާއި އެކަލާނގެއަށް އުރެދުމާއި ދީނުގެ ޝިއާރުތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމާއި އަމަންއަމާންކަން ނަގާލުމާއި ހައްގަކާނުލާ މީހުންގެ މުދަލަށާއި ފުރާނައަށާއި އަބުރަށް އަރައިގަތުމަކީ ވެސް މުންކަރާތެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، ނުބައި އެންމެހާ ކަންކަން މަނާކުރުމަކީ ދީނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މުސްލިމުންނަކީ އެންމެ ހެޔޮ އުއްމަތުގެ މީހުން ކަމުގައި ވެފައިވަނީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ.

އަދި ވިދާޅުވީ، އަޅުކަމުގެ ތެރޭގައި ހިމެނޭ މަތިވެރިކަން ބޮޑުވެގެންވާ ދެ އަޅުކަންކަމުގައިވާ ނަމާދާއި ޒަކާތުގެ ކުރިއަށް ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުން ޤުރުއާނުގައި ގެންނަވާފައިވާތީ އެކަމުގެ މުހިއްމުކަން އިތުރަށް ދޭހަވާ ކަމަށެވެ.

އެގޮތުން މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“މުއުމިން ފިރިހެނުންނައި މުއުމިން އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރެތެވެ. އަދި ނުބައިކަންތައް ނަހީކުރެތެވެ. އަދި އެބައިމީހުން ނަމާދު ގާއިމްކޮށް، ޒަކާތްދީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެތެވެ،”

Leave a comment

Your email address will not be published.