.
15 June 2019
މަޤްބޫލު ޙަބަރު

ވުޟޫނެތި ޤުރުއާނުގައި ބީހުން ހުއްދަ ނުވާނެކަމަށް، ޖުމްހޫރު ޢިލްމުވެރިން ދެކެލައްވައެވެ. ވަރަށް ގިނަ ޞަޙާބީންނާއި ތާބިޢީންގެ ކިބައިން، ޠާހިރު ހާލަތުގައި ނޫނީ ޤުރުއާނުގައި ބީހުން ހުއްދަ ނުވާނެ ކަމަށް އައިސްފައިވެއެވެ. އަދި ހަތަރު މަޛްހަބު ވެސް ދެކެނީ މި ގޮތަށެވެ.

ޙަދަޘްގެ ދެ ވައްތަރެއް އޮވެއެވެ. އެއީ ކުޑަ ޙަދަޘް (ވުޟޫ ނެތުން) އަދި ބޮޑު ޙަދަޘް (ޖުނުބު އަދި ޙައިޟު ނިފާސް) އެވެ. މިއިން އެއްވެސް ޙާލަތެއްގައި ހުރެ މުޞްޙަފުގައި އަތް ލުން ހުއްދައެއް ނޫނެވެ.

ވުޟޫ ނެތި މުޞްޙަފުގައި އަތްލުން ހުއްދަ ނުކުރާ ޢިލްމުވެރިންގެ ތެރިއިން ބައެއް ބޭފުޅުން ޤުރުއާން އުގެނޭ ކުޑަ ކުދިން، އޭގައި އަތްލުން ހުއްދަ ކުރެއެވެ. އެއީ ޟަރޫރަތަކަށްޓަކައެވެ. އަދި އެ ކުދިންނަކީ ދިނީ ގޮތުން މުކައްލަފުންނަށް ނުވާތީއެވެ.

ދެން ވިސްނާލަން ޖެހޭ ތަންކޮޅަކީ، މުޞްޙަފުގެ މާނައަކީ މުޞްޙަފް ކަމެވެ. ޤުރުއާނުގެ މާނައިގެ ތަރުޖަމާއަކީ އެއީ މުޞްޙަފެއް ނޫނެވެ. ވީމާ އޭގައި އަތްލާކަށް ވުޟޫކުރާކަށް ނުޖެހޭނެއެވެ. އަދި ޤުރުއާން ލިޔެވިފައި އޮންނަ ފޮތެއް ސީޑީއެއް، ނަގާކަށް ވެސް ވުޟޫއެއް ބޭނުމެއް ނުވާނެއެވެ.

ހަމަ އެހެންމެ މުޞްޙަފު އޮންނަ ދަބަހެއް، މުޞްހަފް ލާފައި އޮންނަ އެއްޗެއް އުފުލާކަށްވެސް ވުޟޫކުރާކަށް ނުޖެހެއެވެ. ވީމާ މިސާލަކަށް ކޮމްޕިއުޓަރުން ބަލައިގެން ޤުރުއާން ކިޔަވާ މީހަކު، ވުޟޫ ނެތިވެސް ކިޔެވުން ހުއްދަވާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©