.
22 May 2019
މަޤްބޫލު ޙަބަރު

ފިޠްރު ޒަކާތަކީ ކުޅަދާނަކަން ހުރި މީހުން ކުޅަދާނަކަން ނެތް ފަޤީރުންނަށް ފޯރުކޮށްލާ މާއްދީ އެހީތެރިކަމެކެވެ. ފިޠްރު ޒަކާތް ފަރުޟު ކުރެއްވުނީ ރޯދައާއެކު، ހިޖުރައިން ދެވަނަ އަހަރުގައެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވާފައިވާ ގޮތުން ފިޠްރު ޒަކާތަކީ ރޯދަވެރިއާ، ރޯދައަށްހުރެ ކުރެވޭ ކުދި ކުށްތަކުން ރޯދައަށް ބުރާފައިވާ ”ހިރަފުހުން” އެ ސާފުކޮށްދޭ އެއްޗެކެވެ. އަދި ހަމައެހެންމެ މިއީ ރޯދަމަހު މުސްލިމުން، ފަޤީރުންގެ ކެކުޅުންތަކާއި، ބަނޑުހައިހޫނުކަން ދެނެގަނެ، އެކަން މުޖުތަމަޢުން ފޮހެލުމައްޓަކައި އަޅާ ފުރަތަމަ ފިޔަވަޅެވެ.

ރަމަޟާންމަހު ގައި ތިމަންނަވީ ބަނޑުހައިކަން މިއަދު ޢީދު ދުވަހުވެސް އަނެއް އަޚާ ވާނެކަން ހަދާންނުނެތޭކަން ފިޠްރު ޒަކާތުގެ ހާލުގެ ދުލުން ބުނެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން އެހެން މީހުންގެ ބަނޑުހައިހޫނުކަން އިޙްސާސް ކުރަން ދަސްވި ދަސްވުމަށް، ކުރިމަތިވާ ފުރަތަމަ ޙަޤީޤީ އިމްތިޙާނަކީ ޒަކާތް ނެރޭ ދުވަހެވެ.

އެގޮތުން މުސްލިމުންގެ ތެރެއިން، ކޮންމެ އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ބޮޑުމީހެއް، މިނިވަނެއް އަޅެއް، ފަޤީރެއް މުއްސަންޖެއްގެ މައްޗަށް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ. ނަމަވެސް މި ވާޖިބުވާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކީ، ޢީދު ދުވަހާއި އެރޭ އޭނާއާއި ބަލަދުވެރިން ކާނެ، އަދި ބޭނުންތައް ފުއްދޭނެ ފައިސާ ނުވަތަ ތަނަވަސްކަން އަތުގައި ހުރުމެވެ.

ފިޠުރު ޒަކާތް ދިނުން ވާޖިބުވާ ވަގުތަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސުމުންނެވެ. މިއީ ޝާފިޢީ އަދި ޙަންބަލީ މަޛުހަބެވެ. މާލިކީ އަދި ޙަނަފީން ދެކެނީ ޢީދުދުވަހުގެ އިރުއެރުމުން ކަމަށެވެ. އިބުނު ޢައްބާސް ރިވާކުރެއްވި ޙަދީޘެއްގައި ވާގޮތުން ޢީދު ނަމާދުގެ ކުރިން ޒަކާތް ނެރެން ޖެހެއެވެ. ވީމާ އޭގެ ފަހުން އެ ނެރެފިނަމަ އެއީ ފިޠްރު ޒަކާތަކަށް ނުވާނެއެވެ. ނަމަވެސް އެވާނީ ޞަދަޤާތަކަށެވެ.

ފިޠްރު ޒަކާތް ލިބެން ޖެހޭ މީހުން:

ފިޠްރުޒަކާތް ލިބެންޖެހޭ މީހުންނާއި މެދު ފިޤުހުވެރިންގެ މެދުގައި ތިން ރައުޔުއެއް އެބަ އޮތެވެ. އެއީ

1- މުދަލުގެ ޒަކާތްވެސް ލިބޭ 8 ބާވަތުގެ މީހުންނަށް ( ތައުބާ ސޫރަތުގެގެ 60 ވަނަ އާޔަތް ބަލާށެވެ. ) ފިޠުރު ޒަކާތްވެސް ލިއްބައި ދެވިދާނެއެވެ. މިއީ ޝާފިޢީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ.

2- އަށް ބާވަތުގެ މީހުންނަށް ބެހުންވެސް ހުއްދައެވެ. އަދި ފަޤީރުންނާއި މިސްކީނުންނަށް ބެހުން ޚާއްޞަ ކުރުންވެސް ހުއްދައެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ.

3- ހަމަ އެކަނި ފަޤީރުންނާއި މިސްކީނުންނަށް ބެހުން ޚާއްޞަ ކުރުން ވާޖިބެވެ. މިއީ މާލިކީ އަދި އިމާމް އަޙްމަދުގެ އެއް ރިވާޔަތެއްގައި ވާ ރައުޔެވެ. އިބްނު ތައިމިޔާ އާއި އޭނާގެ ދަރިވަރު އިބްނުލް ޤައްޔިމް ބުރަވެލައްވަނީވެސް މި ރައުޔަށެވެ.

އަލްޢައްލާމާ ޝައިޚް ޔޫސުފުލް ޤަރަޞާވީ މި މައްސަލާގައި ވިދާޅުވެފައިވަނީ، ތިންވަނަ ރައުޔަކީ ފިޠުރު ޒަކާތުގެ ރޫޙާއި އެންމެ ގުޅޭ ރައުޔު ކަމަށެވެ. އެއީ ހަމައެކަނި ފަޤީރުންނާއި މިސްކީނުންނަށް ޚާއްޞަ ކުރެވޭތީއެވެ. ނަމަވެސް ޤަރަޟާވީ ވިދާޅުވަނީ އެހެން ފަރާތަކަށްވެސް ބޭނުން ޖެހިއްޖެ ހިނދެއްގައި އެފަރާތަކަށް މިއިން ބައެއް ދިނުން އެއީ މަޞްލަޙަތު ހުރި ގޮތެއް ކަމަށެވެ.

ފިޠުރުޒަކާތް ނުބެހޭނެ މީހުން

ފިޠްރު ޒަކާތަކީ ވެސް ޒަކާތަކަށް ވާހިނދު، ޒަކާތް ދިނުން ހުއްދަ ނޫން އެއްވެސް މީހަކަށް ފިޠްރު ޒަކާތްވެސް ނުދެވޭނެއެވެ. އޭގެ ތެރޭގައި ކާފިރުން، މުރުތައްދުން، މުއްސަނދިން، ޒަކާތް ލިބޭ މީހުންގެ 8 ބައިގައި ނުހިމެނޭ މީހުން، މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެހެން ނަމަވެސް މަސައްކަތް ނުކޮށް ސަލާންޖަހާ މީހުން، މައިންބަފައިން، ދަރިން، އަދި އަނބިމީހާ ހިމެނެއެވެ.

ދެންމެ މި ބުނެވުނު ޢާއިލާ މީހުންނަށް ޒަކާތުން އެއްޗެއް ދިނުން ހުއްދަ ނޫނީ އެއީ، ޚަރަދު ކުރުން އޭނާގެ މައްޗަށް ވާޖިބުވެފައިވާ ބަޔަކަށް ވާތީއެވެ. ވީމާ މިސާލަކަށް ދަރިފުޅަށް ނުވަތަ އަނބިމީހާއަށް ޒަކާތް ދިނުމަކީ އަމިއްލަ ޖީބަށް އެ ފައިސާ ނަގާފައި ޒަކާތް ދީފައި އަލުން އެ ފައިސާ ޖީބަށް ލުން ކަހަލަ ކަމެކެވެ.

ޚަރަދު ކުރުން ވާޖިބު ނޫން ތިމާގެ މީހުންނަށް ޒަކާތުގެ ފައިސާ ދިނުން ހުއްދައެވެ. އެހެނީ ތިމާގެ މީހުންނަށް ޞަދަޤާތް ދިނުމަކީ ވަރަށް ހެޔޮ އިތުރު ކަމެކެވެ. މިސާލަކަށް ބޭނުން ޖެހިފައިވާ ދައްތަ، ބޭބެ، ބޮޑު ދައިތަ ބޮޑު ބޭބެ އަދި މިނުންވެސް ތިމާގެ މީހުންނެވެ. ހަމަ އެހެންމެ ފަޤީރު ރައްޓެއްސަކަށް ވެސް ދެވިދާނެއެވެ. އޮތް ހަމަ އެކަނި ޝަރުޠަކީ ޒަކާތުގެ އާޔަތުގައިވާ 8 ސިފައިން ކުރެ ސިފައެއް މިއިން މީހެއްގައި ހުރުމެވެ.

އެކަމަކު ތިމާއަކީ ވަރަށް މުއްސަނދި މީހެއްނަމަ މި ފަދަ މީހަކަށް ވެދޭ އެހީ އަކީ ޒަކާތަށް ޚާއްސަ ފައިސާއިން ދޭ އެއްޗެއްގެ ބަދަލުގައި، އެހެން ބަޖެޓަކުން ވެދޭ އެހީއަކަށް ހެދުން ރަނގަޅެވެ. އޭރުން ގާތް މީހުންގެ ބޭނުންވެސް ފުއްދައި ދެވިފައި އަދި ނުދަންނަ ހިލޭ ފަޤީރުންނަށް ދޭން ޒަކާތުގެ ފައިސާ ހުންނާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©