Thu, 28 May, 2020, 9:31 am
ތައުރީފުގެ ބަސްތައް ހޯދަން މުދާ ހޭދަކުރާ މީހާ، ބޯކޮޅު ވަތަށް ނަރަކައަށް ވައްޓާލެވޭނެ!
555

މާތް ﷲގެ މަގުގައި ހޭދަކުރުމަކީ، ވަރަށް މަތިވެރި އަޖުރަކާއި ސަވާބެއް އެކަމުގައި އެކުލެވޭ ކަމެކެވެ. އެއީ ﷲގެ ރުހިވޮޑިގަތުމާއި އެކަލާނގެ ހަޟްރަތުން ފުއްސެވުމާއި މަޣްފިރަތު އެމީހަކަށް ލިބުމަށް އޮތް މަގެއް ވެސް މެއެވެ. އަދި ކިއެއްތޯ އެވެ. ސަދަގާތް ކުރުމަކީ ތިމާއަށް ކަށްވަޅުގައި ވެސް ސަވާބާއި ދަރުމަ ލިބިލިބި ހުންނާނެ ކަމެކެވެ.

އެހެންކަމުން މިފަދަ ހެޔޮ އަމަލުތަކަކީ ރަމަޟާން މަހު ނުވަތަ އީދު ދުވަހާ ގުޅިގެން ކުރާ ކަމަކަށް ވެގެން ނުވާނެ އެވެ. ﷲގެ މަގުގައި ހޭދަ ކުރުމާއި ހެޔޮ އަމަލުތަކަކީ މުޅި އަހަރުތެރޭގައި ވެސް ކުރަންވާނޭ ކަންކަމެވެ.

ނަމަވެސް ސަދަގާތްކުރުމުގައި އިހްލާސްތެރިވާން ޖެހޭނެ އެވެ. އެހެނީ އިހްލާސްތެރިކަމަކީ ކޮންމެ ހެޔޮއަމަލެއްގެ މައި ތަނބެވެ. އަދި އިހްލާސްތެރިކަން ނެތި ކުރެވޭ އެއްވެސް އަމަލަކީ އެއްވެސް އަގެއްހުރި އަމަލެއްކަމުގައި ނުވާނެކަން ކަށަވަރެވެ. އެއީ ރަން ފަރުބަދައެއް ސަދަގާތުގެ ގޮތުގައި ހޭދަކުރި ނަމަވެސް އޭނާގެ އެ އަމަލު ވާހުށީ ބާތިލް އަމަލެއް ކަމުގަ އެވެ.

އޭގެ މިސާލަކީ ގިޔާމަތްދުވަހު އެންމެ ފުރަތަމަ ނަރަކަޔަށް އެއްލާލެވޭ ތިން މީހުންގެ ތެރޭގައި ރެޔާއި ދުވާލު އޭނާގެ މުދަލުން ސަދަގާކޮށް އުޅުނު މީހަކު ވާނެ އެވެ. އަދި އޭނާއަށް، އަރަހުށި ހުސްތާހިރުވަންތަ ﷲ ދެއްވި ނިއުމަތްތައް އޭނާއަށް ހަނދުމަކޮށްދެއްވުމަށް ފަހު ވަހީ ކުރައްވާނެ އެވެ.

“ތިބާ އަމަލުކުރީ ކިހިނަކުން ހެއްޔެވެ؟” އޭނާ ބުނާނެ އެވެ. ތިމަން އިބަ ރަސްކަލާނގެ ވަޖުހުފުޅަށްޓަކައި، ރެޔާއި ދުވާލު އިބަ ﷲގެ މަގުގައި މުދާ ހޭދަކުރީމެވެ.

އެހިނދު ﷲ އޭނާއަށް ވަހީކުރައްވާނެ އެވެ. “ތިބާ ތިޔަ ހެދީ ދޮގެކެވެ. އެހެނެއްކަމަކު ތިބާ ބޭނުންވީ މީސްތަކުން ތިބާއީ ވަރަށް ދީލަތި މީހެކޭ ބުނުވުމަށެވެ.”

އެބަހީ މީސްތަކުންގެ ދުލުން އޭނާއަށް ތައުރީފުގެ ބަސްތައް ލިބިއްޖެ އެވެ. އޭނާގެ މަގްސަދު އެވަނީ ދުނިޔޭގައި ހާސިލްވެފަ އެވެ. މިހެންވެ އޭނާއަށް އާހިރަތުގައި ލިބެން އޮތް ސަވާބެއް ނެތެވެ. ދެންފަހެ ބޯކޮޅު ވަތަށް އޭނާ ނަރަކަޔަށް ވައްޓައިލެވޭޭ ހުއްޓެވެ.

އެހެންކަމުން، އިންސާނުންނަށް އޮތީ، މީހުންނަށް ހެޔޮފޯރުކޮށްދިނުމާއި ހެޔޮގޮތުގައި ﷲގެ މަގުގައި ހޭދަކޮށް އުޅުމަށް އަވަސްވެގަތު މެވެ. ފަހަށް ލަސްކުރުމެއް ނޫނެވެ. އެހެނީ ލޯމަރާލަން ޖެހޭނީ މާދަން ނޫން ކަމެއް އެއްވެސް ނަފްސަކަށް ނޭނގޭއިރު ރަނގަޅު ހެޔޮ ސޮދަގާތަކީ ފާފަތަކުގެ ކައްފާރާއެކެވެ. އޭނާގެ ކުށްފާފަތައް ފުއްސަވައި، ތަނަވަސްވެގެންވާ ސުވަރުގެއާ ދިމާއަށް އެމީހަކު ގެންގޮސްދޭނެ ފާލަމެކެވެ.

Leave a comment

Your email address will not be published.