.
13 August 2019
މަޤްބޫލު ޙަބަރު

އިސްލާމްދީނުގައި ޖިހާދު ކުރެވެނީ، އިޤްތިޞާދީ ލަނޑުދަނޑިއެއް ޙާޞިލު ކުރަން ހެއްޔެވެ؟ ކާފަރުންގެ އަތުން  ޣަނީމާތަކާއި ކަންޒުތަކާއި ޚަޒާނާތައް ހޯދައިގަތުމަށް ހެއްޔެވެ؟ ނުވަތަ ޢަރަބިން އުޅުނު ހަނަފަސް ޞަޙަރާގެ ބަދަލުގައި، ކޯރުތަކާއި ފެހި ބަގީޗާ ތަކުގެ ފެހި ބިންތައް ހޯދަން ހެއްޔެވެ؟ ހަމައެކަނި ކިރާއި ކަދުރު ކެއުމުގެ ބަދަލުގައި ރަށްރަށުގެ މީރު ކެއުންތައް ކާން ހެއްޔެވެ؟ އިސްލާމްދީން ޖިހާދު ކުރަނީ، އިސްތިޢުމާރީ ދައުލަތްތަކުން، ބިން މުއްސަނދި ޤައުމުތަކުގެ ދަނޑުތަކަށް ވެރިވެ ގަންނަން ނުވަތަ މަޢްދަން ތަކާއި ތެޔޮ އަތްދަށުލާން، މިތަންތަން އިސްތިޢްމާރު ކުރި ބީދައިން ހެއްޔެވެ؟

ޖިހާދުކުރާ ވަކިވަކި ފަރުދުންނަށް ވެސް އަދި ޖިހާދުކުރާ ޖަމާޢަތަށް ވެސް، އެމީހުން ޖިހާދުކުރުމުގެ ނިޔަތުގެ ތެރެއަށް، އޭގެ ލަނޑުދަނޑީގެ ތެރެއަށް، ދުންޔަވީ އެއްވެސް ފައިދާއެއް ވެއްދުމަކީ، އިސްލާމްދީން މަނާކުރާ ކަމެކެވެ. އެއީ މުދަލާއި ޣަނީމާ ތަކާއި ފައިދާތައް ފަދަ ދުންޔަވީ ފައިދާއެއް ކަމުގައި ވިޔަސް، އަދި ހިތްވަރު ގަދަކަމަށް މަޝްހޫރު ވުމާއި މީހުންގެ ސަނާ ހޯދުން ފަދަ މަޢްނަވީ ފައިދާއެއް ކަމުގައި ވިޔަސް، އެއީ ދީނުގައި މުޅިން މަނާ ކަމެކެވެ.

ޖިހާދުގެ ލަނޑުދަނޑީގެ ތެރެއަށް، ނުވަތަ މުޖާހިދުގެ ނިޔަތުގެ ތެރެއަށް މިއިން ކަމެއް ވަދެއްޖެނަމަ، ޖިހާދު ފާސިދުވީ އެވެ. އޭނާގެ ހުރިހާ ދަރުމައެއް ބޭކާރުވެ، އެއީ ﷲގެ މަގުގައި ކުރެވޭ ޖިހާދެއް ކަމުގައި ދެން ނުބެލެވެ އެވެ.

ކާފަރުންގެ ހަނގުރާމަ މިއާ މުޅިން ތަފާތެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވާފައިވަނީ:

الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّـهِ ۖ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ

މާނައީ: “إيمان ވި މީހުން اللَّه ގެ މަގުގައި ހަނގުރާމަކުރެތެވެ. އަދި، كافر ވި މީހުން شيطانއާގެ މަގުގައި ހަނގުރާމަކުރެ ތެވެ. ފަހެ، ތިޔަބައި މީހުން شيطان އާގެ ވާގިވެރިންނާ ހަނގުރާމަކުރާ ށެވެ! ” (ނިސާ: 76)

ދެ ލަނޑުދަނޑީގެ ހުރި ތަފާތުގެ ބޮޑުކަމާއެވެ. ދެ މަގުގެ ފަރަގު ތަފާތު ކަމާ އެވެ!

ބުޚާރީއާއި މުސްލިމް، އެ ދެބޭކަލުންގެ ޞަޙީޙުގައި، އަބޫ މޫސާ އަލްއަޝްޢަރީގެ ކިބައިން ރިވާކުރައްވާފައިވެ އެވެ:

“އަޢްރާބީއަކު، ނަބިއްޔާ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މީހަކު ޣަނީމާއަށްޓަކައި ވެސް ހަނގުރާމަކުރެއެވެ. އަދި މީހަކު ނަމަކަށްޓަކައި ވެސް ހަނގުރާމަކުރެއެވެ. އަދި މީހަކު އޭނާގެ ދަރަޖައަށްޓަކައި ވެސް ހަނގުރާމަކުރެ އެވެ. ފަހެ މީގެ ތެރެއިން ﷲ ގެ މަގުގައި ހަނގުރާމަ ކުރަނީ ކާކުތޯއެވެ؟ އެހިނދު ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ:

“ﷲގެ ކަލިމަ މަތިވެރިކުރުމަށްޓަކައި ހަނގުރާމަކުރި މީހަކީ، ﷲ ގެ މަގުގައި ޖިހާދުކުރި މީހާއެވެ.”

އަދި އަބޫހުރައިރާ އަރިހުން ރިވާވެފައިވެއެވެ: މީހަކު ކީރިތި ރަސޫލާ އަރިހު ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ! ޖިހާދު ކުރަން ބޭނުންވާ މީހަކު ބޭނުންވަނީ، ދުނިޔޭގެ މުދަލެވެ. އެ ހިނދު ރަސޫލާ ޙަދީޘް ކުރެއްވި އެވެ: “އޭނާއަށް އަޖުރެއް ނެތެވެ.”

ދެން މީހުންނަށް އެކަން ބޮޑުވެގެން، އެމީހާ ގާތު ބުންނެވެ. އެނބުރި އެކަލޭގެފާނު އަރިހަށް އަދި ދާށެވެ. އެކަލޭގެފާނަށް ފަހުމްވާ ގޮތަށް ކަލެއަށް ސުވާލު ނުކުރެވުނީ ކަމަށް ވެސް ވެދާނެ އެވެ. ދެން އެމީހާ އައިސް ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ! ޖިހާދު ކުރަން ބޭނުންވާ މީހަކު ބޭނުންވަނީ، ދުނިޔޭގެ މުދަލެވެ. އެހިނދު ރަސޫލާ ޙަދީޘް ކުރެއްވި އެވެ: “އޭނާއަށް އަޖުރެއް ނެތެވެ.”

ދެން މީހުންނަށް އެކަން ބޮޑުވެގެން، އެމީހާ ގާތު ބުންޏެވެ. އެނބުރި އެކަލޭގެފާނު އަރިހަށް އަދި ދާށެވެ. ދެން ތިން ވަނަ ފަހަރު އެ މީހާ އައިސް ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ! ޖިހާދު ކުރަން ބޭނުންވާ މީހަކު ބޭނުންވަނީ، ދުނިޔޭގެ މުދަލެވެ. އެހިނދު ރަސޫލާ ޙަދީޘް ކުރެއްވި އެވެ. “އޭނާއަށް އަޖުރެއް ނެތެވެ.”

ކަން މިހެން އޮތުމުން އިސްލާމީ ޖިހާދުގައި ގިނަ ފަހަރަށް އޮތް ނިޔަތަކީ، ﷲ ގެ ބިމުގައި އެކަލާނގެ އިސްމުފުޅު މަތިވެރި ކުރުމެވެ. ދެން ދުނިޔޭގެ ދަހިވެތިކަމަށްޓަކައި ނިޔަތްގަތް މީހުންނަކީ، މި ބުނި ތެދު ނިޔަތުގެ ކަނޑުގެ ތެރޭގައި އޮތް ތިއްކެ ކެވެ. ވީމާ އެއީ * ނާދިރު ހާލަތެއްގައި ނާދިރު ބަޔަކު ނޫނީ، މުސްލިމުންގެ ޖިހާދަކީ، ﷲ ގެ މަގުގައި ކުރެވުނު ޖިހާދެވެ. ދުންޔަވީ އެއްވެސް މަންފާއެއް ހާސިލު ކުރާކަށް ނޫނެވެ.

Leave a Reply

Your email address will not be published.

haftha.mv ©