Fri, 29 May, 2020, 12:27 am
އިލްމު އުނގެނުމަށް މާތް ނަބިއްޔާ ބާރު އަޅުވައި، އެކަމުން ބާއްޖަވެރިކަން ހުރި: ހުތުބާ
197

ދީނީ އިލްމަކީ އިސްލާމްދީން ދެމިއޮތުމުގެ ސިއްރު ކަމަށާއި އެހެންކަމުން އިލްމު އުނގެނުމަށް، ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

“އިލްމު އުނގެނުމުގެ މާތްކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިލްމުވެރިންނަށް މަދަހައިގެ ބަސްފުޅު ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީ ވަހީކުރައްވައި އެކަމަށް އެދި ދުއާކުރުމަށް ވެސް މާތް ﷲ އަންގަވާފައިވާ ކަމަށެވެ.

އެގޮތުން މާތް ﷲ ގެ ވަހީ ބަސްފުޅެއްގައި އެ ކަލާނގެއަށާއި އެކަލާނގެ މަލާއިކަތުންގެ ވާހަކަ ޒިކުރު ކުރައްވައި ތިން ވަނައަށް އިލްމުގެ އަހުލުވެރިންގެ ވާހަކަ ވަހީކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އިލްމު އުނގެނި އިލްމާ އެއްގޮތަށް އަމަލުކުރާ މީހުންނަކީ މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤުވާވެރިވާ މީހުން ކަމަށާއި އިލްމު އުނގެނިގެން ހުންނަ މީހާއަށް އިލްމުވެރިންގެ ދަރަޖަ ލިބުމާއެކު އޭނާގެ ހިތަށް އުފާވެރިކަން ގެނުވާނެ ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

އިލްމުވެރިންނަށް ހާއްސަ ކަންތައްތަކެއް މާތް ﷲ ދެއްވާފައިވާކަން އިޝާރާތް ކުރައްވާ ހުތުބާގައި އިތުރަށް ވިދާޅުވީ، އޭގެ ތެރެއިން އެއް ކަމަކީ މަލަކޫތީ އާލާމުގައިވާ މަލާއިކަތުންނާއި ކަނޑުގައިވާ މަސްތައް އިލްމުވެރިންނަށް ފާފަފުއްސަވައި ދެއްވުން އެދި ދުއާ ކުރުމެވެ.

އަދި އިލްމާ އެއްގޮތަށް އަމަލުކުރާ އިލްމުވެރިންނާއި އަޅުވެރިންނާ ވެސް ދަރަޖައިގެ ގޮތުން ވަަރަށް ބޮޮޑު ތަފާތެއްވާ ކަަމަށް ހުތުބާގައި ވިދާޅުވި އެވެ.

“ސަބަބަކީ އިލްމު އުނގެނުމުގައި އެމީހެއްގެ ނަފްސު ސަލާމަތް ކުރުމާއި، އެހެން މީހުން ރައްކާތެރިކުރުން ވެސް އެކަމުގައި އެކުލެވިގެންވާތީއެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސަށް އެކަމުން ފައިދާލިބިފައި އަނެކުންނަށް ވެސް އެކަމުގެ މަންފާ ކުރާތީ އެވެ. އަޅުކަމުން ލިބޭ ފައިދާ ލިބެނީ އެމީހެއްގެ އަމިއްލަ ނަފްސަށެވެ. އިލްމުގެ ސަބަބުން އަނެކުންގެ އަޅުކަން ހެޔޮ ކުރުމަށް ވެސް ބާރު އެޅެއެވެ.” މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވި އެވެ.

ތާރީހުން މިސާލު ނަންގަވަމުން ހުތުބާގައި ވިދާޅުވީ، ނަބިއްޔާ صلى الله عليه وسلم އިސްލާމީ މުޖްތަމައުގައި ތައުލީމު ފެތުރުއްވުމަށާއި މުސްލިމުންގެ ދަރިންނަށް ކިޔަވައިދެއްވުމަށް ވަރަށް ހާއްސަ އަހަމިއްޔަތެއް ދެއްވި ކަމަށެވެ. އެގޮތުން ބަދުރު ހަނގުރާމައިގެ އަސީރުންގެ ފިދިޔާއަކަށް ނަބިއްޔާ صلى الله عليه وسلم ހަމަޖެއްސީ މަދީނާގެ 10 މީހަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި ބާރުއަޅުއްވާފައިވާ ފަދައިން މިއަދު މުސްލިމުން ދީނީ އިލްމާއި ސައިންސާއި ޓެކްނޮލޮޖީ އަށް އަހުލުވެރިވާން ވެއްޖެ ކަމަށެވެ.

އަދި ބޭސްވެރިކަމާއި އެކިއެކި ދާއިރާގެ ދިރާސާތަކަށް ހާއްސަ އެކަޑަމީތައް އުފައްދައި ދިރާސާތައް ފަށަންޖެހިއްޖެ ކަމަށާއި މިއަދު ދުނިޔޭގެ ގައުމުތަކާ އެކު ފައިތިލަ ސާބިތުކުރެވޭނީ ދުންޔަވީ އިލްމުގައި ވެސް ކުރިއަރައިގެން ކަމަށް ވިދާޅުވި އެވެ.

އަލްއިމާމުއްޝާފިއީ ރަހިމަހުﷲ ވިދާޅުވެފައިވެ އެވެ. “އެމީހަކު އިލްމު އުނގެނުމަށްޓަކާ ހޭދަކުރާ ވަގުތުކޮޅަކީ އެއީ އޭނާއަށް ލިބޭ އެންމެ އަގުބޮޑު ވަގުތުކޮޅެވެ!”

Leave a comment

Your email address will not be published.