.
10 October 2019
މަޤްބޫލު ޙަބަރު

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ހުރިހާ އިންސާނުން ވެސް ހައްދަވާފައިވަނީ އެއިލާހު ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކޮށް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހުރިހާ އަމުރުފުޅުތަކަށް ބޯލަނބައި އަދި އަޅުކަންކޮށް ހެދުމަށެވެ. އެކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގައި އެއިލާހުގެ ބަސްފުޅު ވަނީ ވަޙީކުރައްވާފައެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ

މާނައީ: އަދި ހަމަކަށަވަރުން ތިމަންއިލާހު، އިންސާނުންނާއި ޖިންނީން (ﷲއަށް) އަޅުކަންކުރުމަށް މެނުވީ ނުއުފައްދަވަމެވެ.“

މިތަނުގައި އައިސްފައިވާ އަޅުކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެކަނިކުރެވޭ އަޅުކަމުގެ ވާހަކައެވެ. އެއީ ޝަރުޢީ ގޮތުން ﷲ އާއި އެއްވެސް އެއްޗެއް ބައިވެރިކޮށްފިނަމަ އެއީ ޤަބޫލުވެވިގެންވާ އަޅުކަމަކަށް ނުވާނެއެވެ.

ތަފުސީރު އިބުނު ކަޘީރުގައި މިއާޔަތުގެ ތަފުސީރުގައި ބަޔާންވެފައިވެއެވެ.

”އަޅުކަމުގެ ތެރޭގައި ފައިދާކުރަނިވި އަޅުކަމާއި ފައިދާނުކުރަނިވި އަޅުކަން ވެއެވެ. (މިސާލަކީ ﷲގެ މިބަސްފުޅެވެ.)

وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ (سورة لقمان:25)

މާނައީ: އަދި އެބައިމީހުންނާއި (މައްކާގެ މުޝްރިކުންނާއި) ކަލޭގެފާނު (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ)، އުޑުތަކާއި ބިން ހެއްދެވީ ކޮންފަރާތެއްތޯ ސުވާލުކުރައްވައިފިނަމަ އެބައިމީހުން ބުނާނެއެވެ. ﷲއެވެ. އެއީ އެމީހުންގެ ކިބައިން އަޅުކަމެކެވެ. އެކަމަކު ޝިރުކާއެކު އެއްވެސް ފައިދާއެއް ނުކުރެއެވެ.“ އިބުނު ކަޘީރުގެ ތަފުސީރު

އެހެނީ ﷲއަށް ކުރާ އަޅުކަން އަޅުކަމަކަށްވަނީ އެއިލާހަށް އެކަނިކުރެވިގެންނެވެ. މައްކާގެ މުޝްރިކުން ﷲ ސުބުޙާނަހޫ ވަތަޢާ އުޑުތަކާއި ބިން ހެއްދެވި ކަމަށް ޤަބޫލުކުރި ކަމުގައިވިޔަސް، އަޅުކަން ކުރުމުގައި އެއްކައުވަންތަ ނުކުރުމުގެ ސަބަބުން އެބައިމީހުންވީ ނަރަކައަށް ވަންނަން ޖެހުނު ބައެއްކަމުގައެވެ.

އެންމެ ބޮޑުވެގެންވާ ފާފައަކީ މިފާފައެވެ. އެއީ ﷲ އާއި އެއްޗެއް ބައިވެރިކުރުމެވެ. ޝަރީކު ކުރުމެވެ. އެއްވެސް ގޮތަކަށް ޝިރުކުކޮށްފިނަމަ އެހާލުގައިހުރެ މަރުވެއްޖެނަމަ އެމީހެއްގެ ކިބައިން އެކަން ނުފުއްސެވޭނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ، وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا

މާނައީ: ހަމަކަށަވަރުން اللَّه، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. اللَّه އަށް ޝަރީކުކުރާ މީހާ ބޮޑުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.“

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ

މާނައީ: ”ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ.“

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ﷲގެ ޙަޟްރަތުގައި އެންމެ ބޮޑު ފާފައަކީ ކޮބައިތޯ ޢަބްދުﷲ ބިން މަސްޢޫދު ސުވާލުކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ.

أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ

މާނައީ؛ ﷲ ތިބާ ހެއްދެވި ހިނދުގައި، އެއިލާހާ އެއްވެސް އެއްޗެއް ބައިވެރިކުރުމެވެ. (ޝަރީކު ކުރުމެވެ.)“ (ޞަޙީޙް މުސްލިމުގެ، 141 ވަނަ ޙަދީޘް)

ޝާފިއީ މަޒުހަބުގެ އެންމެ ބޮޑު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމު ނަވަވީ ރަޙިމަހުﷲ މި ޙަދީޘްގެ ބާބުގެ ނަމަކަށް ޞަޙީޙް މުސްލިމުގެ ޝަރަޙައިގައި މިފަދައިން ވިދާޅުވެފައިވެއެވެ.

”ޝިރުކަކީ އެންމު ނުބައިވެގެންވާ ފާފައެވެ.“

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ الغَافِلاَتِ

މާނައީ: ”ތިޔަބައިމީހުން ހަލާކުކޮށްލަނިވި (ބޮޑުވެގެންވާ) ހަތްކަމަކުން ދުރުވާށެވެ.“ ދެންނެވުނެވެ. އޭ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ”ﷲއަށް ޝަރީކުކުރުމެވެ. އަދި ޞިހުރު ހެދުމެވެ. އަދި ﷲ ޙަރާމްކުރެއްވި ނަފުސެއް ޙައްޤަކާނުލައި މެރުމެވެ. އަދި ރިބާ ކެއުމެވެ. އަދި ޔަތީމުންގެ މުދާ ކެއުމެވެ. އަދި ޖިހާދުގެ ދުވަހު ހަނގުރާމައިގެ މައިދާނުގައި ފިލުމެވެ. އަދި މުއުމިނު ޢިއްފަތްތެރި ބަރީޢަވެގެންވާ އަންހެނާގެ މައްޗަށް ޒިނޭގެ ތުޙުމަތުކުރުމެވެ.“

| މަސްދަރު: ނިދާއު ޑޮޓް އެމްވީ – އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދުރު 

Leave a Reply

Your email address will not be published.

haftha.mv ©