Sat, 6 June, 2020, 5:02 pm
ސުވަރުގޭގައި ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ މާތް ﷲ، ލޯތަކަށް ފެނުމުގެ ނިއުމަތް: ހުތުބާ
173

ސުވަރުގޭގެ އަހުލުވެރިންނަށް ލިބޭ ނިއުމަތްތައް އަދަދު ނުކުރެވޭހާ ގިނަގުނަ ކަމަށާއި އެ ހުރިހާ ނިއުމަތަކަށްވުރެ ބޮޑުވެގެންވާ ނިއުމަތަކީ އަރަހުށި މާތް ﷲ، މުއުމިނުންގެ ލޯތަކަށް ފެނުމުގެ ނިއުމަތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

“ސުވަރުގޭގެ އަހުލުވެރިންނަށް ﷲ ދެއްވާ އެންމެ ބޮޑު ނިއުމަތް” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ދުނިޔެ މަތީގައި ﷲ އަށް އީމާންވެ، އެއިލާހު އެންގެވި ގޮތުގައި އެ މީހެއްގެ ހަޔާތުގެ ދުވަސްތައް ވޭތިކޮށްފި މީހާއަށް ލިބޭ އިނާމަކީ ސުވަރުގޭގެ ދާއިމީ ނިއުމަތް ކަަމަށެވެ.

އެއީ ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކަށް އަޑު އިވިފައި ނުވާ، ހިތަކަށް ތަސައްވަރު ނުވާ ތަނެއް ކަމަށާއި އެއީ ރީތި ކަމާއި ފުރިހަމަކަމާއި އަރާމާއި ލައްޒަތާއި އުފަލާއި ހިތްހަމަޖެހުމުން ފުރިގެންވާ ސުވަރުގެ ކަމަށް ވެސް ވިދާޅުވި އެވެ.

ސުވަރުގޭގެ އަހުލުވެރިންނަކީ މަރުުވުމެއް ނެތި ދާއިމާސް ޒުވާންކަންމަތީ ތިބޭނޭ ބައެއް ކަމަށްވުމާއެކު އެތަނުން ލިބޭ ނިއުމަތްތައް އަދަދު ނުކުރެވޭހާ ގިނަކަން އިޝާރާތް ކުރައްވާ ހުތުބާގައި ވިދާޅުވީ، އެ ހުރިހާ ނިއުމަތަކަށްވުރެ ބޮޑުވެގެންވާ ނިއުމަތެއްވާ ކަމަށެވެ.

“އެއީ ﷲގެ ހަޟްރަތަށް ދިއުމަށް ދެވޭ ދައުވަތެވެ. އަދި އުޑުތަކާއި ބިންތަކާއި އެތަންތަނުގައި ލެއްވިގެންވާހައި ތަކެއްޗެއް ވެރި ރަސްކަލާނގެ، ޖައްބާރުވަންތަ ގަދަ ކީރިތިވަންތަ އަރަހުށި މާތް ﷲ، މުއުމިނުންގެ ލޯތަކަށް ފެނުމުގެ ނިއުމަތެވެ. އެހެން އެއްވެސް އެއްޗަކާ ވައްތަރުވުމެއް، އެއްފަދަ ވުމެއް ނެތް، ގަދަކީރިތިވަންތަ ހުސްތާހިރުވަންތަ އެންމެ ފުރިހަމަ، އެންމެ ރީތި ވަޖުހުފުޅަށް ބެލުމުގެ ލައްޒަތެވެ.،” ހުތުބާގައި ވިދާޅުވި އެވެ.

އެހެންކަމުން ﷲގެ ދީދާރުފުޅު ދުށުމުގެ މި ނިއުމަތަކީ އެ ނިއުމަތަކަށްޓަކައި އިންސާނުން މަސައްކަތްކުރަންވީ ނިއުމަތްކަން ފާހަގަކުރައްވައި، އަޅަމެން އެންމެންނަށް އިބައިލާހުގެ ވަޖުހުފުޅަށް ބެލުމުގެ ނިއުމަތް ދެއްވުމަށް އެދި ހައްދަވައި ބޮޑުކުރެއްވި މާތް ﷲ އަށް ވަނީ ދުއާ ދަންނަވައިފަ އެވެ.

Leave a comment

Your email address will not be published.