Thu, 9 April, 2020, 12:37 am
“އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް”

ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބިވުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ނަބީބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ އާ ކަމެއް ނޫން ކަމަށާއި މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަކުރި ބަޔަކުވާ ކަމަށެވެ.

މުސްލިމުންގެ މާތް ނަބިއްޔާއަށް ވެސް މި ދުއްތުރާތަކާ ކުރިމަތިވެ ވަޑައިގެންކަމަށާއި ނަމަވެސް އެފަދަ ފުރައްސާވެރިން މާތް ﷲ ނިކަމެތިކުރައްވައި އެކަލާނގެ ނަބިއްޔާއަށް ނަސްރު ދެއްވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ.

“ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަސްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބާވި މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.”

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުންކަން އިޝާރާތް ކުރައްވާ ހުތުބާގައި ވިދާޅުވީ، އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެތި އަހްލާގީ މިންގަނޑުތަކަށް ތަބާވެ، ތެދުބަސްބުނުމާއި ކެތްތެރިވުމާއި އަދުލުވެރިވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރުމާއި މަޑުމޮޅިވުމާއި މިނޫން ވެސް އެކަލޭގެފާނު ގެނެސްދެއްވި އަހްލާގީ އެންމެހާ ސިފަތަކުން ޒީނަތްތެރިވާންޖެހޭ ކަމަށެވެ.

އަދި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުމަކީ ސުވަރުގެއަށް ދެވެން އޮތް މަގެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިމަން ކަލޭގެފާނުގެ އުއްމަތުގެ އެންމެން ސުވަރުގެއަށް ވަންނާނެއެވެ. ދެކޮޅުހަދައިފި މީހާ މެނުވީއެވެ.” އެހިނދު ދެންނެވުނެވެ. ﷲގެ ރަސޫލާއެވެ. ދެކޮޅުހަދާނީ ކާކުތޯއެވެ. ހަދީޡްކުރެއްވިއެވެ. “ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހާ ސުވަރުގެއަށް ވަދެއްޖެއެވެ. އަދި ތިމަން ކަލޭގެފާނަށް އުރެދިއްޖެ މީހާ ދެކޮޅުހަދައިފިއެވެ،”

Leave a comment

Your email address will not be published.