.
10 August 2019
މަޤްބޫލު ޙަބަރު

ﷲ އިންސާނާ އުފައްދެވިއިރު އިންސާނާގެ ކިބައިގައި، ފަސޭހަ އަވަސް އުފާތައް ހޯދައިގަތުމުގެ ލޯތްބާއި، ދިގު ޙަޔާތަކަށް އުއްމީދުކުރުމާއި، ފައިސާ ޖަމާކުރުމާއި، ޖިންސީ ޝަހުވަތާއި، ރުޅިއާއި، ބަދަލުހިފުމާއި އަނިޔާވެރިވުމަށް ލެނބުން ފަދަ ސިފަތައް ލައްވާފައިވެއެވެ. އަދި ފާޙިޝް ކަންތައް ޒީނަތްކޮށް، ފާފަތަކަށް އިންސާނުން ހިތްޖެއްސުމުގެ ބާރު ޝައިޠާނާއަށް ދެއްވާފައިވެއެވެ. އަދި އިންސާނާގެ ކިބައިގައި ނުބައިކަންތަކަށް އަމުރުކުރާ، ޙަރާމް ކަންތަކަށް އެދޭ، ޝައިޠާނާގެ އެހީ ލިބޭ، ނަފްސެއް ލައްވާފައިވެއެވެ. މީގެ ނަތީޖާއަކީ އިންސާނާ ފާފަކުރުމެވެ. ނުބައިކަންތަކަށް އަރައިގަތުމެވެ. ވީމާ އިންސާނާއަކީ މިފަދަ މަޚްލޫޤަކަށް ވާހިނދު، އޭނާ ފާފަކުރުމުން ލިބޭނެ ޢަޛާބުން ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟ ނުބައިކަންތަކުން ނުކުންނަ ނަތީޖާއިން ރެކޭނީ ކިހިނެއްހެއްޔެވެ؟

ﷲ ގެ ރަޙްމަތްފުޅުން، ތައުބާވުމުގެ ދޮރު އިންސާނާއަށް ވަނީ ހުޅުވިފައެވެ. އެ ކަލާނގެ އަންގަވާފައިވަނީ، ކޮށްފައިވާ ކޮންމެ ފާފައެއް ވެސް، އެ މީހާގެ ފަތުން ފޮހެވި، އެއީ ނެތް ފާފައެކޭ އެއްފަދަ ކުރެވިދާނެ ކަމަށެވެ. ކިއެއްތަ، އޭނާ ކޮށްފައިވާ ފާފައިގެ ބަދަލުގައި ފަހަރެއްގައި ހެޔޮކަމެއް ޖައްސަވާ ދެއްވާފާނެ ކަމަށެވެ. ވިޔަފާރިވެރިއެއްގެ ފޮތުގައި، ކަލޭ އޭނާއަށް ސަތޭކަ ރުފިޔާއަށް ދަރަނިވެރިވެފައިވާ ކަމަށް ލިޔެވިފައި އޮއްވާ، ދަރަނި މާފުކޮށް ފޮތުން އެ ފޮހެލުމުގެ އިތުރަށް، ކަލެއަށް ދޭންޖެހޭ ފައިސާ ނޯޓުކުރާ ފޮތަށް، ނަން ބަދަލު ކުރާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ: 

إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُوراً رَحِيماً

މާނަ: ”މި ޢަޛާބު ލިބޭނީ ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލު ކުޅަ މީހަކު މެނުވީއެވެ. ފަހެ، ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލު ކުޅަ މީހުންގެ ކުށްފާފަތައް ހެޔޮކަންތަކަށް، މާތް ﷲ، ބަދަލުކުރައްވާނެތެވެ. މާތް ﷲ އީ، ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.” (އަލްފުރްޤާން: 70)

މަރު ކުރިމަތި ނުވާހާ ހިނދަކު، ތައުބާވުމުގެ ދޮރުވަނީ ހުޅުވިފައެވެ. ތެދުވެރި ތައުބާވުމަކުން ތައުބާވެއްޖެނަމަ، ތައުބާ ޤަބޫލުކުރައްވާނެއެވެ. ނަމަވެސް ފުރާނަދާން ކައިރިވެ ނޭވާހޮޅިއަށް އެޅި، ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ މަރުގެ ޚަބަރުތައް ހަމަ ލޮލުން ފެނުމުން، ތައުބާ ވިޔަސް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އެހެނީ ތައުބާއަކީ، އަމިއްލަ އިޚްތިޔާރުގައި ﷲ ގެ މަގަށް އެނބުރި ދިއުމެވެ. މި މީހާ އެނބުރި ދިޔައީ ރުހުމެއް ނެތި މަޖުބޫރުވެގެންނެވެ. ވީމާ، އިޚްތިޔާރު ގެއްލުމަށް ފަހު ވާ އިޤުރާރެއްގެ މަންފާއެއް ނުކުރާނެއެވެ.

إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِنْ قَرِيبٍ فَأُوْلَئِكَ يَتُوبُ اللَّهُ عَلَيْهِمْ وَكَانَ اللَّهُ عَلِيماً حَكِيماً (17)

وَلَيْسَتْ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمْ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ …(18)

މާނަ: ”ހަމަކަށަވަރުން ﷲ ތައުބާ ޤަބޫލު ކުރައްވާނީ، ޖާހިލުކަމުން ފާފަކުރުމަށް ފަހު (އެއީ ޙަރާމް ކަމެއްކަން އެނގިހުރެ ވެސް، ގަސްތުގައި ވިޔަސް އަދި އޮޅިގެން ވިޔަސް ފާފަ ކުރުމަކީ ޖާހިލުކަމުން ކުރާ ކަމެކެވެ. ވީމާ މި އާޔަތުގައި ‘ޖަހާލަތު’ ގެ މުރާދަކީ، ޙަރާމް ކަމެއް ކަން ނޭނގުމެއް ނޫނެވެ. ނުވަތަ އޮޅިގެން ކުރުމެއް ވެސް ނޫނެވެ.) މަރު އައިސް ކުރިމަތިވުމުގެ ކުރިން ތައުބާވާ މީހުންނަށެވެ. ފަހެ މިފަދަ މީހުންގެ މައްޗަށް ﷲ ތައުބާ ލައްވައި، އެ މީހުންގެ ތައުބާ މާތް ﷲ ޤަބޫލުކުރައްވައެވެ. މާތް ﷲ އީ، ދެނެވޮޑިގެންވާ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ. (17)

ނުބައިކަންތައް ކުރުން މަތީ ދެމިތިއްބާ، އެއިން މީހެއްގެ ގާތަށް މަރު އަތުވާ ހިނދު، ތިމަން މިހާރު ތައުބާވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުކަން މަތީ މަރުވާ މީހުންނަކަށް، ތައުބާ ޤަބޫލުކުރެއްވުމެއް ނެތެވެ…” (އައްނިސާ: 17-18)

ތައުބާވުމުގެ ފުރަތަމަ ޝަރުޠަކީ: ފާފަކުރުން ހުއްޓާލާ، އެ ކަން ދެން ނުކުރަން ޢަޒުމު ކަނޑައެޅުމެވެ. މަގެއް މަތިން ހިނގާފައި ދަނިކޮށް، މީހަކު ކުޑަދޮރު ހުޅުވާލާފައި، ހަޑި ފެން ބާލިދީއެއް ކަލޭ ގަޔަށް އޮއްސާލުމުން އޭނާއާ ދިމާލަށް އެއްޗެހި ގޮވައިގަތީމާ، ފެން އޮއްސުން މަތީ ދެމިހުރެ މާފަށް އެދިއްޖެނަމަ، ނުވަތަ މާދަން ވެސް ފެން އަޅާނަމޭ ބުނެފައި މާފަށް އެދިއްޖެނަމަ، ކަލޭ އޭނާގެ މާފު ޤަބޫލުކުރާނަންހެއްޔެވެ؟!

ތައުބާއަކީ އޭގައި ރޫޙަކާއި ހަށިގަނޑެއް ވާ އެއްޗެކެވެ. އޭގެ ރޫޙަކީ ކުރެވުނު ފާފައިގެ ހުތުރުކަމާއި ގޯސްކަން ހަނދާންކުރުމެވެ. ހަށިގަނޑަކީ އެ ކަމުން ދުރުހެލިވުމެވެ. މިސާލަކަށް މީހަކު މަގެއް މަތިން ހިނގާފައި ދަނިކޮށް، އެ ދެވެނީ ރަނގަޅު ދިމާއަށް ނޫންކަން ބުނެދޭ ނިޝާންބޯޑެއް ފެނިއްޖެނަމަ، އަމިއްލަށް ކުށް އިޙްސާސްވާނެއެވެ. ރަނގަޅު މަގަށް އެޅުމުގެ އަސްލަކީ މި އިޙްސާސެވެ. ކުށް އިޙްސާސްވެ ކުރެވޭ ކުށް ނޭނގޭނަމަ، ރަނގަޅު މަގަކުން ނުދެވޭނެއެވެ. ނަމަވެސް މި މީހާ އަށް މި ނިޝާންބޯޑު ފެނުނީމާ ވެސް، އޭގައި އޮތް ގޮތަށް ޢަމަލު ނުކޮށް، ނުބައި މަގުން ހިނގުމުގައި ދެމިހުރެއްޖެނަމަ، އޭނާއަށް އެނގުނު އެއްޗަކުން ކުރި މަންފާއެއް ނެތެވެ. ކިއެއްތަ، ނޭނގޭ މީހަކަށް ވުރެ އޭނާގެ ކުށް މާ ބޮޑެވެ. އެހެނީ ނޭނގި ނުބައި މަގަކުން ދެވޭ މީހަކަށް ކޮންމެވެސް ވަރެއްގެ އުޒުރެއް އެބަ އޮތެވެ. ނަމަވެސް މަގު އެނގި، ގަސްތުގައި ނުބައި މަގުން ހިނގައިފި މީހަކަށް އެއްވެސް އުޒުރެއް ނެތެވެ.

ތައުބާވުމުގެ ދެވަނަ ޝަރުޠަކީ: ކުރެވުނު ނުބައި ކަމުގެ ބަދަލުގައި ހެޔޮކަން ކުރުމެވެ. ފަސާދަކުރުމުގެ ބަދަލުގައި އިޞްލާހު ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ތައުބާވެއްޖެނަމަ ޢަމަލު ބަދަލުކޮށް، ސުލޫކު ސީދާކުރަން ޖެހޭނެއެވެ.

كَتَبَ رَبُّكُمْ عَلَى نَفْسِهِ الرَّحْمَةَ أَنَّهُ مَنْ عَمِلَ مِنْكُمْ سُوءاً بِجَهَالَةٍ ثُمَّ تَابَ مِنْ بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَحِيمٌ

 މާނަ: ”ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ، އެ ކަލާނގެ ދީލަތިފުޅުކަމުން، ރަޙްމަތަކީ، އެކަލާނގެ ޛާތުފުޅުގެ މައްޗަށް ލާޒިމު ކުރައްވާފައިވާ އެއްޗެއް ކަމުގައި ލައްވައިފިއެވެ. މި ގޮތުން، ޖާހިލުކަމުން ފާފަކުރުމަށް ފަހު (އެއީ ޙަރާމް ކަމެއްކަން އެނގިހުރެ ވެސް، ގަސްތުގައި ވިޔަސް އަދި އޮޅިގެން ވިޔަސް ފާފަ ކުރުމަކީ ޖާހިލުކަމުން ކުރާ ކަމެކެވެ. ވީމާ މި އާޔަތުގައި ‘ޖަހާލަތު’ ގެ މުރާދަކީ، ޙަރާމް ކަމެއް ކަން ނޭނގުމެއް ނޫނެވެ. ނުވަތަ އޮޅިގެން ކުރުމެއް ވެސް ނޫނެވެ.) ތައުބާވެ ހެޔޮ ޢަމަލުކުރުން މަތީ ދެމިހުރެއްޖެނަމަ، ﷲ އޭނާގެ ފާފަ ފުއްސަވާ ދެއްވާނެއެވެ. ފަހެ އެކަލާނގެ އީ، އެކަލާނގެއަށް ތައުބާވާ އަޅުތަކުންގެ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.”(އަލްއަންޢާމް54)

Leave a Reply

Your email address will not be published.

haftha.mv ©