.
26 July 2019
މަޤްބޫލު ޙަބަރު

އިސްލާމްދީން ފާޅުވި މުޖްތަމަޢުގައި އެކިއެކި ނަސްލުތަކުގެ އެކިއެކި ޤައުމުތަކުގެ އަޅުން ތިއްބެވެ. އޭގެ ތެރޭގައި އެފްރިކާގެ ކަޅުމީހުންނާއި ރޫމީ ދޮންމީހުންނާއި ފާރިސީންނާއި އަދި މި ނޫންވެސް އެތައް ބަޔަކު ތިބިއެވެ. އަދި މިއަށްވުރެ މުހިއްމު ކަމަކީ، އެ މުޖްތަމަޢުގައިވާ އަޅުންގެ ‘ކޯރަށް’ އެކިދިމަދިމާއިން ފެން ފޯރުކޮށްދޭ އާރުތައް ހުއްޓެވެ. އަބަދަށް ދާއިމަށް މި ކޯރަށް، މި ދެންނެވި އަޅުންގެ އާރުތަކުން ހުންނަނީ އަބަދުވެސް އަޅުން ލިބިލިބިއެވެ. އެހެންވެ ކޯރު ހުންނަނީ އަބަދުވެސް ބަނޑުންވާހާ ވެފައެވެ.

ނަމަވެސް އިސްލާމްދީން އައިސް މަސައްކަތްކުރީ، މަރުހަލާތަކަކުން މި ނިޒާމް އުވާލާށެވެ. އިސްލާމްދީނަށް ފެނުނީ، މެދުކެނޑުމެއް ނެތް ޤަބީލާތަކުގެ ހަނގުރާމަތައް އެއީ މީހުން އަޅުވެތިކުރެވޭ މަޞްދަރަކަށް ވެފައިވާތަނެވެ. ޤަބީލާތަކުގެ އަދި ވަކިވަކި ފަރުދުންގެ އާދަކާދައަކީ ވެސް އިތުރު މަޞްދަރެކެވެ. ފެތުރި އާއްމުވެފައި އޮތް ފަޤީރުކަމުގެ ސަބަބުން، މީހުން ދަރަނި ނަގަން މަޖްބޫރުވެ އެ ދަރަނީގެ ސަބަބުންވެސް އަޅުވެތިވަމުންދިޔައެވެ. ދަރަންޏަށް އިތުރުވަމުންދާ އެތައް ގުނައެއްގެ ރިބާ ނުދެއްކުނީމާ، ފައިސާވެރިން ފަޤީރުން އަޅުންނަށް ހަދާލައެވެ.

އިޖްތިމާޢީ ޢަދުލުވެރިކަމެއް ނެތް މި މުޖްތަމަޢުގައި ފެތުރިފައި އޮތް ރިބާގެ މުޢާމަލާތަކީ، ގިނަ ބަޔަކު، އަޅުންގެ ކޯރަށް ވެއްޓޭ ސަބަބެއްކަމުގައި ވިއެވެ. އަދި އަނެއްކޮޅުން، ފަޤީރުން އުޅެމުންދިޔަ ނިކަމެތިކަމާއި، ވާހަކައަކުން ސިފަކުރެވޭ ވަރަށް ވުރެ ދެރަ ހާލަކީ، ވެސް މީހުން އަޅުވެތިކަމުގެ ކަސްތަޅުގައި ބެދޭ ސަބަބަކަށް ވެފައި ވިއެވެ. ބައްޕައަކަށް އޭނާގެ ދަރިން އަޅުންގެ ގޮތުގައި ވިއްކާލުމަކީ އޭރު މައްސަލައެއް ނޫނެވެ. ކާންބޯން ނުލިބިއްޖެއްޔާ ވެސް އޭނާ ކޮންމެވެސް މީހެއްގެ އަޅަކަށް ވަނީއެވެ. މަގުފޭރިގެންވެސް މިނިވަނަކު ހިފާ ހައްޔަރުކޮށްފައި، އެހެން ރަށެއްގެ އަޅުންގެ ބާޒާރަށް ވިއްކާލުމަކީ އާދައިގެ ކަމެކެވެ.

އިސްލާމްދީން އައިސް، މުޖަތްމަޢުގައި ފެތުރިފައި އޮތް މި ނުބައި އާދަ ހުއުޓުވަން، އޭރު ނެގެން އޮތް ޘައުރީ(އިންޤިލާބީ) ފިޔަވަޅު އެޅިއެވެ. މިގޮތުން އަޅުންގެ ކޯރަށް އާ އަޅުން އަންނަ އާރުތައް ބަންދުކުރިއެވެ. ބަންދުނުކޮށް ބޭއްވީ ހުއްދަ ހަނގުރާމައިގެ އާރެވެ. ހަނގުރާމައިގެ އަސީރުން އަޅުންނަށް ހެދިދާނެއެވެ. ނަމަވެސް އިސްލާމްދީން ބާރުއެޅީ  ފިދުޔައަތުލާފައި  އަސީރުން މިނިވަންކުރުމަށެވެ.

 އަދި އަނެއްކޮޅުން އަޅުންގެ ކޯރު ބަންޑުންވާ ކޮޅު ފުޅާކުރުމުގެ ގޮތުން، އަޅުން މިނިވަންކުރުމުގެ ދޮރު އިންތިހާއަށް ހުޅުވާލިއެވެ. އަޅުން އަމިއްލައަށް ވެސް މުކާތަބާކޮށްގެން މިނިވަންވެވެއެވެ.  އަޅުން މިނިވަންކުރުމަކީ ޘަވާބާއި ދަރުމަ ހޯދަން ބޭނުންމީހަކަށް އިރުޝާދު ދެވޭ ކަމެކެވެ. މިގޮތުން އިސްލާމްދީން އަންގާފައިވަނީ، މީހަކު އަޅެއް މިނިވަންކޮށްފިއްޔާ، އެއަޅުމީހާގެ ކޮންމެ ގުނަވަނަކަށް، މިނިވަންކުރިމީހާގެ ގުނަވަނެއް، ނަރަކައިގެ އަޒާބުން މިންޖުވާނެ ކަމަށެވެ. ވަރަށް ގިނަ އާއްމު ކުދި ފާފަތަކާއި، އަދި ބޮޑެތި ފާފަތަކުގެ ކައްފާރާއެއް ކަމުގައިވެސް، އަޅުވެތިކަމުން އަޅުން މިނިވަންކުރުންކަމުގައި ހަމަޖެއްސިއެވެ. އިސްލާމްދީނަކީ އިޖްތިމާޢީ އަދުލުވެރިކަމާއި އިންސާނީ ހައްޤުތައް ހޯދައިދޭނެ ދީނެއްކަން އެނގޭތީ، ގިނަ އަޅުންތަކެއް އެދީނަށް ވަނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުންނަށް ޤުރައިޝުވަންހައިގެ ބޮޑުންގެ ފަރާތުން، ބޮޑެތި އަނިޔާތަކެއް ލިބެމުންވެސް ދިޔައެވެ. މިހެންވެ އިސްލާމްދީނުގައި ހަމަޖައްސާފައިވަނީ، އަޅުން މިނިވަންކުރުމަކީ، ބައިތުލް މާލުން ޚަރަދުކޮށްގެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

 إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ ” ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ.” (ތައުބާ:60)

މިއާޔަތުން އެނގޭ ކަމަކީ، އަޅުން މިނިވަންކުރުމަކީ، މާތް ﷲ ފަރުޟުކުރައްވާފައިވާ ކަމެއް ކަމެވެ. ދަރަނިވެރިވެފައި ތިބޭ މީހުންނަށް އެހީތެރިވުމާއި، ފަޤީރުންނާއި މިސްކީނުންނަށް އެހީވެ އިޖްތިމާޢީ ބައިވެރިވުން މުޖްތަމަޢުގައި އޮތުމަކީވެސް، އަޅުން މަދުވަނެ ކަމެއްކަން ޔަޤީނެވެ.

އަދި ޤުރުއާނުގައި މުސްލިމުންނަށް އަންގަވާފައިވަނީ، ޙަޤީޤީ ހެޔޮކަމަކީ، ދުޢާކުރުމަށާއި ނަމާދުކުރުމަށް ހުޅަނގަށް ނުވަތަ އިރުމައްޗަށް އެނބުރުން ނޫންކަމަށެވެ. އެކަމަކު ޙަޤީޤީ ހެޔޮކަމަކީ، އެއަށްވުރެ މާ މުހިއްމު ކަންތައްތަކެކެވެ. އޭގެ ތެރޭގައިވެސް އަޅުން މިނިވަންކުރުން ހިމެނެއެވެ. 

يْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَـٰئِكَ الَّذِينَ صَدَقُوا ۖ وَأُولَـٰئِكَ هُمُ الْمُتَّقُونَ  ” ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمان ވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށްއެދި سؤال ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائم ކޮށް، زكاة ދީއުޅޭ މީހާއެވެ. އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް ހަމަ އެއުރެންނެވެ. ” (ބަޤަރާ:177)

 ކީރިތި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: لِلْمَمْلُوكِ طَعَامُهُ وَكِسْوَتُهُ بِالْمَعْرُوفِ  وَلا يُكَلَّفُ مِنَ الْعَمَلِ مَا لا يُطِيقُ “އަޅުމީހާއަށް އޭނާގެ ކެއުމާއި އަންނައުނު، އެކަށީގެންވާ ހެޔޮގޮތުގައި ދޭންވާނެއެވެ. އަދި އޭނާއަށް ނުކުޅަދާނަވަރަށް މަސައްކަތް ޖައްސައިގެން ނުވާނެއެވެ”

އަދި މިވަރުން ފުއްދާނުލާ، ‘ޢަބްދު’ ‘އަމަތު’ ފަދަ އަޅުވެތިކަން ދޭހަކޮށްދޭ ލަފްޒުތައް، އިޖްތިމާޢީ ހަޔާތުގައި ބޭނުންކުރުންވެސް މަނާކުރެވުނެވެ. މިގޮތުން ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ:

لا يقولن أحدكم عبدي وأمتي، كلكم عبيد الله وكل نسائكم إماء الله، ولكن ليقل غلامي وجاريتي وفتاي وفتاتي. “އެއްވެސް މީހަކު، ތިމަންނާގެ އަޅުފިރިހެނާއޭ، ތިމަންނަގެ އަޅުއަންހެނާއޭ ނުކިޔާށެވެ. ތިޔަބައިމީހުން އެންމެންނަކީ ވެސް ﷲ ގެ އަޅުފިރިހެނުންނެވެ. އަދި ތިޔަބައިމީހުންގެ ހުރިހާ އަންހެނުންނަކީ ވެސް އެކަލާނގެ އަޅުއަންހެނުންނެވެ. އެކަމަކު، އަހަރެންގެ ފިރިހެންކުއްޖާއޭ ނުވަތަ އަންހެންކުއްޖާއޭ ކިޔާށެވެ. ނުވަތަ އަހަރެންގެ ޒުވާން ފިރިހެންކުއްޖާއޭ ޒުވާންއަންހެންކުއްޖާއޭ ކިޔާށެވެ.”

އަދި އަޅުވެތިކަން ނައްތާލުމަށްޓަކައި އިސްލާމްދީންވަނީ، މުކާތަބާ ހުއްދަކުރައްވާފައެވެ. އެއީ އަޅުމީހާ އޭނާގެ މިނިވަންކަން، ވެރިމީހާއަށް ފައިސާ ދީފައި ގަތުމެވެ. އަދި މިނިވަން ސާހިބުމީހާއަށް އަޅުއަންހެނަކު ވިހާފައިވަނިކޮށް ސާހިބުމީހާ މަރުވުމުން، ނުވަތަ ‘ތަދްބީރު’ ކުރުން ފަދަ ގޮތްގޮތަކީ ވެސް، އަޅުން މަދުކުރުމަށް އިސްލާމްދީން އެޅި ފިޔަވަޅުތަކެކެވެ. އަދި އަޅުމީހާއަށް އަނިޔާތަކެއް ލިބޭނަމަ، ވެރިމީހާގެ ކިބައިން ގަދަކަމުން މިނިވަންކުރުމަކީވެސް، މުސްލިމުންގެ ވެރިއަކަށް ހުންނަ މީހަކަށް ދެވިފައިވާ ބާރެކެވެ. އެއީވެސް އަޅުން މިނިވަންކުރެވޭ އެއްގޮތެވެ.

Leave a Reply

Your email address will not be published.

haftha.mv ©