• Wed, 8 July, 2020, 12:08 am

  މުސީބާތްތަކުން ސަލާމަތްވުމަށް ފިތުނަ އުފެދޭ ވާހަކަތަކާ ދުރުވާންޖެހޭ: ހުތުބާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މުސީބާތްތަކުން ސަލާމަތް ވެވޭނީ ﷲގެ އަމުރުފުޅުތަކަށް ތަބާވެ، ހަސަދަވެރިކަމާއި ނަފްރަތު އުފެދޭ ވާހަކަަކަށް ޖާގަ ނުދީ އެފަދަ ކަންކަމަށް ނޫނެކޭ ބުނެގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

  “ފިތުނައިން ރައްކައުތެރިވުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ދުނިޔަވީ ހަޔާތަކީ އިމްތިހާނުގެ ގޮވައްޗެއް އަދި އަޖުމަ ބެލުމުގެ މަންޒިލެއް ކަމަށްވާއިރު އިމްތިހާނުގެ މައިދާނުގައި އެއްވެސް މީހަކު އިސްތިސްނާ ވެގެން ނުވާ ކަމަށެވެ.

  އެހެންކަމުން ފިތުނައިގެ ތެރެއަށް ނުވެއްޓި، ފިތުނައިން ރައްކައުތެރި ވެގެން އުޅުމަށް މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

  އެގޮތުން ފިތުނައިގެ ނުބައިކަން ސިފަކޮށްދެއްވާ ހުތުބާގައި ވިދާޅުވީ، އެއީ ހިތަށާއި ސިކުނޑިއަށް ޖެހޭ މުސީބާތަކަށް ވާތީ، ފިތުނައިގެ ސަބަބުން ކެތްތެރި މީހާ ވެސް އާވާރާވެ، މަގުއޮޅި ގޮސް ރުޅިގަދަވެ ޒުވާބު ގިނަވާ ކަމަށެވެ. އަދި ފިތުނައިގެ ސަބަބުން އެތައް މީހުން އިންސާފުން ބޭރުވެ، ކަންބޮޑުވެ، ހާސްވެ، ކުރާނެ ނުކުރާނެ ކަމެއް ނޭނގި ހަލާކުވެ ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

  އަދި ވިދާޅުވީ، ގައުމަކާ ނުވަތަ ބަޔަކާ ފިތުނައެއް ކުރިމަތި ވެއްޖެނަމަ އެ ކަންވެގެންދާނީ ހުރިހާ އެންމެން އޮޔާގެންދާ ބޮޑު ސުނާމީއަކަށް ކަމަށާއި އެންމެންނާ ކުރިމަތިވާ ބޮޑު ކާރިސާއަކަށް ކަމަށެވެ.

  މިއަދުގެ ހުކުރު ހުތުބާގައި އިތުރަށް ވިދާޅުވީ، ފިތުނަތަކުގެ ތެރެއިން އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނަ ކަމަށާއި އެ ފިތުނައަކީ އޭނާއާ އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނު ކުރެއްވުމަށްޓަކައި ކުރިމަތި ކުރައްވާ ފިތުނަ ކަމަށެވެ.

  އަދި މި އިމްތިހާނުގައި ނާކާމިޔާބުވާ މީހުން މަގުގެއްލި ފުރެދުމުގެ ތެރެއަށް ވެއްޓިގެންދާކަން އިޝާރާތް ކުރައްވާ ހުތުބާގައި ވަނީ ކީރިތި ރަސޫލާ صلى الله عليه وسلم ފިތުނައަކާ ނުލައި އަދި ފުރެދުމަކާ ނުލައި ﷲގެ ހަޟްރަތަށް ގެންގޮސް ދެއްވުމަށް އެދި ވަޑައިގެން ދުއާ އެއް ވިދާޅުވެފަ އެވެ.

  އެކަލޭގެފާނު ކުރެއްވި ދުއާގެ މާނައިގައިވެ އެވެ. “އަޅަމެންގެ ދީނުގައި އަޅަމެންނަށް މުސީބާތެއް ނުލައްވާނދޭވެ!” (އާމީން)

  ހުތުބާގައި އިތުރަށް ވިދާޅުވީ، މުސީބާތްތަކުން ސަލާމަތް ވުމަށް ﷲގެ އަމުރުފުޅުތަކަށް ތަބާވެ، އެންމެން އެކަތިގަނޑަކަށްވެ އެއްބާރުލައި، އިސްލާމް ދީނާއި ގައުމުގެ ވަހްދަތު ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅައި، އަތުކުރި އޮޅާލަންޖެހޭ ކަމަށެވެ.

  އަދި އަމަން އަމާންކަމާއި ސުލްހަވެރިކަމަށް އިސްކަންދީ ހަސަދަވެރިކަމާއި ނަފްރަތު އުފެދޭ ވާހަކަަކަށް ޖާގަ ނުދީ އެފަދަ ކަންކަމަށް ނޫނެކޭ ބުނެ، އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކޮށް، މީޑިއާގެ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކޮށް، ތަރައްގީ އަށާއި ތަމައްދުނަށް މަގުތައް ކޮށައި، އެކަމުގައި ބައިވެރިވުމަށް ހުތުބާގައި ގޮވާލެއްވި އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.