.
06 August 2019
މަޤްބޫލު ޙަބަރު

އިސްލާމްދީނަކީ  ދަޢްވަތު ދިނުމާއި މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ދީނެކެވެ. މިކަން ކީރިތި ޤުރުއާނުގައިވާ މައްކީ އަދި މަދަނީ ސޫރަތްތަކާމެދު ވިސްނައިފި ކޮންމެ މީހަކަށް ހާމަވެގެންދާނެއެވެ. މިއީ ފަހަރެއްގައިވެސް މަޖްބޫރުކުރުމާއި ގަދަކަމުން ދީނަށް ވައްދާ ދީނެއް ނޫނެވެ.

ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ- މުޚާޠަބްކުރައްވާ އެކަލާނގެ ވަޙީކުރައްވަނީ: قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي “ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް تبع ވި މީހުން، اللَّه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ دليل އާއެކުގައެވެ. ” (ޔޫސުފް: 108)

ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުގެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުރައްސަވައިދެއްވި، މަގަކީ މިއީއެވެ. އަލިވެގެންވާ ދަލީލާއެކު ދީނަށް ގޮވާލެއްވުމެވެ. މިގޮތަކީ ހަމައެކަނި އެކަލޭގެފާނުގެ ގޮތެއްވެސް ނޫނެވެ. އެކަލޭގެފާނަށް ތަބާވި މީހުންގެ ގޮތަކީވެސް އެއީއެވެ.

އަދި ނަޙްލު ސޫރަތުގައި އެކަލާނގެ ވަޙީކުރައްވަނީ: ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ “حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި އެންމެ ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ!” (ނަޙްލު:125)

މިއީ ކީރިތި ރަސޫލާއާއި، އަދި އެކަލޭގެފާނަށް ފަހު މުޅި އުއްމަތާވެސް ކުރައްވާފައިވާ މުޚާޠަބް ބަސްފުޅެކެވެ. މި އާޔަތުގައި މިވަނީ ދީނަށް ދަޢްވަތުދިނުމުގެ މަންހަޖެވެ. އެއީ މީހުންގެ ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ޙިކުމަތްތެރިކަމާއި، މީހުންގެ ރުހުންލިބޭފަދަ ރިވެތި ގޮތްތަކުން ދޭ ދަޢްވަތެކެވެ. އާދަވެގެން މިގޮތަށް ދަޢްވަތުދޭނީ، ދަޢްވަތާ އެއްބަސްވާ މީހުންނާއެވެ. ދެން ދަޢްވަތާ ޚިލާފުވާ މީހުންނާމެދު އޮތް ގޮތަކީ، ވީ އެންމެ ރިވެތި ގޮތަކަށް ދަޢްވަތުދިނުމެވެ.

މާއިދާ ސޫރަތުގައި، އެއީ މަދަނީ ސޫރަތެއް، މާތް ﷲ ވަޙީކުރައްވާފައިވަނީ: يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّـهُ يَعْصِمُكَ مِنَ النَّاسِ  “އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ” (މާއިދާ:67)

އަދިވެސް ވަޙީކުރެއްވީ: وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ “ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.”

މައްކީ ދައުރުއްސުރެ ފެށިގެންވެސް، ޤުރުއާން ކަށަވަރުކޮށްދެނީ އިސްލާމްދީނަކީ ޢާލަމީ ދަޢްވަތެއްކަމެވެ. އެއީ މީސްތަކުންގެ ތެރެއިން ޢަރަބިން ފަދަ ވަކި ޖިންސަކަށް، ޢަރަބި ޖަޒީރާފަދަ ވަކި ތަނަކަށް، ނުވަތަ މެދުއިރުމައްޗަށް ނުވަތަ ވަކިކުލައެއްގެ ބަޔަކަށް ނުވަތަ ވަކިބަހަކުން ވާހަކަދައްކާ ބައެއްގެ ގާތަށް ނުވަތަ މުޖްތަމަޢުގެ ވަކި ގިންތިއަކަށް، ފޮނުއްވުނު ދީނެއް ނޫނެވެ. ކިއެއްތަ، އެއީ ކޮންމެ ކުލައެއްގައި ތިއްބަސް، ކޮންމެ ތަނެއްގައި އުޅުނަސް، ޢަރަބި ބަހުން ވަޙީ ބާވައިލެއްވިޔކަމުގައި ވިޔަސް، ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް،  ބިމުގެ އަހުލުވެރިންނަށް، އެންމެންނަށް، ދެވުނު ދަޢްވަތެކެވެ. ފޮނުއްވުނު ދީނެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©