މުޙައްމަދު އީމާން
04 June 2019
މަޤްބޫލު ޙަބަރު

އިސްލާމީ އީދުތަކުގައި އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫން ކަމަށާއި އެ އުފަލުގައި ފަގީރުންނާއި މިސްކީނުން ވެސް ބައިވެރި ކުރަންވާނެ ކަމަށް މިއަދުގެ ފިތުރު އީދު ދުވަހުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ބަރަކާތްތެރި އީދުލް ފިތުރި”ގެ ނަމުގައި މިއަދު އިން އީދު ހުތުބާގައި ވިދާޅުވީ އިސްލާމީ އީދުތަކަކީ އެކަމުގައި އެންމެން ބައިވެރި ކުރުވަންޖެހޭ އިހްތިފާލު ތަކެއް ކަމަށާއި އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ، ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫން ކަމަށެވެ.

އެގޮތުން ތަނަވަސްކަން ލިބިގެންވާ މީހުން، އެ ތަނަވަސްކަން ފަގީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުވަންވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް އަންގަވާފައިވަނީ އެހެންވެގެން ކަމަށާއި އެކަމުގެ ސަބަބުން ފަގީރުންނަށް ސަލާން ނުޖަހައި ދިރި އުޅެވޭ ވަރުގެ ތަނަވަސްކަމެއް ލިބިގެންދާނެތީ ކަމަށް ވެސް ވިދާޅުވިއެވެ.

“އިސްލާމް ދީނުގައި އީދުތައް ޝަރްއު ކުރައްވާފައިވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރާކަށް ނޫނެވެ. އެކަމަކު އެ ކަން ޝަރްއު ކުރައްވާފައިވަނީ އިސްލާމީ އަހުއްވަތްތެރިކަން ދެމެހެއްޓުމަށްޓަކައެވެ. މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރަނގަޅު އާދަ ފެތުރުމަށްޓަކައެވެ. އީދުގެ ތެރޭގައި ހެޔޮ ފޯރުވައި އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުމަކީ އިސްލާމީ ރިވެތި އަދަބެކެވެ.” ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ވަތަނުގެ އަމްނާ އަމާންކަމަކީ މާތްﷲ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށާއި އެއީ ތަރައްގީ އާއި ހިތްހަމަޖެހުން ލިބުމުގެ އަސާސް ކަމަށެވެ. އަދި އެއީ ކޮންމެ އިހްލާސްތެރިއަކު ދަހިވެތިވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

“އަމާންކަމެއް ނެތްތަނެއްގައި ހިތްހަމަޖެހުމެއް ނޯންނާނެއެވެ. އަމާންކަން ނެތް ތަނެއްގައި ހަަމަޖެހުމެއް ވެސް ނޯންނާނެއެވެ. އެހެންކަމުން އެންމެން ވެސް ގައުމުގެ ސުލްހަ މަސަލަސްކަމަށްޓަކާ މަސައްކަތްކުރަން ވަނީ ޖެހިފައެވެ. ގައުމުގެ އަމާންކަމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް އެކަކުވެސް ކޮށްގެން ނުވާނެއެވެ،” ހުތުބާގައި ވިދާޅުވިއެވެ.

އަދި އެ ނިއުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކާ ލިބިފައިވާ ހުރިހާ ކެރިފޯރުންތެރިކަމަކާއި ތަނަވަސްކަމަކާއި ހަކަތައެއް ހޭދަކުރަން ޖެހޭނެ ކަމަށް ފާހަގަކުރައްވާ ހުތުބާގައި ވަނީ، އަމިއްލަ ނަފްސުގެ ކުރިއެރުމަށާއި ގައުމުގެ ތަރައްގީއަށް ތަހިވެތިވާ ބަޔަކު ކަމުގައި ވުމަށް ގޮވާލައްވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©