Sat, 18 January, 2020, 12:22 am
މި އީދުގައި ގާތްތިމާގެ ގުޅުން އާކުރޭ، އެފަދަ މީހުންނަށް ﷲ ރަހުމަތް ލައްވާނެ: ހުތުބާ

މި އީދު ދުވަހުގައި ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތައް ފާޅުކޮށް ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އާކުރުމަށް މިއަދު މުސްލިމުން ފާހަގަކުރާ ފިތުރު އީދު ދުވަހުގެ ހުތުބާގައި ގޮވާލައްވައިފިއެވެ.

“ބަރަކާތްތެރި އީދުލް ފިތުރި”ގެ ނަމުގައި މިއަދު ދިން އީދު ހުތުބާގައި ވިދާޅުވީ ތިމާގެ ރަހިމުގެ ގުޅުންތައް ދަމަހައްޓާ މީހާއަށް މާތް ﷲ ރަހްމަތް ލައްވާނެ ކަމަށާއި އެމީހުން އެ ގުޅުން ކެނޑިކަމުގައި ވީނަމަވެސް ތިބާ އެ ގުޅުން ކަނޑައިގެން ނުވާނެ ކަމަށެވެ.

ރަސޫލާﷲ صلى الله عليه وسلم ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.

“ރަހިމުގެ ގުޅުން ދަމަހައްޓާ މީހަކީ އޭނާއަށް މީހަކު ދޭ އެއްޗަކަށް އެއްޗެއް ދޭ މީހާއެއް ނޫނެވެ. އެކަމަކު ގުޅުން ދަމަހައްޓާ މީހަކީ، އޭނާއާ ގުޅުން ކެނޑިނަމަވެސް އެ ގުޅުން ދަމަހައްޓާ މީހާއެވެ،”

އެހެންކަމުން އީދު ދުވަހުގައި ލޯތްބާއި ކުލުނާއި އަހުވަންތަކަމުގެ ޝުއޫރުތައް ފާޅުކޮށް ގާތްތިމާގެ އެންމެންގެ މެދުގައި ރަހިމުގެ ގުޅުން އައުކޮށް ރަހްމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މިއަދަކީ ރޯދަވެރިންނަށް ކާމިޔާބީގެ ތާޖާއި އިނާމު ދެއްވާ ދުވަސް ކަމަށާއި މާތްﷲއަށް ކިޔަމަންތެރިވި އަޅުންނަށް މި ދުވަސް ބާއްޖަވެރި އީދެއް ކަމުގައި ލެއްވި ކަމަށެވެ.

އެއީ ﷲގެ އަމުރުފުޅުތަކަށް ތަބާވެ އެކަލާނގެ އިންތަކަށް ރައްކައުތެރިވިކަމުގެ ހެޔޮ ޖަޒާއެއްގެ ގޮތުން ކަމަށާއި އެހެންކަމުން ރޯދައިގެ ދުވަސްތައް ފުރިހަމަ ކުރެވުނީތީ ޝުކުރު ކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވި އިސްލާމްދީނުގެ ނިއުމަތަކަށްޓަކާ އެކަލާނގެ މަތިން ހަނދުމަކޮށް ތަކުބީރު ކިއުމަށް ގޮވާލެއްވިއެވެ.

ހުތުބާގައި އިތުރަށް ވަނީ، ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކާ ދުރުހެލިވުމަށް އަޒުމް ކަނޑައަޅައި، ކޮންމެ މީހަކުވެސް އަނެކާގެ ހައްގުތައް އަދާކުރުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ﷲގެ ހައްގުތައް އަދާކުރުމަށް ގޮވާލައްވާ ހުތުބާގައި ވިދާޅުވީ، މާތްﷲ އަހަރުމެން ހެއްދެވީ އެކަލާނގެއަށް އަޅުކަން ހާސިލްކުރުމަށް ކަމަށެވެ.

މާތްﷲ އަށް ހައްގުތައް އަދާކުރުމަށްފަހު ދެން މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް ތެދުވުމަށް ހުތުބާގައި ގޮވާލެއްވިއެވެ. އެއީ ބޮޑުވެގެންވާ ހައްގެއްކަމަށާއި މާތްﷲގެ ހައްގުތައް އަދާކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން އެކަލާނގެ އަހަރުމެންނަށް އަންގަވާފައިވަނީ މައިންބަފައިންގެ ހައްގުތައް އަދާކުރުމަށް ކަމަށް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.