މުޙައްމަދު އިބްރާހިމް
05 September 2019
މަޤްބޫލު ޙަބަރު

ސިހުރު ހާހުރައިގެ ބިރުވެރި ބަލިމަޑު ކަމަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ބުނާ މި ރާއްޖޭގައި ވެސް ފެތުރިފައިވާ ބިރުވެރިކަމެކެވެ. އެގޮތުން އިރުވަރުބެލުމާއި ފާލުބެލުމާއި ރަމަލު ޖެހުމާއި އަތްބެލުން ފަދަ އެންމެހައި ކަންތައްތަކަކީ ވެސް ސިހުރު ހާހޫރަޔާ އެއްފަދަ ބޮޑެތި ފާފަތަކެވެ،

އެމީހުންގެ ބޭނުމަކީ މީސްތަކުން ގިލަންވެރި ކުރުވައި ގޯނާ ކުރުމެވެ. ހިތާމައަކީ އެއީ ހަރާމް އަދި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެނގިހުރެ ނަމަވެސް އެފަދަ މީހުންގެ ބަސް ތެދުކުރާ ބަޔަކު އުޅޭ ކަމެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޡް ކުރައްވާފައިވަނީ ސިހުރުވެރިޔާ އަކީ އިންސީންގެ ޝައިތާނުންގެ ތެރޭގައި ހިމެނޭ ޝައިތާނެއް ކަމަށެވެ. އަދި އެމީހުންގެ ބަސް ތެދުކުރާ މީހުން ސުވަރުގެ ނުވަންނާނެ ކަމަށެވެ.

އަދި ސިހުރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަސް ގަބޫލުކުރާ މީހުން އީމާންކަމުގެ ދާއިރާ އިން ބޭރުވާއިރު ސިހުރު އުނގެނުމާއި ސިހުރު ދަސްކުރުމަކީ ވެސް ހަރާމް ކަމެކެވެ. އެކަމުގައި ކުފްރުގެ ކަމެއް ހިމެނޭނަމަ އެއީ ކުފްރުގެ އަމަލެކެވެ. އަދި ކިއެއްތައެވެ. ތިބާއަށް މީހަކު ސިހުރު ހަދާފައި ހުރި ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގާ މީހުން އެ ކަނީ އަނގުރު އަލިފާނެވެ.

މި ނިބައު އަމަލު ފެތުރިގެން ދިޔައީ ކީއްވެތޯ މިއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެކެވެ. އިސްލާމީ މުޖަތަމުތަކުގައި ސިހުރު ހާހޫރައިގެ ވަބާ ފުޅާ މިންވަރަކަށް ފެތުރިގެން ދިޔައީ މީސްތަކުންގެ ނަފްސުތަކުގެ މައްޗަށް މާއްދިއްޔަތު ވެރިވެ، ހިތްތައް ހަރުވެ، ހަސަދަވެރިކަމާއި ރުޅިވެރިކަން އިތުރުވެ އަގީދާ ބަލިކަށިވުންނެވެ.

މީސްތަކުން ވަހްމާއި ޝައްކުގެ ތެރެއަށް ގެނބި ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވެގެންނެވެ. ގޭގައި ޤުރްއާން ކިޔެވުމާއި ޒިކުރު ކުރުން މަދުވެ، ޝައިތާނާގެ ކުޅިސަމާ ކުޅޭ ވެށްޓަކަށް ގެދޮރު ބަދަލުވުމުންނެވެ.

ނަމަވެސް ހިތާމައަކީ ބައްޔެއް ނުވަތަ މުސީބާތެއް ޖެހުމުން މާތް ﷲގެ ވާގިފުޅަށް އެދުމުގެ ބަދަލުގައި ސިހުރުވެރިންގެ ގާތުން މަދަދާއި އެހީތެރިކަން ހޯދަންދާ ކަމެވެ. އަދި ބައެއް މީހުން ސިހުރުވެރިންގެ ގާތަށް ދަނީ ހެޔޮ ނިޔަތުގައި ކަމަށް ބުނި ނަމަވެސް، ހެޔޮ ނިއަތުގައި އިސްލާމްދީނުގައި ހަރާން ކުރައްވާފައިވާކަމެއް ކުރެވިދާނެ ހެއްޔެވެ؟

Leave a Reply

Your email address will not be published.

haftha.mv ©