• Mon, 13 July, 2020, 12:42 pm

  ދޫ ރައްކާތެރި ކުރުމަށް ކުރެވިދާނެ މުހިންމު 4 ކަންތައް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ދޫ ރައްކާތެރި ކުރާށެވެ! ދޫރައްކާތެރި ކުރުމަކީ ސުވަރުގެ ވަނުމަށް މަގުފަހިކޮށްދޭކަމެވެ. ހަމައެހެންމެ ބެލުމެއްނެތި ތިމާގެދުލުން ތާއަބަދުމެ ވިޔާނުދާ ވާހަކަތައް ދެއްކުމަކީ ނަރަކައަށް ވާސިލްކޮށްދޭނެ ކަމަކެވެ. ޤުރުއާނައި ހަދީސުން އެނގޭ ގޮތުގައި ހެޔޮވެގެންވާ ބަހަކީވެސް ޞަދަޤާތެކެވެ. ދަރުމަޔާއި ޘަވާބު ލިބޭނެކަމެވެ.

  ދޫ ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތައް ބައިވަރެވެ. އެގޮތުން މިލިޔުމުގައި އޭގެ ތެރެއިން މުހިންމު 4 ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ބަސް ބުނުމުގެ ކުރިން ވިސްނުމަށާއި މަޢާފަށް އެދުމަށާއި ވަށައިގެންވާ މީހުންނަށް ސަމާލުވުމަށާއި ދޫރައްކާތެރިކުރުމަށް ހަނދާން ކޮށްދިނުން ހިމެނެއެވެ.

  1- ބަސް ބުނުމުގެ ކުރިން ވިސްނާލުން:
  އެކި މީހުންނާއި ކުރިމަތިވާއިރު އެކި ހާލަތްތަކުގައި ބަސް ބުނަން ޖެހޭގޮތް ތަފާތެވެ. ހިތްހަމަ ޖެހޭ ވަގުތާއި ހިތްހަމަ ނުޖެހޭ ވަގުތުތަކުގައިވެސް ބަސް ބުނުމުގެ ކުރިން އެބަހާއި މެދު ވިސްނަންޖެހެއެވެ. އެވަގުތާއި ނުގުޅޭ ވާހަކަ ދެއްކުމުން ދުރުހެލިވާންޖެހެއެވެ. މިސާލަކަށް ހިތާމަވެރި ވަގުތުގައި ހިތާމައެއް ލިބިފައިވާ މީހަކަށް އުފާވެރި ވާހަކަތަކުން ކުރިމަތިލައިފިނަމަ އެކަން ވެގެންދާނީ ވަރަށް ބޮޑު މައްސަލައަކަށެވެ. އެބަހުގެ ސަބަބުން އެހިތާމަތަށް ލިބިފައިވާ މީހާގެ ހިތާމަތައް އިތުރުވެގެންދާނެ ކަމަކަށެވެ.

  އެހެންކަމުން ހެޔޮ އެއްޗެއް ބުނަން ނެތީ ވިއްޔާ ހަނު ހުންނާށެވެ. ދުލުން ހެޔޮބަހެއް ނޫނީ ނުބުނުމަށް ނުވަތަ ހަނުހުރުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައެވެ. މިކަމުން ސަލާމަތްވުމަށް ގިނަ ގިނައިން ދުލުން ޒިކުރު ކުރުން ގިނަ ކުރެވިދާނެއެވެ.

  2- މަޢާފަށް އެދި މަޢާފްކުރުން:
  މީހަކު ހިތްހަމަނުޖެހޭ ވާހަކައެއް ބުނެވިއްޖެނަމަ ލަސްނުކޮށް އެމީހެއްގެ ކިބައިން މަޢާފަށް އެދޭށެވެ. ކުރަން އުނދަގޫ ކަމަކެވެ. އެހެނަސް މިއި ދޫ ރައްކާތެރިކުރުމަށް މުހިންމު ކަމަކެވެ. މިހެން ކަންތައް ކޮށްފިނަމަ ދެމީހުންގެ ދެމެދުގައި އުފެދުނު މައްސަލަ ހައްލުވެ ކުރިއަށް ދެވޭނެއެވެ. މަޢާފަށް އެދުމުގެ ސަބަބުން ކުށެއް ކުރެވުނު ކަމުގެ އިހްސާސް ތިމާއަށް ކުރެވި އެކުށް ތަކުރާރު ނުކުރުމަށް ހިތްވަރު ލިބިގެންދެއެވެ.

  މަޢާފަށް އެދުމާއި އެކު މައްސަލަ ޖެހުމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮތް ހިތްހަމަނުޖެހުން ހައްލުވެ، ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާ ވެގެންދެއެވެ.

  3- ވަށައިގެންވާ މީހުންނަށް ސަމާލުވުން:
  ދޫރައްކާތެރިކުމަށް އެންމެ ފަސޭހަވެގެންދަނީ ތިމާގެ ވަށައިގެން އުޅޭ މީހުންނަކީ ދޫރައްކާތެރި ބައެއް ކަމުގައި ވެގެންނެވެ. އިސްލާމް ދީނުގައި ގާތް ރައްޓެހިން އިހްތިޔާރު ކުރާއިރު ހެޔޮލަފާ ރައްޓެހިން ހޯދުމަށް ބާރު އަޅާފައިވަނީ މިސަބަބާއި ހުރެއެވެ. ތިމާގެ މާހައުލުގައި އުޅޭ މީހުންނަކީ ޢީބަ ބުނުމާއި ނެތި މޮށޭ ބައެއްނަމަ އެ ނުބައި އާދަ ތިމާގެ ގައިގައިވެސް ހަރުލާނެއެވެ. އަދި މީހުންގެ ވާހަކަ ދެއްކުމަށް ލޯބި ކުރާ މީހުންނާއި ދުރުވުމުގެ ސަބަބުންވެސް ތިމާގެ ދޫ ރައްކާތެރިކުރުމަށް ބާރަކަށްވެގެންދެއެވެ.

  4- ހަނދާން ކޮށްދިނުން:
  ދޮގު ހެދުމާއި ޢީބަ ބުނުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަންކަމެވެ. މިކަންކަމުގެ ވާހަކަތައް ޤުރުއާނާއި ހަދީސުން ވަރަށް ގިނައިން އައިސްފައިވެއެވެ. އެހެންކަމުން ޤުރުއާނާއި ހަދީސްގައި ދޫރައްކާތެރިކުރުމާއި ބެހޭ މައުޟޫމާތުތައް ހޯދާ ތިމާގެ ނަފްސަށް އަބަދުވެސް ހަނދާންކޮށްދޭންޖެހެއެވެ. ތަޤުވާވެރިވުމަށާއި ނުބައި ޢަމަލުތަކުން ދުރުވުމަށް އަމިއްލައަށް ވިސްނަންޖެހެއެވެ. ދޫރައްކާތެރި ނުކުރުމުގެ ސަބަބުން ދެކޮނޑުގައިވާ މަލާއިކަތުން އެވާހަކަތައް ލިޔުއްވާނެކަން ވިސްނާށެވެ. ހަނދުމަ ކޮށްދިނުމަކީ ފައިދާހުރި ކަމެކެވެ.

  ސުވަރުގެ ލިބުމަށް އެދޭނަމަ ދޫ ރައްކާތެރިކުރާށެވެ. އެކަމަށް ރަސޫލާ صلى الله عليه وسلم ޖާމިނުވެވަޑައިގެންފައިވެއެވެ.

  ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. “އެމީހެއްގެ ދެ ކޯކަށިގަނޑުގެ ދެމެދުގައިވާ ތަނާއި (އެބަހީ: ދުލާއި) އެ މީހެއްގެ ދެފައިގެ ދެމެދުގައިވާ ތަން (އެބަހީ: ލަދުވެތި ގުނަވަން) ރައްކައުތެރިކުރުމުގައި ދެމިހުންނާނޭކަމަށް ތިމަންކަލޭގެފާނަށް ޔަޤީންކަން އަރުވައިފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެގައި ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ.”

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.