.
06 July 2019
މަޤްބޫލު ޙަބަރު

ކޮންމެ މީހަކީ ވެސް މަރުވެ، މިދުނިޔެ ދޫކޮށްދާނެ މީހެއްކަމީ ކަށަވަރު ކަމެކެވެ. އެހެން ކަމުން އެކަކަށް ވެސް އެކަމަކާއިމެދު އިންކާރު ނުކުރެވޭނެ އެވެ. މަރަކީ އޭގެ ފަހަތުގައި ސިއްރު ތަކަކާއި، ހިކުމަތްތަކެއް ފޮރުވިފައިވާ ކަމެކެވެ.

މަރުވުމުގެ ހިކުމަތަށް ބަލާއިރު ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވަނީ: الذي خلق الموت والحياة ليبلوكم أيكم أحسن عملاً މާނައަކީ: “އެކަލާނގެ އެއީ ތިޔަބައި މީހުންގެ ތެރެއިން ރަނގަޅު އަމަލުތައް ކުރާ ބަޔަކީ ކޮބައިކަން އިމްތިހާން ކުރެއްވުމަށްޓަކައި، މަރާއި ދިރިހުރުން އުފެއްދެވި ކަލާނގެއެވެ.”

ބައެއް މީހުން ހީކުރާހެން، މަރަކީ ހަމައެކަނި ނެތި ދިއުމެއް ނުވަތަ ފަނާވުމެއް ނޫނެވެ. އިންސާނާ މި ދުނިޔެއަށް އައުމުގެ ކުރިން ވެސް ތަފާތު މަރުހަލާ ތަކެއް ކަޑައްތުކުރާހެން މަރަކީ އެއް ހާލުން އަނެއް ހާލަށް، އެއް މަރުހަލާއިން އަނެއް މަރުހަލާއަށް، އެއް ގޮވަތިން އަނެއް ގޮވައްޗައް ބަދަލުވުމެކެވެ.

ޢުމަރު ބިން ޢަބްދުލް ޢަޒީޒް ވިދާޅުވެފައިވަނީ: ”ކާލޭމެން ހެއްދެވުނީ އަބަދަށްޓަކައެވެ. އެކަމަކު އެއް ގޮވަތިން އަނެއް ގޮވައްޗަށް ބަދަލުކުރެވެނީ އެވެ.”

ވަރަށްވެސް ބޮޑު ތެދުފުޅެކެވެ. މިދުނިޔެ ދޫކޮށްފައި ދިއުމުން އޮތް އުޚްރަވީ ދުނިޔެއަކީ ދުވަހަކު ވެސް ނިމުމެއްނެތް ތަނެކެވެ. ސުވަރުގެއަށް ވަންނަ މީހުން ސުވަރުގޭގަ އެވެ. ނަރަކައަށް ވަންނަ މީހުން އެނުން ގޮތެއް ﷲ އިރާދަ ކުރައްވަންދެން އެތާގައެވެ. މައްޔިތާ ކައްވަޅުގައި އޮންނައިރު ވެސް އޭނާ ވާނީ، ރަނގަޅު މީހެއްނަމަ ޘަވާބު، ނުބައި މީހެއްނަމަ އަޒާބު ލިބިލިބި އެވެ. ހަށިގަނޑު ބަލާބެލުމަށް ފަނާވެ ވެއްޔާއި މޮޑެވިދިޔައަސް ކަންތައްވާގޮތަކީ މިއީކަން، ކީރިތި ޤުރުއާނާއި ރަސޫލާގެ ޙަދީޘްފުޅުތަކުން ސާބިތުވެ އެވެ.

ދުނިޔެއިން އެކަކުވެސް މަރު ނުވާނަމަ ވާނީ ކިހިނެއްތޯއެވެ؟

އޭރަށް ދުނިޔެއިން ދުވަސް ހިގަމުންދާ ވަރަކަށް އިންސާނީ ނަސްލު ދާނީ އިތުރުވަމުން ނެވެ. އެންމެންވެސް ދުނިޔެއަށް އަންނާނީ އެވެ. އެބުރިދާނެ އެކަކުވެސް ނެތުމުން، އާބާދީ ބޮޑުވެ، ދުނިޔޭގައިވާ ކާނާ ހުސްވެ، ބިންހުސްވެ، މަގުތައްވެސް އޮންނާނީ، މިހާރު ދުއްވާތަކެތިން ތޮއްޖެހިފައި އޮންނަހެން، މީހުންނާއި ހެދި ތޮއްޖެހިފަ އެވެ.

މިސާލަކަށް ކުރީޒަމާނެއްގައި ހުރި ތަކުރު ކިޔާމީހެއް ނަގަމާތޯއެވެ؟ އޭނާ ދުނިޔޭގައި އުޅުނީ މީގެ އެއް މިލިއަން އަހަރުކުރިން ކަމަށް ބައްލަވާށެވެ. ތިބީ ދިހަ ދަރިންނެވެ. އެ ދިހަ ދަރިންނަށް، ތަކުރުގެ ކާފަދަރިންގެ ގޮތުގައި ފަންސާސް ކުދިން ލިބިއްޖެ އެވެ. އެހެން ގޮސް ތަކުރުގެ ނަސްލު އިތުރުވަމުން ދިޔަ އެވެ. ދުވަހަކު ވެސް އެކަކު ވެސް މަރެއް ނުވެއެވެ. ހައްތާހާވީ އިތުރެވެ. ދެން މިއަދާއި ހަމައަށް ބަލާއިރު ތަކުރުގެ ނަސްލުން ކިތަށް މިލިއަން އާދަމުގެ ދަރިން އައިސްފައި ތިބޭނެ ހެއްޔެވެ؟ އޭރުވެސް ދުނިޔޭގައި އެކަހަލަ ކިތެއް ތަކުރު އުޅޭނެ ހެއްޔެވެ؟ މީ ހަމަ ވާނެގޮތުގެ ޚިޔާލީ ވެދާނެގޮތެކެވެ.

ނޫންނަމަ މީހުންނަށް ނުކުޅަދާނަވާ ވަރަށް ކަންތައް ދިއުމުން ދެން ޖެހޭނީ އެޤައުމެއްގެ އިސް މީހުން އެއްވުމެއް ބާއްވައިގެން، ކޮންމެވެސް ބަޔަކު ނައްތާލާ ށެވެ. ކޮންމެ އަހަރަކު ވެސް ވަކިވަރަކަށެވެ. އެކަމަކު އޭރަށް ދިމާވާނެ މައްސަލައަކީ މަރާލެވޭނެ މީހާ އިޚްތިޔާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ އާއިލާއަކުން ވެސް މީހަކު ނަގާނީ ހެއްޔެވެ؟ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްތިބިނަމަ އެއިން ކޮން ކުއްޖެއް ހެއްޔެވެ؟ ބައިވަރު ކުދިންތިބިނަމަ ޤުރުބާން ކޮށްލާނެ ވަކި ކުއްޖަކު ހޮވަން، މަންމަ އަކަށް ނުވަތަ ބައްޕަ އަކަށް އެނގޭނެ ހެއްޔެވެ؟

ނޫނީ ދެން އޮތީ ގުރުލައިގެން ހޮވުމެވެ. އެހެން ހޮވައިގެން ވެސް މަރަން ބަލާއިރު، އިންސާނާއަކީ ތަބީއަތުގައި މަރުނުވާ އެއްޗެއްނަމަ ދެންހަދާނީ ކިހިނެއް ހެއްޔެވެ؟ ބަލިވީމައި ވެސް އެވޭނުގައި ނިމުމެއްނެތް ގޮތުގައި ދެމިއޮތުން، އެބަލީގައި މަރުވުމަށްވުރެ ރަނގަޅުވާނެ ހެއްޔެވެ؟ މަރު ނުވާނަމަ ބައްޕަ ނުވަތަ މަންމަގެ މުދާ ދަރިންނަށް ވާރު ތަވާނީ ކިހިނެއް ހެއްޔެވެ؟ އެހެން މީހަކަށް ދޭނެ އެއްޗެއް އެއްވެސް މީހެއްގެ އަތުގައި އޭރަކު ނުހުންނާނެ އެވެ. އެންމެންވެސް އަމިއްލަ އަމިއްލައަށް ނިމުމެއް ނެތް މުސްތަޤުބަލަށް އެއްޗެހި ރައްކާކުރާނީ އެވެ. ދުނިޔޭގައި އަނިޔާ ލިބޭ މީހުންނަށް، ނިޔާ ހޯދޭނީ ކިހިނެއް ހެއްޔެވެ؟ ފަޤީރު މީހާ އަބަދު އަބަދަށް ފަޤީރުކަމުގައި، ބަލިމީހާ ބަލިކަމުގައި، ހިތާމަވެރިއާ އެ ހިތާމައިގައި ދެމިހުރުން އެއީ ހަމަޖެހޭ ގޮތެއް ހެއްޔެވެ؟

ތަބީޢީގޮތުން އިންސާނާ މަރުވުން މި ހުރިހާ ކަމެއް ހައްލުކޮށްދެ އެވެ. މީހަކު ކުރާނެ ޝަކުވާ އެއް ނޯންނަ ފަދައަކުން ނެވެ. މުއުމިނެއްނަމަ އޭނާ އެ މަރުވަނީ ﷲގެ ތަޤުދީރުންކަން ޤަބޫލުކުރާނެ އެވެ. އަދި އޭނާ އެދަނީ އެކަލާނގެ ހަޟުރަތަށްކަން އެގުމުން އުފާވާނެ އެވެ. އަދި ދުނިޔޭގައި ހުންނައިރު އޭނާއަކީ ކޮންމެ ވަގުތެއްގައި ވެސް މަރު ވެދާނެ މީހެއްކަމާއި ވީމާ މަރުދެކެ ބިރު ނުގަނެ، މަރަށް ތައްޔާރުވެ ހުރުން ބުއްދިވެރި ވާނެކަން އެގޭނެ އެވެ.

މަރަކީ އެއްވެސް މީހަކަށް، އެ އަންނަ ވަގުތު އެނގޭ އެއްޗެއް ނޫނެވެ. އަދި މަރުވާނެ ތަނަކާއި މަރުވާނެ ގޮތެއް ވެސް ނޭގޭނެ އެވެ. މަރަކީ އޭގެ ރަހަ ކޮންމެ މީހަކު ވެސް ބަލާނެ އެއްޗެކެވެ. މޮޅެތި މީހުންނާއި ދެރަ މީހުން، މުއްސަދިންނާއި ފަޤީރުން، ކުޑަކުދިންނާއި ބޮޑެތިމީހުންވެ ސް މަރުވާތަން އަޅުގަނޑުމެން އެންމެންނަށް ވެސް ފެނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©