މުޙައްމަދު އިބްރާހިމް
19 July 2019
މަޤްބޫލު ޙަބަރު

މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތުމަކީ އާހިރަތް ދުވަހުގެ އިތުރުން ދުނިޔެ މަތީގައި ވެސް އެކަމުގެ އުޤޫބާތް ލިބޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

“މައިންބަފައިންނަށް ކަމޭހިތުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިންސާނީ ނަސްލު ދެމިއަތޮމަށްޓަކައި މާތް ﷲ މެދުވެރި ކުރައްވާފައިވަނީ މައިންބަފައިން ކަމުން އެ މީހުންނަށް ކެމޭހިތައި އިހްތިރާމް ކުރުމަކީ އިސްލާމް ދީނުގައި ވަރަށް މަތިވެރި ދަރަޖައެއް ދެއްވާފައިވާ ކަމެއް ކަމަށެވެ.

އެގޮތުން ﷲ ތައާލާ އެ ކަލާނގެއަށް އަޅުކަަން ކުރުމަށް އެންގެވި އަމުރުފުޅާ ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ޤުރުއާނުގައި އެތައް ތަނެއްގައި އެކަލާނގެ އަމުރު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތުމުން، އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން، ދުނިޔެ މަތީގައި ވެސް އެކަމުގެ އުގޫބާތް ލިބޭނެ ކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ.

“ފާފަތަކުގެ ތެރެއިން އަނިޔާ ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާލުން ފިޔވައި އެންމެހައި ފާފަތަކުގެ ޖަޒާ، ޤިޔާމަތާ ހަމައަށް ﷲ ފަސްކުރައްވަތެވެ. ނަމަވެސް މިތިންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައި ވެސް އެމީހަކަށް އެކަލާނގެ ދެއްވަތެވެ،”

ނަމަވެސް މިއަދުގެ މުޖުތަމައުން ފެންނަމުންދަނީ ބައެއް ދަރިން، އެމީހުންގެ މައިންބަފައިންގެ އުމުރުން ދުވަސްވުމުން އަޅައިނުލައި ގެއިން ބޭރުކޮށްލާ މަންޒަރާއި މައިންބަފައިން ބިކަ ހާލުގައި ޖައްސާ މަންޒަރާއި ދަރިން ތަނަވަސްކަންމަތީ ތިބެމެ އެހެން މީހުން ގާތަށް ގޮސް ސަލާމް ޖަހައިގެން ކައި ބޮއި އުޅޭ މަންޒަރު ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

އޭގެ އިތުރުން އުމުރުން ދުވަސްވެފައި ތިބި މައިންބަފައިންނަށް އެއްޗެހި ކިޔައި، އަޑުލައި، މޫނު މަތީގައި ޒުވާބުކޮށް އުޅޭ މަންޒަރުތަކަކީ ހިތާމަހުރި ކަންތައް ކަމަށާއި މިގޮތަށް ކަންތައް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

“ތިމާގެ ހަޔާތުގައި މަންމަ ނުވަތަ ބައްޕަ އުމުރުން ދުވަސްވެ، ލޯ ބޯ ކޮށިވެފައިވާ ހާލުގައި، އެ މީހުންގެ ފަރާތުން ދިމާވާ ކަންކަމަށް ކެތްތެރިވާން ޖެހޭނެ އެވެ. އެބައިމީހުންނަށް އިހްތިރާމް ކުރަންވާނެ އެވެ. އެބައިމީހުންނާ މުއާމަލާތު ކުރަން ޖެހޭނީ ނުހަނު އޯގާތެރިކަމާ އެކުގަ އެވެ.” ހުތުބަގައި ވިދާޅުވި އެވެ.

އެގޮތުން އިސްލާމްދީނުގައި އަންގަވާފައިވަނީ މައިންބަފައިންގެ ކުރިމަތީގައި އެންމެ ކުޑަމިނުން “އުއްފު” ވެސް ނުބުނުމަށް ކަމަށް ހުތުބާގައި ވިދާޅުވި އެވެ. އަދި މައިންބަފައިންނަށް އަދަބު އިހްތިރާމް އަދާކުރުމުގެ ގޮތުން އެބައިމީހުންގެ ކުރިމަތީގައި މަޑުމޮޅިވެ، އެމީހުންނަށްޓަކައި ހެޔޮ ދުއާކުރުމަށް ގޮވާލެއްވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©