މުޙައްމަދު އިބްރާހިމް
28 June 2019
މަޤްބޫލު ޙަބަރު

ސަދަގާތް ކުރުމަކީ ތިމާއަށް ކަށްވަޅުގައި ވެސް ސަވާބާއި ދަރުމަ ލިބިލިބި ހުންނާނެ ކަމެއް ކަމަށާއި ނަމަވެސް ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

“ސަދަޤާތްކުރުމުގެ މުހިއްމުކަން” މި މައުޟޫއަށް ދިން މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވީ، ﷲގެ މަގުގައި ހޭދަކުރުމަކީ، ވަރަށް މަތިވެރި އަޖުރަކާއި ސަވާބެއް އެކަމުގައި އެކުލެވޭ ކަމެއް ކަމަށާއި އެއީ ﷲގެ ރުހިވޮޑިގަތުމާއި އެކަލާނގެ ހަޟްރަތުން ފުއްސެވުމާއި މަޣްފިރަތު އެމީހަކަށް ލިބުމަށް އޮތް މަގެއް ކަމަށެވެ.

އަދި މިފަދަ ހެޔޮ އަމަލުތަކަކީ ވަކި މަހަކަށް ހާއްސަ ކަންކަމެއް ނޫން ކަމަށާއި ﷲގެ މަގުގައި ހޭދަ ކުރުމާއި ހެޔޮ އަމަލުތަކަކީ މުޅި އަހަރުތެރޭގައި ވެސް ކުރަންވާނޭ ކަންކަން ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މުދަލަށް ލޯބިކުރުމާއި މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިތުރަތުގައިވާ ކަމެއް ކަމަށެވެ. ކަން މިހެން އޮތްއިރު، މުސްލިމުންނަށް އޮތީ ހަވާނަފްސާ ދެކޮޅަށް ﷲގެ މަގުގައި ހޭދަކޮށް، އަމިއްލަ އެދުންތައް އެކިބާކޮށް އެކަލާނގެ ރުހިވޮޑިގަތުން ލިބޭތޯ ސަދަގާތް ކޮށް އުޅުން ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

“އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ.”

ނަމަވެސް ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި ބަޚީލުވެ ދަހިިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށް ހުތުބާގައި ވިދާޅުވި އެވެ. އެގޮތުން މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

“އަދި ދަހިވެތިވެ، ﷲ ފިޔަވައި އަމިއްލައަށް ފުދިގެންކަމަށް ހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރި މީހާ ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ ދަތިކަން ހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭ ހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސް ކަމެއް ފުއްދައެއް ނުދޭނެތެވެ.”

އަދި އިންސާނުންނަށް އޮތީ، މީހުންނަށް ހެޔޮފޯރުކޮށްދިނުމާއި ހެޔޮގޮތުގައި ﷲގެ މަގުގައި ހޭދަކޮށް އުޅުމަށް އަވަސްވެގަތުން ކަމަށާއި ފަހަށް ލަސްކުރުމެއް ނޫން ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

އެހެނީ ލޯމަރާލަން ޖެހޭނީ މާދަން ނޫން ކަމެއް ވެސް އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. އަދި ސަދަގާތް ކުރުމަކީ ތިމާއަށް ކަށްވަޅުގައި ވެސް ސަވާބާއި ދަރުމަ ލިބިލިބި ހުންނާނޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރަސޫލާ صلى الله عليه وسلم ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނަގައިވެ އެވެ.

“އިންސާނާ މަރުވުމުން، ތިން ކަމަކުން ފިޔަވައި ދުނިޔެމަތީގައި އޭނާ ކޮށް އުޅުނު އަމަލުތައް ހުއްޓުނީ އެވެ: އެއީ، ދެމިގެންވާ ސަދަގާތަކުން، ނުވަތަ ދޫކޮށްފައި ދިޔަ ފައިދާ ހުރި އިލްމަކުން، ނުވަތަ ތިމާ އަށް ޓަކައި ހެޔޮ ދުއާ ކުރާ ސާލިހު ދަރިއެއްގެ ކިބައިން މެނުވީއެވެ.”

އަދި ރަނގަޅު ހެޔޮ ސޮދަގާތަކީ ފާފަތަކުގެ ކައްފާރާއެއް ކަމަށާއި އޭނާގެ ކުށްފާފަތައް ފުއްސަވައި، ތަނަވަސްވެގެންވާ ސުވަރުގެއާ ދިމާއަށް އެމީހަކު ގެންގޮސްދޭނެ ފާލަމެއް ކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވި އެވެ.

އެގޮތުން މާތް ނަބިއްޔާ ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެ އެވެ.

“ފެން، އަލިފާން ނިއްވާލާ ފަދައިން، ސަދަޤާތް އޭނާގެ ކުށްފާފަތައް ފުހެލައެވެ،”

Leave a Reply

Your email address will not be published.

haftha.mv ©