މުޙައްމަދު އިބްރާހިމް
09 August 2019
މަޤްބޫލު ޙަބަރު

މާދަމާ އަކީ މިއަހަރުގެ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް ކަމަށާއި އެދުވަހު ރޯދަ ހިފުމީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ވެސް ފުއްސަވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“އަރަފާތު ދުވަހުގެ މާތްކަން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތު ދުވަސް ކަމަށެވެ.

އެ ދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައިތިބޭ ހައްޖުވެރިންގެ ފާފަތައް މާތް ﷲ ފުއްސަވައި ދެއްވާ ކަމަށާއި އެއީ ފާފަ ފުއްސެވުމާއި އަފޫ ކުރައްވައި ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަހެއް ކަމަށެވެ.

ނަމަވެސް މާތް ﷲ ގެ އޯގާވަންތަކަމާއި ތަނަވަސް ރަހުމަތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ސަވާބުން މަހުރޫމު ނުވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަ ހިފުން މޮޅު އިތުރު ކަމަށާއި އެދުވަހު މާތް ﷲ ހަނދުމަކޮށް، ދުއާ ކުރުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި އަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސާބިތުވާ ކަމަށް ވިދާޅުވިއެވެ.

“އަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ. އަދި އާޝޫރާ ދުވަހު ރޯދަ ހިފުމަކީ، އިސްވެ ގޮސްފައިވާ އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ،” ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނަގައިވެއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، އަރަފާތު ދުވަހަކީ ދުއާ އިޖާބަ ކުރެއްވުމުގެ ދުވަސް ކަމުން އެދުވަހު ދުއާ ކުރުން ގިނަ ކުރަންޖެހޭ ކަމަށެވެ.

އަދި މާތް ﷲ ހަނދުމަކޮށް އެކަލާނގެ ހަޟްރަތުގައި ދުއާ ދެންނެވުމަކީ މަތިވެރި އަޅުކަމެއް ކަމަށާއި އިންސާނާ ގާފިލުކަމުން ދުރުކޮށް ހާލިގުވަންތަ ﷲއާ ގުޅުވައިދޭ އެންމެ މުހިއްމު އެއް ވަސީލަތަކީ ދުއާކޮށް އެކަލާނގެ މަތީން ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވިއެވެ.

haftha.mv ©