މުޙައްމަދު އިބްރާހިމް
16 August 2019
މަޤްބޫލު ޙަބަރު

ސިހުރުވެރިޔާ އަކީ އިންސީންގެ ޝައިތާނުންގެ ތެރޭގައި ހިމެނޭ ޝައިތާނެއް ކަމަށާއި އެމީހުންގެ ބަސް ތެދުކުރާ މީހުން ސުވަރުގެ ނުވަންނާނެ ކަމަށް ރަސޫލާ صلى الله عليه وسلم ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ސިހްރު ހާހޫރައިގެ ނުބައިކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ސިހުރަކީ މީސްތަކުންގެ ގައިގައި ވަކި ހިއްޕާލާފައިވާ ބިރުވެރި ބަލިމަޑު ކަމެއް ކަމަށެވެ. އަދި ސިހުރުވެރިޔާ އަކީ އިންސީންގެ ޝައިތާނުންގެ ތެރޭގައި ހިމެނޭ ޝައިތާނެއް ކަމަށާއި އެމީހުންގެ މަގްސަދަކީ މީސްތަކުން ގިލަންވެރި ކުރުވައި ގޯނާކުރުން ކަމަށް ވިދާޅުވިއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިން މީހަކު ސުވަރުގެ ނުވަންނާނެތެވެ. އެއީ ރާބުއިމަށް ދެވިހިފާފައިވާ މީހާ އާއި ރަހިމުގެ ގުޅުން ކަނޑާ މީހާ އާއި ސިހްރުވެރިންގެ ބަސް ތެދުކުރާ މީހާއެވެ،”

އިތުރު ހަދީޡް ބަސްފުޅެއްގެ މާނައިގައި ވަނީ:

“ކާހިނެއްގެ ގާތަށް ނުވަތަ ފާލުބަލާ މީހެއްގެ ގާތަށް ގޮސް އެމީހާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ ފަހެ، ހަމަކަށަވަރުން މުހައްމަދުގެދާނުގެ މައްޗަށް ބާވައިލެއްވި އެއްޗެއްސަށް ކާފިރުވެއްޖެއެވެ،”

ހުތުބާގައި ވިދާޅުވީ، ސިހުރު ހެދުމަކީ ހަރާމް ކަމެއް ކަމަށާއި އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުރިހާ އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ސިހުރު އުނގެނުމާއި ސިހުރު ދަސްކުރުމަކީ ވެސް ހަރާމް ކަމެއް ކަމަށާއި އެކަމުގައި ކުފްރުގެ ކަމެއް ހިމެނޭނަމަ އެއީ ކުފްރުގެ އަމަލެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން އިރުވަރުބެލުމާއި ފާލުބެލުމާއި ރަމަލު ޖެހުމާއި އަތްބެލުން ފަދަ އެންމެހައި ކަންތައްތަކަކީ ވެސް ސިހުރު ހާހޫރަޔާ އެއްފަދަ ބޮޑެތި ފާފަތަކެއް ކަމަށާއި ތިބާއަށް މީހަކު ސިހުރު ހަދާފައި އެބަހުއްޓޭ ބުނެ މީހުންގެ އަތުން ފައިސާ ނަގާ މީހުން އެ ކަނީ އަނބުރު އަލިފާން ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވީ، އިސްލާމީ މުޖުތަމައުތަކުގައި ސިހުރު ހަހޫރައިގެ ވަބާ ފުޅާ މިންވަރަކަށް ފެތުރިގެން ދިޔައީ މީސްތަކުންގެ ނަފްސުތަކުގެ މައްޗަށް މާއްދިއްޔަތު ވެރިވެ ހިތްތައް ހަރުވެ ހަސަދަވެރިކަމާއި ރުޅިވެރިކަން އިތުރުވެ އަގީދާ ބަލިކަށިވުމުގެ ސަބަބުން ކަމަށެވެ.

އަދި ގޭގައި ޤުރުއާން ކިޔެވުމާއި، ޒިކްރުކުރުން މަދުވެ ޝައިތާނާގެ ކުޅިސަމާ ކުޅޭ ވެއްޓަކަށް ގެދޮރު ބަދަލުވުމަކީ ވެސް ސިހުރު ހާހޫރައިގެ ވަބާ ފެތުރިގެންދިޔަ ސަބަބެއް ކަމަށާއި އެކަމުން ސަލާމަތް ވެވޭނީ ﷲގެ ހަޟްރަތަށް ރުޖޫއަވެ ދުއާ ކޮށް ޒިކުރުކުރުން ގިނަ ކޮށްގެން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ހިތާމައަކީ ސައްތަ އިން ސައްތަ އިސްލާމީ މި ދިވެހި ރާއްޖޭގައި ސިހްރު ހާހޫރަ ގިނަވަމުން ދިއުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“ހިތާމައަކީ މާތް ﷲއަށް ވަކީލުކޮށް ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރުމުގެ ބަދަލުގައި ބައްޔެއް ނުވަތަ މުސީބާތެއް ޖެހުމުން އިސްލާމްދީނުގައި ބޭސްފަރުވާ ކުރަން އަންގަވާފައި އޮތް މަގު ދޫކޮށްލައި ސިހުރުވެރިންގެ ގާތުން މަދަދާއި އެހީތެރިކަން ހޯދާކަމެވެ. ތިމާޔާ ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަން އޮންނަ ހުއްދަ ގޮތް ދޫކޮށްލައި ސިހުރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަހަށް ބޯލަނބާ ކަމެވެ، ހުތުބާގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©