މުޙައްމަދު އިބްރާހިމް
04 October 2019
މަޤްބޫލު ޙަބަރު

ބައެއް ފަހަރު އަހަރެމެން ލޯބިކުރާ ދަރިންނާއި މުދަލާއި ގެދޮރު، ދިމާވާ ހާދިސާ އެއްގައި ނެތި ފަނާވެގެން ގޮސްދާނެ ކަމަށާއި މިއިން ކޮންމެ ކަމަކީ ﷲ ތައާލާގެ އިިމްތިހާނެއް ކަމުން، މި އިމްތިހާން ތަކުން ފާސްވުން އޮތީ ކަންކަމަށް ކެތްތެރިވެގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“އިސްލާމްދީނަކީ ރިވެތި އަހުލާގުގެ ދީން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، އިސްލާމްދީނަކީ އިންސާނާއަށް ރިވެތި އަހުލާގާއި މަތިވެރި ސުލޫކު އުނގަންނައިދެއްވުމަށް ﷲ ތައާލާ ބާވައިލެއްވި ދީން ކަމަށެވެ. އަދި އެ ދީނުގެ ރަސޫލާ މުހައްމަދުގެފާނު ފޮނުއްވުނީ މީސްތަކުންނަށް ރިވެތި އަހުލާގީ އެ މިންގަނޑުތައް އުނގަންނަވައި ދެއްވުމަށް ކަމަށެވެ.

އޭގެ ތެރެއިން ކެތްތެރިކަމަކީ ވަރަށް ގިނަ ކުށްތަކުންނާއި ހަވާ ނަފްސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭ އަހުލާގީ ސިފައެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، މުސްލިމުން އެ ސިފަ ލިބިގަތުމަށް ކީރިތި ޤުރުއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށެވެ.

އެގޮތުން ދުނިޔަވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫން ކަމުން ބައެއް ފަހަރު އަތްމަތި ތަނަވަސްކޮށް އުޅޭއިރު އަނެއްބައި ފަހަރު ދަތިހާލުގައި އުޅެން ޖެހުން އަދި ބައެއް ފަހަރު އަހަރެމެން ލޯބިކުރާ ދަރިންނާއި، މުދަލާއި ގެދޮރާއި އަހަރެމެންގެ ލޯމަތީގައި ސަލާމަތުން ހުރި ނަމަވެސް ދިމާވާ ހާދިސާ އެއްގައި މި ހުރިހައި އެއްޗެއް ނެތި ފަނާވެދާ ކަމަށެވެ.

“ބައެއް ފަހަރު ނުހަނު އަމާންކަމުގައި އުޅޭއިރު އަނެއްބައި ފަހަރު ބިރުވެރިކަމާއި ނާމާންކަން ވެރިވުން މިއިން ކޮންމެ ކަމަކީ ﷲ ތައާލާގެ އިިމްތިހާނެއް ކަމަށެވެ. އަދި އަހަރެމެން ޖެހޭނީ އެ އިމްތިހާނުތަކުން ފާސްވާންށެވެ. އެއީ ކަންކަމަށް ކެތްތެރިވުން ކަމަށެވެ.” ހުތުބާގައި ވިދާޅުވިއެވެ.

އަދި މިފަދަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެއީ ކޮންމެވެސް އިންސާނެއްގެ ފަރާތުން އައި ބަދުނަސީބެއް ކަމުގައި ހީކޮށް، އެ ފަރާތަކާ ދޭތެރޭގައި ކުށްހީކޮށް، ހިތް ނުބައި ކުރުމަކީ، ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، އެކި ގޮތްގޮތުން އިންސާނުން އިމްތިހާނު ކުރައްވާނެކަން ﷲ ތައާލާ އަންގަވާފައިވާ ކަމަށާއި އެ މީހުންކުރެ ކެތްތެރިންނަށް އުފާވެރިކަމުގެ ހަބަރު ދެއްވާފައިވާ ކަމަށެވެ.

އަދި ދުނިޔޭގައި ދަތިތަކާ ކުރިމަތި ކުރައްވައި އިމްތިހާނު ކުރެއްވޭނެ ބައެއް ކަމާއި އެފަދަ ކޮންމެ ހާލެއްގައި ވެސް އެމީހުންގެ ރިވެތި އަހުލާގުގެ ސިފަތައް އިސްކުރަންޖެހޭ ބައެއްކަން މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިން އެނގޭ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކެތްތެރިކަމާއެކީ އިއްފަތްތެރިވާން ޖެހޭނެ ކަމަށާއި އަތްމަތި ދަތިކަމެއް ނުވަތަ ބަނޑުހައިހޫނު ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދާފައި ހުންނަ މުދައު ފޭރި، ވަގަށް ނަގައި، ނުހައްގުން އަތުލުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އިސްލާމްދީނަކީ ހުރިހާ މުއާމަލާތެއް ގައި ވެސް ރިވެތި އަހުލާގު އިސް ކުރުމަށް އަންގަވާފައިވާ ދީން ކަމަށާއި ތިމާ އެ މީހަކާ މުހާތަބުކޮށް ވާހަކަ ދައްކާ މީހަކީ ކިތަންމެ ނުބައި މީހަކު ކަމުގައި ވީނަމަވެސް އިސްލާމްދީނުގައި އަންގަވަނީ މަޑުމައިތިރިކަމާއެކު ރިވެތި ބަހުން ބަސްބުނުމަށް ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©