މުޙައްމަދު އިބްރާހިމް
06 September 2019
މަޤްބޫލު ޙަބަރު

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އިހްލާސްތެރިކަމާއެކު ތައުބާވެ، ހެޔޮއަމަލުތައް ކުރުމުން ﷲ އެންމެހައި ފާފަތަކެއް ފުއްސަވައި ދެއްވާނެކަން އަންގަވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ﷲގެ ތަނަވަސް ރަހުމަތްފުޅު” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، މާތް ﷲ އީ ރަހުމާނުވަންތަ ރަހީމުވަންތަ ރަސްކަލާނގެ ކަމަށާއި އެކަލާނގެ އަޅުތަކުންގެ މައްޗަށް އެތައް ގޮތަކަށް ރަހުމަތް ލައްވާ ކަމަށެވެ.

އަދި އިންސާނުން އުފެއްދެވުމުގައި ލައްވާފައިވާ ރަހުމަތްފުޅަށް ބެލިނަމަ ވެސް އަދި އޭގެ ފަހުން އޭނާއަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކާއި އޭނާގެ ވަށައިގެންވާ މާހައުލުން ތަނަވަސްކޮށްދެއްވާފައިވާ ނިއުމަތްތަކާއި ސިއްރާއި ފާޅުގައި އޭނާއަށް ލައްވާފައިވާ ރަހުމަތްފުޅުގެ ގިނަކަމުން އެކަން ބަލައި ހިސާބު ކުރުމަކީ އިންސާނުންނަށް ކުޅަދާނެވެގެންވާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ހުތުބާގައި ވިދާޅުވީ، ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުގެ ސަބަބުން އެއްގޮތަކަށް ވެސް މާޔޫސްވާކަށް ނުޖެހޭ ކަމަށާއި ﷲގެ ރަހުމަތްފުޅާ މެދު އުންމީދު ކަނޑާލައި ހެޔޮ އަމަލުތަކާ ދުރަށްދާކަށް ވެސް ނުޖެހޭ ކަމަށެވެ.

އެހެނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އިހްލާސްތެރިކަމާއެކު ތައުބާވެ، ހެޔޮއަމަލުތައް ކުރުމުން ﷲ އެންމެހައި ފާފަތަކެއް ފުއްސަވައި ދެއްވާނެކަން އަންގަވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ، ހެޔޮ އަމަލުތައް ގިނަކުރުމަކީ ނުބައި އަމަލުތައް ފުހެވިގެންދާނެ ކަމެއް ކަމަށެވެ.

ﷲ ވަހީކުރައްވާފައިވާ ބަސްފުޅޭއްގެ މާނަގައިވެއެވެ.

“ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަހްމަތުން އުއްމީދު ކަނޑައިލުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހައި ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމުވަންތަ ރަސްކަލާނގެއެވެ.”

އަދިވެސް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ.

“ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލައެވެ.”

ހުތުބާގައި ވިދާޅުވީ، މި ދެއާޔަތުން ﷲ އެކަލާނގެ އަޅުތަކުންގެ މައްޗަށް ވަރަށް ބޮޑަށް ރަހުމް ކުރައްވާ ކަމާއި އޯގާތެރިވެ ވޮޑިގަންނަވާ ކަމާއި އަދި ކޮންމެ ފަދަ ބޮޑު ފާފައެއް ކުރެވިފައިވާ މީހަކަށް ވެސް ތައުބާވެ، ހެޔޮ އަމަލުތައް ކޮށް ﷲގެ މަގަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު އެބަ އޮތްކަން އެނގޭ ކަމަށެވެ.

އަދި ނޭނގުމުގެ ސަބަބުން ފާފައަކަށް އަރައިގަނެވިއްޖެނަމަ ތައުބާވުމުން ﷲގެ ރަހުމަތްފުޅުން އޭނާގެ ތައުބާ ގަބޫލުކުރައްވައި، ފާފަ ފުއްސަވައި، އޭނާއަށް ރަހުމަތް ލައްވާނެކަން އަންގަވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މީހަކު ނުބައި އަމަލެއް ކޮށްފިނަމަ އެމީހަކަށް ނުބައި ޖަޒާ ދެއްވަނީ އެމީހަކު އެކުރި އަމަލަކާ އެއްވަރަށް ކަމަށާއި އެއަށްވުރެ އިތުރަކަށް އަޒާބެއް ނުދެއްވާ ކަމަށެވެ. ނަމަވެސް މީހަކު ހެޔޮއަމަލެއް ކޮށްފިނަމަ އެ އަމަލެއްގެ ހެޔޮޖަޒާ ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނައިން އިތުރުކޮށްދެއްވާ ކަމީ ވެސް އަޅުތަކުންގެ މައްޗަށް ﷲ ރަހުމަތްފުޅު ތަނަވަސް ވެގެންވާ މިންވަރު ފެނިގެންދާ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©