މުޙައްމަދު އިބްރާހިމް
03 June 2019
މަޤްބޫލު ޙަބަރު

ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާއު ކިއީއެވެ. މި ބަރަކާތްތެރި މަހުގައި މި ވަގުތީ ދުނިޔެއާ ވަކިނުވެ އެ މައްސަރުގެ ބަރަކާތާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރި މީހުންނަށް އުފާވެރިކަން ހުއްޓެވެ.

ބަރަކާތުން ފުރިގެންވާ މައްސަރަކަށްފަހު މާދަމާއަކީ ބަރަކާތްތެރި ވެގެންވާ ފިތުރު އީދު ދުވަހެވެ. މިއީ ރޯދައިގެ އަޅުކަމަށްފަހު މުސްލިމުންނާ ބައްދަލުކުރާ އުފާވެރި މުނާސަބަތެކެވެ. އެގޮތުން ފިތުރު އީދު ދުވަސް ފާހަގަކުރުމަށް އިސްލާމީ ގިނަ ގައުމުތަކުގައި ކުލަގަދަ ހަރަކާތްތަކެއް ހިންގައެވެ.

ހާއްސަކޮށް އީދު ނަމާދަކީ މާތްﷲ މުސްލިމުންނަށް ދެއްވި ވަރަށް މަތިވެރި ނިއުމަތެއް އަދި ފުރުސަތެކެވެ. އެއީ މުސްލިމުންގެ އަހުވަންތަކަން ރަމްޒުކޮށްދޭ ބޮޑު އެއްވުމެކެވެ. އެގޮތުން އީދު ނަމާދު މައިދާނުގައި ކުރުމަކީ ވަރަށް މާތް ސުންނަތެކެވެ. އެއީ އެކަމުގެ ސަބަބުން މުސްލިމުންގެ ބޮޑު ޖަމާއަތް ހާމަވެގެންދާތީއެވެ.

ނަމަވެސް މިސްކިތުގައި ވެސް އީދު ނަމާދު ކުރެވިދާނެއެވެ. އެއީ ބިދިޔައެއް ނޫނެވެ.

އީދު ނަމާދަށް ތައްޔާރު ވުމަކީ ކުރަންޖެހޭ ކަމެކެވެ. އެގޮތުން އީދު ނަމާދަށް ހިނައިގަތުމާއި އެންމެ ރީތި ހެނދުންލައި ފިރިހެނުން ހުވަނދުލުން އެއީ ސުންނަތެކެވެ. އަދި އީދު ނަމާދަށް ދިޔުމުގެ ކުރިން ފޮނި އެއްޗެއް ކެއުމަކީ ވެސް ސުންނަތެކެވެ. އެންމެ ރަނގަޅަކީ ކަދުރެވެ.

އޭގެ އިތުރުން ވީހާވެސް ގިނައިން އާއިލާގެ ކުދިން ގޮވައިގެން އެކުގައި އީދު ނަމާދަށް ދިއުމަށް ވެސް އިސްކަންދޭންޖެހޭނެއެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިން ވެސް އީދު ނަމާދަށް ގެންގޮސް އެ ނަމާދުގައި ބައިވެރިވުމަކީ ސުންނަތެކެވެ.

ނަމާދުގައި ބައިވެރިނުވެވޭ އުޒުރުވެރި އަންހެނުން ނަމާދުކުރާ ތަން ކައިރީގައި ހުތުބާ އަޑުއަހާލަން ތިބުމުން ފުދޭނެއެވެ.

އީދު ނަމާދުގައި އޮންނާނީ ހަމައެކަނި އެ ދެ ރަކުއަތުގެ ނަމާދެވެ. އީދު ނަމާދުގައި ހަށަން ބަންނަ ތަކުބީރު ފިޔަވައި ހަތް ތަކުބީރެއް ކިޔަންޖެހޭ އެވެ. ދެވަނަ ރަކުއަތުގައި ކިޔަންޖެހެނީ ފަސް ތަކުބީރެވެ. އީދު ނަމާދަށް ފަހުން ދެވިގެން އެއްވެސް ތަކުބީރެއް ގެއްލިއްޖެނަމަ ވެސް އެ އިޔާދަކުރަން ނުޖެހޭނެ ކަމަށް އިލްމްވެރިން ވިދާޅުވެއެވެ.

އީދު ނަމާދަށްފަހު ސަލާމް ކުރުމާއި ތަހުނިޔާ ކިއުމާއި އީދު ނަމާދަށް ދާ މަގު ނޫން އެހެން މަގަކުން ގެއަށް އައުމަކީ ސުންނަތެކެވެ. އަދި ހަދިޔާ ދިނުމަކީ ވެސް ސުންނަތެކެވެ. ހާއްސަކޮށް އީދު ދުވަހު ސަދަގާތް ކުރުމާއި ނިކަމެތި އާއިލާތަކުގެ ކުދިން ވެސް އީދުގެ އުފަލުގައި ބައިވެރިކުރުވައި، އެ ކުދިންނަށް ވެސް ރީތި އަންނައުނުފަދަ ތަކެތި ހަދިޔާކުރުމަކީ ވެސް މާތް ކަންކަމެވެ.

އީދު ދުވަހަކީ އުފާ ފާޅުކުރަންވީ ދުވަސްތައް ނަމަވެސް މާތްﷲ ހަރާމް ކުރެއްވި ކަންކަމުން އުފާ ފާޅު ނުކުރުމަށް އެދެމެވެ.

Leave a Reply

Your email address will not be published.

haftha.mv ©