Fri, 17 January, 2020, 11:32 pm
އުއްމަތް ބިނާކުރަންތިބި ޒުވާނުން މިއަދު ވަނީ މަސްތުގެ ޝިކާރައަކަށްވެފައި: ޚުތުބާ
“އީމާންކަން ހަރުދަނާ ކުރުން”ގެ ނަމުގައި މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިންސާނާގެ ހަގީގީ ކާމިޔާބީ އާއި ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނާގައި އީމާންވުމުން ކަމަށެވެ.
އީމާންކަމަކީ އިސްލާމްދީނުގެ އަސާސެއް ކަމަށާއި އެހެންކަމުން ދުންޔަވީ ހަޔާތުގެ އުފަލާއި އަރާމާއި އާހިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާކޮށްގެން ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ. ކީރިތި ރަސޫލާﷲ … ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “ހަމަކަށަވަރުން ހެދުން ބާވެ، ވީރާނާވާ ފަދައިން ތިޔަބައިމީހުންގެ ހިތު ތެރޭގައި އީމާންކަމުގެ ނޫރު ފަޑުވެގެންދެއެވެ. ފަހެ، އީމާންކަން ތާޒާކޮށްދެއްވުމަށް އެދި ތިޔަބައިމީހުން ﷲ އަށް ދަންނަވާހުށިކަމަށެވެ،”
ހުތުބާގައި ވިދާޅުވީ، ހަގީގީ މާނާގައި މާތް ﷲއަށް އިމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތަކާއި ބާއްޖަވެރިކަމުގެ އިހްސާސްތައް އުފައްދާ ކަމެކެވެ. ނަމަވެސް މިއަދު މުޖުތަމައުގެ ތެރެއިން ބައެއް މީހުންގެ ފަރާތުން، ދީނީ ވާޖިބުތައް އަދާކުރަމުންދާއިރު ވެސް ވަރަށް ފަސޭހައިން ކުށްފާފަތަކަށާއި މާތް ﷲ ހަރާމު ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެވޭކަމުގެ ވާހަކަ އަޑު އިވޭކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެއީ މުސްލިމުންނާ ކުރިމަތިވެފައިވާ ވަރަށް ބޮޑު މުސީބާތެއް ކަމަށާއި އެއީ އީމާންކަން ބަލިކަށިވުމުގެ އަލާމާތެއް ކަމަށެވެ.
އެގޮތުން މިއަދު ދިވެހި މުޖުތަމައުގައި ތަޅާފޮޅުމާއި މާރާމާރީ ހިންގުމާއި ވައްކަމާއި ހިޔާނާތާއި މަކަރުހެދުމާއި އެކަކު އަނެއްކަކަށް ފުރައްސާރަ ކުރުން އިތުރުވެފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ބަދުއަހްލާގީ އަމަލުތައް ހިންގުން ގިނަވެ މަސްތުވާ ތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުން އާންމު ވެފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެފަދަ އަމަލުތައް ކުރާ މީހުންނަށް މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.
“ހަމަކަށަވަރުން އީމާންވި މީހުންގެ ތެރެއިން ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި އަމަލު ފެތުރިގެން ދިއުމަށް ލޯބި ކުރާ މީހުން (ދަންނާށެވެ!) ދުނިޔެ އާއި އާހިރަތުގައި ވޭންދެނިވި އަޒާބު އެމީހުންނަށް ހުއްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ،”
ހުތުބާގައި ވިދާޅުވީ ދިވެހި މުޖުތަމައު އިސްލާހުކޮށް، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާހިޝް އަމަލުތަކުން މުޖުތަމައު ސަލަމަތް ކުރެވޭނީ އަގީދާ އާއި އީމާންކަން ވަރުގަދަކޮށް، ﷲ އަށް ފުރިހަމައަށް އީމާންވެ، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނާގައި އީމާންވެގެންނެވެ. ހުތުބާގައި ވިދާޅުވީ، ތައުލީމީ ފަލްސަފާ އާއި ގައުމީ މަންހަޖު ތަރައްގީކޮށް، ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ރާވަންޖެހޭ ކަމަށާއި އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަވާނެ ގޮތްތަކަކާމެދު ވިސްނަންޖެހޭ ކަމަށެވެ.
އިސްލާމީ އުއްމަތް ބިނާކޮށް ތަރައްގީ ކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދައުރަކަށްވީ ހިނދު އެމީހުންގެ ހާލަކީ ކޮބައިތޯ ބަލާލަންޖެހޭކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، މިއަދު ޒުވާނުންނަކީ ކުރިމަގުގައި ގައުމު އާރާސްތުކޮށް، ސަލާމަތުގެ އައްސޭރިއާ ހަމައަށް ގައުމު ގެންގޮސް ދެވޭނެ ފަދަ ބައެއްތޯ ސުވާލު ކޮށްލުން މުހިންމު ކަމަށެވެ. އެގޮތުން ގައުމުގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންކަމަށްވާއިރު، މިއަދު ބައެއް ޒުވާނުންނަކީ ދީނާ ދުރު، ރިވެތި އަހުލާގީ ސިފަތަކަށް ބީރައްޓެހިވެފައިވާ ބައެއްކަމަށާއި މާތް ﷲ ހަރާމު ކުރައްވާފައިވާ ވައްކަމާއި ފޭރުމާއި ގަތުލްއާންމު ހިންގުމާއި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ތިބި ބައެއްކަން ހުތުބާގައި ވިދާޅުވިއެވެ.
އަދި މިއަދު ޖަލުތަކުގެ ތޭރިތަކުގެ އަނެއްފަރާތުގައި އުމުރުގެ ދުވަސްތައް ގުނަމުންދާ މީހުންގެ ތެރޭގައި ޒުވާނުންގެ އަަދަދު ކަންބޮޑުވާވަރަށް ގިނަ ކަން ފާހަގަކުރައްވާފައިވެއެވެ. ޒުވާނުން މިފަދަ ދަށު ދަރަޖައަކަށް ވެއްޓި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމުގެ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވަމުން ހުތުބާގައި ވަނީ ރަސޫލުﷲ … ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނަ ވިދާޅުވެފައެވެ.
“ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ މީހަކު ވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ބަޔަކާމެދު ސުވާލު ކުރެވޭނެއެވެ،”

Leave a comment

Your email address will not be published.