.
02 September 2019
މަޤްބޫލު ޙަބަރު

އެމެސެޖުގައި އޭނާ، ޑރ. ތައުފީޤް އަށް ސަލާމް އަދާކުރުމަށްފަހު ލިޔެފައިވަނީ:

”މިއީ ޑރ. ތައުފީޤް އަށް އަހަރެން ފޮނުވާ އެންމެ ފަހު މެސެޖު ކަމަށް ވެސް ވެދާނެއެވެ. އަހަރެން މިއޮތީ، މިބިން މައްޗަށް އަހަރެން ދޫކޮށްލާނެ އެންމެ ފަހު ނޭވާގެ އިންތިޒާރުގައެވެ.

މިއީ އެއްވެސް މީހަކަށް އެއްވެސް އެއްޗެއް އަހަންނަށް ލިޔެވޭނެ އެންމެ ފަހު ފަހަރު ކަމުގައި ވެދާނެތީ، އަަހަރެން ބޭނުންވީ އަހަރެންގެ އެންމެ ފަހު މެސެޖު ޑރ. ތައުފީޤަށް ލިޔާށެވެ. ޑރ. ތައުފީޤް އެހެން މީހުންނަށް ކިޔަވާދޭއިރު އަަހަރެންގެ މިމެސެޖާއި ބެހޭ ގޮތުން ވެސް ވާހަކަ ދައްކާ، އެހެން މީހުންނަށް އަހަރެންގެ މިވާހަކަތައް ހަނދުމަ ކޮށްދޭނެ ކަމުގެ އުންމީދު އަހަރެން ކުރަމެވެ.

އަހަންނަކީ ކޮންކަހަލަ މީހެއްކަން ޑރ. ތައުފީޤް އަށް އިނގޭ ދޯއެވެ. އަހަންނަކީ ހަމަ އާދައިގެ މުސްލިމެކެވެ. ގަވައިދުން ނަމާދު ކުރެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ކޮންމެ ރަމަޟާން މަހެއްގައި ރޯދަ ހިފޭތޯ ވެސް މަސައްކަތް ކުރީމެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަންވެސް އެއްފަހަރު ނަމަވެސް އަދާކުރެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ.

އަހަަރެންގެ އަނތްބަކާއި ދަރިންވެސް ދުނިޔޭގައި އެބަ ތިއްބެވެ. އަނބިމީހާ ވެސް އުޅުނީ އިސްލާމް ދީނުގެ ހަމަތަކުގެ މަތިންނެއް ނޫނެވެ. އަހަރެން އޭނާއާއި ކައިވެނި ކުރީވެސް ދީނީ ކަންކަމަށް އަޙުލުވެރިތޯ ބަލާފައެއް ނޫނެވެ. އަހަންނަށް އަހަރެންގެ ދަރިންނާއި ވެސް އެހާ އަޅައެއް ނުލެވެއެވެ. އެދަރިން ބޮޑެތިވީ އިސްލާމް ދީނުގެ ކަންކަން އެހާ ބޮޑަށް ނޭނގިއެވެ.

މިއަދު އަހަންނަށް މިވަނީ ޕެންކްރިއެޓިކް ކެންސަރު ޖެހިފައެވެ. މިއަދު މިތާ އޮވެ، އަހަރެންގެ އެންމެ ފަހު ވަގުތު ނިމޭނެއިރަކަށް އިންތިޒާރު ކުރެވެމުންދާއިރު، ޑޮކްޓަރުން ވަނީ މިހަފްތާއަށް ވުރެ ގިނަ ދުވަހު އަހަރެން ދުނިޔޭގައި ދިރި ހުންނާނެހެން ހީނުވާ ކަމުގެ ޚަބަރު ދީފައެވެ.

މަލަކުލް-މައުތު އަންނާނެ ވަގުތަކަށް ބެލެމުންދާއިރު، އަހަރެންގެ ސިކުނޑިއަށް އަންނަނީ އެންމެ ކަމެކެވެ. އެއީ ދެރަވުމެވެ.

އަހަރެންގެ ހިތް މިވަނީ ވަރަށް ގިނަ ކަންކަމުގެ ސަބަބުން ދެރަވެފައެވެ. އަހަރެން ވަރަށް ގިނަ ކަންތައްތަކެއް ކުރަން ބޭނުންވިއެވެ. ނަމަވެސް އޭގެން އެއްވެސް ކަމެއް ނުކުރެވުމުން މިހާރު އަހަރެން ދެރަވެއެވެ.

އަހަރެން ކީރިތި ޤުރްއާން ހިތު ދަސްކުރަން ބޭނުންވިއެވެ. ނަމަވެސް އެކަމެއް އަހަންނަކަށް ނުވިއެވެ. ޙައްޖަށް ދާން ވެސް ބޭނުންވިއެވެ. އެކަމަކު ނުދެވުނެވެ. އަހަރެން އަހަރެންގެ މައިމީހާގެ ގައިގާ ލޯބިން ބައްދާލަން ބޭނުންވިއެވެ. އެކަމަކު އެކަމެއް ވެސް ނުވިއެވެ. އަަހަރެންގެ ދަރިންނަށް އިސްލާމް ދީނުގެ ހަމަތަކާއި ކީރިތި ޤުރްެއާން ދަސްކޮށްދޭން އަހަރެން ބޭނުންވިއެވެ. ނަމަވެސް އެކަމެއް ވެސް ނުވިއެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ސަވާބާއި ދަރުމަ އަދި އެއް ފަހަރު ލިބުމަށް އަހަރެންގެ ހިތް އެދެއެވެ. ނަމަވެސް ދެނެއް އަހަންނަކަށް އެފުރުސަތެއް ވެސް ނުލިބޭނެއެވެ.

މިވަގުތު އަހަރެން ހުރީ ޙަރަމްފުޅުގައި ނަމައޭ އަހަރެންގެ ހިތައް އަރައެވެ. ނަމަވެސް އަހަންނަކަށް އެފުރުސަތެއް ވެސް ލިބޭކަށް ނެތެވެ. މިހެން އޮންނައިރު، ކީރިތި ޤުރްއާނުގެ އާޔަތްތައް ކިޔަން އިނގޭނަމައޭ އަހަރެން ހިތައް އަރައެވެ. ނަމަވެސް އަހަންނަށް ހަމައެކަނި އިނގެނީ ފާތިޙާ ސޫރަތާއި އެހެން އިތުރު ކުރު ސޫރަތްތަކުގެ ތެރެއިން ދެތިން ސޫރަތެކެވެ.

މިހުރިހާ ކަމަކާއި އަހަރެން މިހާރު ދެރަވަމެވެ. މީގެން އެއްވެސް ކަމެއް ނުކުރެވުނީތީއެވެ. އަދި މީގެން އެއްވެސް ކަމެއް ނުކުރެވުނީ އަހަންނަށް ވަގުތު އޮތް އިރު މީގެން އެއްވެސް ކަމެއް ކުރަން އަހަރެން ނުއުޅުމުންކަން ވެސް އަހަންނަށް އެނގޭތީ އަހަރެން ދެރަވަމެވެ.

މިދުނިޔޭގައި އަހަރެން ދިރިއުޅުނުކަން ހަނދާން ހުންނާނީ ހަމައެކަނި ޑރ. ތައުފީޤެވެ. އަދި އަހަރެންގެ މުދަލާއި ފައިސާ ބެހުމުގެ ކުރިން، އަހަރެންގެ އާއިލާ ވެސް އަހަރެން މަތިން ހަނދުމަ ކުރާނެއެވެ.

ރަޙުމަތްތެރިން އަހަރެން ދޫކޮށްލައިފިއެވެ. އަހަރެންގެ އާއިލާ އަހަރެން މަތިން ހަނދުމައެއް ނުކުރާނެއެވެ. އަހަންނަށް މިބިންމަތީގައި ހެޔޮކަމަކަށް އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ. އަދި އަހަންނަށް ކުރެވިފައި ހުރި ކަމެއްގެ ޖަޒާ އަހަންނަށް ކަށްވަޅުގައި ދެއްވާނެތެވެ.

އަހަންނަކީ ޑރ. ތައުފީޤްގެ މުސްލިމު އަޚް މުޙައްމަދު އެވެ.“

* މިއީ އިސްލާމިކް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަނެއް ކަމަށްވާ ”މަރސީ މިޝަން“ ގެ ފައުންޑަރ ޑރ. ތައުފީޤް ޗައުދަރީ އަށް މުސްލިމު އަޚަކު ފޮނުވާފައިވާ މެސެޖެކެވެ.

| މަސްދަރު : ނިދާއު ޑޮޓް އެމްވީ

Leave a Reply

Your email address will not be published.

haftha.mv ©