މުޙައްމަދު އިބްރާހިމް
18 October 2019
މަޤްބޫލު ޙަބަރު

މަގުބޫލު އުޒުރަކާ ނުލައި ހުކުރަށް ނައިސް ތިބުމަކީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވެދާނެ ކަމެއް ކަމަށާއި އެއީ ބޮޑުވެގެންވާ ފާފައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ހުކުރު ދުވަހުގެ ދަރުމައާއި ޡަވާބު ހެޔޮގޮތުގައި ލިބިގަންނާށެވެ” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ހުކުރު ދުވަހަކީ އެތައް ގޮތަކުން މާތް ﷲ މަތިވެރި ކުރައްވާފައިވާ ދުވަހެއް ކަމަށާއި އެއީ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ އެއް ދުވަސް ކަމަށެވެ.

އެގޮތުން ހުކުރު ދުވަހަކީ އެދުވަހެއްގައި އިންސާނީ ނަސްލު ފެށުންކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ، އާދަމްގެފާނު އުފައްދަވާ، އެކަލޭގެފާނު ސުވަރުގެ ވެއްދެވުނު ދުވަސް ކަމަށް ވިދާޅުވިއެވެ.

ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު އަދާކުރުންކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެ ނަމާދަށް އަވަސްވެގަތުމަށް މާތް ﷲ މުއުމިނުންނަށް އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހުގައި ކުރެވޭ ހުކުރު ނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށް ވިދާޅުވިއެވެ.

އެކަން ބަޔާންކޮށްދެއްވައި ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ފަރުޟު ފަސްނަމާދު، އެއް ނަމާދުން އަނެއް ނަމާދަށް، އަދި ހުކުރު (ނަމާދު) އެއް ހުކުރުން އަނެއް ހުކުރަށް، ރަމަޟާން މަހުގެ ރޯދަ އެއް އަހަރުން އަނެއް އަހަރަށް (އެއީ) އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަކަމުގައި ވާނަމައެވެ.”

އަދި ހަމަ އެހެންމެ، ދުނިޔަވީ މަސައްކަތުން ދުރުވެ ހުކުރަށް ދިއުމަށް އަވަސްވެގެނަން މީހަކީ ބޮޑުވެގެންވާ ނަސީބުވެރިއެއްކަން އިޝާރާތް ކުރައްވާ ސަލާމާއި ސަލަވާތް ލެއްވި ކައުއިރުތު މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހުކުރު ދުވަހު މަލާއިކަތުން މިސްކިތުގެ ދޮރުމަތީގައި ތިއްބަވާނެއެވެ. އަދި ހުކުރަށް އަންނަ މީހުން އެމީހުން އަންނަ ތަރުތީބުން ލިޔުއްވާނެއެވެ. ހުކުރަށް ކުރިން އަންނަ މީހާ (އެބަހީ ފުރަތަމަ ސާއަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ޖަމަލެއް ޤުރުބާން ކުރިފަދައެވެ. ދެން އަންނަ މީހާ (އެބަހީ ދެވަނަ ސާއަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ގެރިއެއް ޤުރުއާން ކުރިފަދައެވެ. ދެން އަންނަ މީހާ (އެބަހީ ތިންވަނަ ސާއަތުގައި އަންނަ މީހާ (މާތް ﷲ އަށްޓަކައި ބަކަރިއެއް ޤުރުބާން ކުރިފަދައެވެ. ދެން އަންނަ މީހާ (އެބަހީ ހަތަރުވަނަ ސާއަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ކުކުޅެއް ޤުރުބާން ކުރިފަދައެވެ. ދެން އަންނަ މީހާ (އެބަހީ ފަސްވަނަ ސާއަތުގައި އަންނަ މީހާ) މާތް ﷲ އަށްޓަކައި ކުކުޅުބިހެއް ސަދަގާތްކުރި ފަދައެވެ. ފަހެ އިމާމު މީހާ މިންބަރަށް އަރާވަޑައިގަތުމުން (މަލާއިކަތް ބޭކަލުން) އެބޭކަލުންގެ ފަތްތައް ލައްޕަވާލައްވައި ހުތުބާ އަޑުއެއްސވުމަށް ތިއްބަވާނެއެވެ،”

ހުތުބާގައި ވިދާޅުވީ، ހުކުރު ދުވަހު ހުތުބާއަކީ އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިންމު އިރުޝާދުތަކެއް ކަމަށާއި އެ ހުތުބާއަކީ އެއާ ނުލައި ހުކުރު ނަމާދު ފުރިހަމަ ނުވާނެ އެއްޗެއް ކަމަށެވެ.

“މުޖުތަމައުގައި ހިނގާ ތަފާތު ކަންކަމުގައި މުސްލިމުން އަމަލުކުރަންވީ ރަނގަޅު ގޮތް ދަސްކޮށްދެނީ އެހުތުބާގައެވެ. އެއީ މުސްލިމު މުޖުތަމައުގެ ދިރުމެވެ. ހުކުރު ހުތުބާއަކީ މިފަދަ މުހިންމު އެއްޗަކަށް ވީހިނދު އެހުތުބާ ކަނުލައި އަޑުއެހުމަށް، ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް ވަނީ އިރުޝާދު ދެއްވައިފައެވެ، އަދި ކިއެއްތަ ހުތުބާ ކިޔަމުންދާ ވަގުތު ވާހަކަދެއްކުމަކީ ފާފައެކެވެ،”

ނަމަވެސް މިއަދު ދިވެހި މުޖުތަމައުގައި ދިރިއުޅޭ ބައެއް ފަރުދުން މިފަދަ ކަންކަމާ އެއްވެސް ސަމާލުކަމެއް ނުބަހައްޓާކަން ހިތާމަކުރަންޖެހޭކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ޝަރުއީ އެއްވެސް އުޒުރަކާ ނުލައި ހުކުރު ނަމާދަށް އައުމުގައި ފަރުވާކުޑަ ކުރުމާއި ހުކުރު އަޅާފައި ދަތުރު ދިއުމާއި އަދި މިނޫން ވެސް ތަފާތު ކަންކަމުގައި މަޝްއޫލުވެ ތިބޭކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ، މަގުބޫލު އުޒުރަކާ ނުލައި ހުކުރަށް ނައިސް ތިބުމަކީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވެދާނެ ކަމެއް ކަމަށާއި ޝަރުއީ އުޒުރަކާ ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.

ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވެއެވެ.

“ހުކުރު އަޅާ މީހުން އެބައިމީހުން އެކަމުން ދުރުވާހުށިކަމެވެ! ނޫނީ މާތް ﷲ އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާ ހުއްޓެވެ. ދެން އެބައިމީހުން ޣާފިލުވީ މީހުންގެ ތެރެއިން ވެދާ ހުށިކަން ކަށަވަރެވެ،”

Leave a Reply

Your email address will not be published.

haftha.mv ©