.
20 May 2019
މަޤްބޫލު ޙަބަރު

ދީލަތި ވުމަށް އިސްލާމް ދީން ގޮވާލާފައި ވެއެވެ. އަދި ހޭދަ ކުރުމަށް ދީން ބާރު އަޅައެވެ. ސަބަބަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި ދީ ހެދުމުން، އެ މީހުންގެ ތެރެގައި ލޯތްބާއި އެކުވެރިކަން އުފެދެއެވެ. އޭރުން މުޅި މުޖްތަމަޢް ގައި ވެސް އޮންނާނީ ލޯތްބާއި އެކުވެރިކަން ފެތުރިފައެވެ.

އަދި ޙަސަދަވެރިކަމާއި ނަފްރަތު މީހުންގެ ކިބައިން ފިލައިގެން ދާނެއެވެ. ދީލަތިކަން މުޖްތަމަޢްގައި ފެތުރުނީމާ، މުއްސަނދިން ފަޤީރުން ދެކެ ލޯބިވާނެއެވެ. އަދި ފަޤީރުންނާ އަޅާލާނެއެވެ. އަދި ހަމަ އެހެންމެ ފަޤީރުން ވެސް މުއްސަނދިން ދެކެ ލޯބިވާނެއެވެ. އަދި މުޅި މުޖްތަމަޢްގެ އެއްބައިވަންތަކަން ވަރުގަދަވާނެއެވެ. އޭރުން މުޅި މުޖްތަމަޢަކީ ވަރުގަދަ ފަރުބަދައެއް ކަހަލަ ވަރުގަދަ އެއްޗަކަށް ވާނެއެވެ.

 ”ދީލަތި” މި މާނަ އޮންނަ ﷲ ގެ އިސްމުފުޅެއް ދަންނަން ހެއްޔެވެ؟ ”އަލްކަރީމް” އަކީ މާތް ﷲ ގެ އިސްމުފުޅެކެވެ. އޭގެ މާނައަކީ ”ދީލަތިވަންތަ” އެވެ. މާނައަކީ މާތް އަކީ ދީލަތިވަންތަ ރަސްކަލާނގެއެވެ. މާތް ﷲ އަކީ ނިމުމެއް ނެތް ދީލަތިވަންތަ ކަލާނގެއެވެ. ދުނިޔޭގައި މިވާހާ އެއްޗަކަށް ރިޒުޤު ލިބެނީ އެ ކަލާނގެ ދީލަތިވަންތަ ކަމުގެ ސަބަބުންނެވެ. އަދި އިންސާނުންނަށާއި އަދި ދުނިޔޭގައި ވާހާ އެ ނުން ވެސް ތަކެއްޗަށް ލިބިފައި މިވާހާ ނިޢްމަތްތަކަކީ، މާތް ﷲ ގެ ދީލަތިވަންތަ ކަމުން ލިބިފައިވާ ނިޢްމަތްތަކެކެވެ.

މާތް ﷲ އަކީ ދީލަތިވަންތަ ރަސްކަލާނގެ ކަމުން، އެ ކަލާނގެ އަޅުތަކުންނަކީ ވެސް ދީލަތި ބައެއް ކަމުގައި ވުމަށް، އެ ކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. އެ ކަލާނގެ ދީލަތިވަންތަ ކަމުން، އަހަރެމެން ހައްދަވައި ބޮޑު ކުރައްވައި، ރިޒުޤު ދެއްވައި، ދުނިޔޭގައި އުޅެވޭނެ ބާރު ދެއްވިއެވެ. ފުރިހަމަ ޞިއްޙަތެއް ދެއްވިއެވެ. ބަލި ވީމާ ޝިފާ ދެއްވައެވެ. ބަނޑުހައިވީމާ ކާނެ މޭވާ އާއި ތަރުކާރީ އާއި ގޮދަނާއި ހަނޑޫފަދަ ތަކެތި ދެއްވިއެވެ. ކަރު ހިއްގައިގަތީމާ ބޯނެ ޖޫހާއި ފެނާއި ކިރާއި މާމުއި ފަދަ އެއްޗެހި ދެއްވިއެވެ.

ކޮންމެ ދިމާއަކަށް އަހަރެމެން ބަލާލިއަސް، މާތް ﷲ ގެ ދީލަތިވަންތަކަން ފެންނަން ހުންނާނެއެވެ. މާތް ﷲ ގެ ދީލަތިވަންތަކަން، ދުނިޔޭގައިވާހާ ތަކެއްޗާއި މީހުންނެއް ޝާމިލްވެއެވެ.

ދީލަތިމީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވައެވެ. ދަހިމީހުން ދެކެ އެ ކަލާނގެ ރުހިވޮޑިނުގަންނަވައެވެ. އަދި ދީލަތި މީހުންގެ މުދަލުގައި، އެ ކަލާނގެ ބަރަކާތް ލައްވައެވެ. އަދި މި ކަމަށް ވުރެ މުހިއްމު ކަމަކީ، ދީލަތި މީހުންނަށްޓަކައި ޤިޔާމަތް ދުވަހު ވަރަށް ގިނަގުނަ ޘަވާބު ލިބުމެވެ. ދީލަތި މީހުންނަށް ލިބޭ ޘަވާބާއި ބެހޭ ގޮތުން މާތް ﷲ ވަޙީ ކުރައްވާފައި ވަނީ:

مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَاللّهُ يُضَاعِفُ لِمَن يَشَاء وَاللّهُ وَاسِعٌ عَلِيمٌ

މާނައަކީ: ”ތިމާމެންގެ މުދާ، ﷲގ ގެ މަގުގައި ހޭދަކުރާ މީހުންގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮއްޓަރު ހިމެނޭ، ހަތް ކުރާގަނޑު އުފައްދާ އޮއްޓަރެއްގެ މިސާލެވެ. އަދި ދަންނައެ! ﷲ، އެ ކަލާނގެ އިރާދަކުރައްވައިފި އަޅަކަށް، ގިނަގުނަވި ތަނަވަސްކަން ދެއްވައެވެ. އަދި، ﷲ އަކީ، ނުހަނު ތަނަވަސްކަން ދެއްވަ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (އަލްބަޤަރާ: 261)

މީސްތަކުންގެ ތެރެއިން އެންމެދީލަތި ބޭކަލަކީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ. މާތްﷲ ގެ މަގުގައި އެއްޗެއް ހޭދަ ކުރެވޭނެ ގޮތެއް ފެނިވަޑައިގެންފިނަމަ، އެ ކަލޭގެފާނު ހޭދަކުރައްވައެވެ. ފައިސާއަށް ބޭނުން ޖެހިފައިވާ މީހަކު ފެނިވަޑައިގެންފިނަމަ، އޭނާގެ ބޭނުން ފުއްދަވައި ދެއްވައެވެ. އިބްނު ޢައްބާސް އަށް، ކީރިތި ރަސޫލާގެ ދީލަތިފުޅުކަން ފެނިވަޑައިގެން ވިދާޅުވެފައި ވަނީ:

كَانَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَجْوَدَ النَّاسِ بِالْخَيْرِ وَأَجْوَدُ مَا يَكُونُ فِي شَهْرِ رَمَضَانَ لِأَنَّ ‏ ‏جِبْرِيلَ ‏ ‏كَانَ يَلْقَاهُ فِي كُلِّ لَيْلَةٍ فِي شَهْرِ رَمَضَانَ حَتَّى يَنْسَلِخَ يَعْرِضُ عَلَيْهِ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الْقُرْآنَ فَإِذَا لَقِيَهُ ‏ ‏جِبْرِيلُ ‏ ‏كَانَ أَجْوَدَ بِالْخَيْرِ مِنْ الرِّيحِ الْمُرْسَلَةِ

މާނައަކީ: ”މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ބޭކަލަކީ، ކީރިތި ރަސޫލާއެވެ. އަދި އެ ކަލޭގެފާނު އެންމެ ބޮޑަށް ދީލަތިވެވަޑައިގަންނަވަނީ، ރަމަޟާން މަހުގައެވެ. ސަބަބަކީ ރަމަޟާން މަސް ނިމެން ދެން އެ މަހުގެ ކޮންމެ ރެއަކު، ޖިބްރީލްގެފާނު އެކަލޭގެފާނާ ބައްދަލު ކުރައްވައެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖިބްރީލްގެފާނަށް ޤުރުއާން ކިޔާވިދާޅުވެދެއްވައެވެ. އެ ކަލޭގެފާނާއި ޖިބްރީލްގެފާނު ބައްދަލުވުމުން، ދީލަތި ކަމުގައި އެ ކަލޭގެފާނު، އަވަސް ވަޔަށް ވުރެ ވެސް ދީލައްޗެވެ.” (ޞަޙީޙުލް ބުޚާރީ: 4711. ޞަޙީޙް މުސްލިމް: 2308)

މި ޙަދީޘުން އަހަރެމެންނަށް އެނގެނީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަކީ ވަރަށް ދީލަތި ބޭކަލެއް ކަމެވެ. އަދި ރޯދަ މަހު އެ ކަލޭގެފާނުގެ ދީލަތިފުޅުކަން އިތުރަށް ބޮޑު ކަމެވެ.

އަދި ޖާބިރު ބިން ޢަބްދުﷲ ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި އޮވެއެވެ: مَا سُئِلَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏شَيْئًا قَطُّ فَقَالَ لَا

މާނައަކީ: ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހު، އެއްޗަކަށް އެދި މީހަކު ދަންނަވައިފިނަމަ، ދުވަހަކު ވެސް ނޫނެކޭ ޙަދީޘް ނުކުރައްވައެވެ.” (ޞަޙީޙް މުސްލިމް: 2311)

Leave a Reply

Your email address will not be published.

haftha.mv ©