Fri, 17 January, 2020, 11:32 pm
ފަރުދަކު މުންކަރާތަކަށް އަރައިގަންނަނަމަ މުޅި މުޖުތަމައުގެ ބަރަކާތް ކެނޑޭނެ: ހުތުބާ

މުޖުތަމައުގައި އެންމެ ފަރުދަކުވެސް މުންކަރާތަކަށް އަރައިގަންނަނަމަ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށް ފޯރާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

“ހެޔޮ ކަންކަމަށް އަމުރުކުރުމާއި މުންކަރާތް މަނާކުރުން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ވިޔާނުދާ ގޯސް އަމަލުކުރާ ބައެއް މީހުން އެމީހުން ކުރާ ކަންކަމަކީ އެހެން މީހުންނާ ބެހޭ ކަމެއް ނޫން ކަމަށާއި އަދި އެއީ އޭނާގެ އަމިއްލަ ކަމެއް ކަމަށް ދެކޭ ކަމަށެވެ.

އަދި އެފަދަ އަމަލުތަކުން އަޛާބު ލިބެންޏާ ލިބޭނީ ވެސް އޭނާއަށް އެކަނި ކަމަށް ދެކޭ ކަމަށް ހުކުރު ހުތުބާގައި ވިދާޅުވިއެވެ.

“މިއީ ވަރަށް ބޮޑު ކުންހީއެކެވެ. މުޖްތަމައުގައި އެންމެ ފަރުދަކުވެސް މުންކަރާތަކަށް އަރައިގަންނަ ނަމަ އެގެ ނޭދެވޭ އަސަރު މުޅި މުޖްތަމައަށް ފޯރާނެ އެވެ. އެސުންޕާ އަމަލުގެ ސަބަބުން ﷲގެ ރަހުމަތާއި ބަރަކާތް ކެނޑޭނެ އެވެ. އެކަމުގެ ސަބަބުން މުޅި މުޖުތަމައުއަށް އާންމުވެގެންވާ ކޯފާއެއް އަންނައިރު އެއްވެސް މީހަކު ސަލާމަތެއް ނުވާނެއެވެ.އެހެންކަމުން ހުރިހާ މުންކަރާތަކުން އަޅުގަނޑުމެން އެއްފަރާތްވާން ޖެހޭނެއެވެ،” ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މުންކަރާތްތައް ނަހީކުރުމުގައި އެ ބަޔަކަށް ލިބިފައިވާ ބާރާއި އިހްތިޔާރުގެ ތެރެއިން ހުރިހާ މުއައްސަސާތަކުން ވެސް އެބައެއްގެ ވާޖިބު އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި ނުބައި އެނެމެހާ ކަންކަން މަނާކުރުމަކީ ދީނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

“މުންކަރާތް ނަހީކުރުމުގައި ކޮންމެ މީހަކު އެމީހެއްގެ ޒިންމާ ދެނެގަންނަން ޖެހޭނެއެވެ. ކޮންމެ މުއައްސަސާ އަކުން އެ މުއައްސަސާގެ ވާޖިބު އަދާކުރަންޖެހޭނެ އެވެ. ކޮންމެ މުންކަރާތަކީ ވެސް މަނާކުރެވެންޖެހޭނެ ކަމެކެވެ،” ޚުތުބާގައި ބުންޏެވެ.

Leave a comment

Your email address will not be published.