Sat, 25 January, 2020, 9:39 am
”ދަރިންގެ ހިތަކީ ޤުރުއާނުގެ މިންވަރެއް ނުވާ، ފަޅު ގެއެއްފަދަ ތަނަކަށް ވިޔަނުދީ”’

ޤުރުއާނުން މިންވަރެއް ހިތު ތެރޭގައި ނުވާ މީހަކު ހެޔޮ މަގުން އެއްކިބާވެގެން ހިނގައިދާނެކަން ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށާއި އެހެންކަމުން އެފަދަ ތަނަކަށް އަޅުގަނޑުމެންގެ ދަރިންގެ ހިތްތައް ވިޔަދީގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ކީރިތިޤުރުއާނަށް ހުރުމަތްތެރިކޮށް ހިތުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މުސްލިމުން ކީރިތި ޤުރުއާން ކިޔަވައި، އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބަހައްޓަންޖެހޭ ކަަމަށާއި އަދި ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައިދީ، އެކުދިންގެ ހިތްތަކުގައި އެފޮތުގެ ލޯބި އަށަގަންނުވައި އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭންޖެހޭ ކަމަށެވެ.

އެގޮތުން މުސްލިމުންގެ މުޅި އަމަލީ ހަޔާތް، ކީރިތި ޤުރުއާނާ އެއްގޮތަށް ބައްޓަން ކުރަންޖެހޭއިރު ވެސް މިއަދު މުސްލިމުން ވަނީ ޤުރުއާނުގެ މަތިވެރި އިލާހީ ކަލާމްފުޅާ ދުރަށް ގޮސް، އެފޮތަށް ފުރަގަސްދީ، އޭގައިވާ ހުކުމްތަކާ ހިލާފުވެފައި ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ވިދާޅުވީ، މިއަދު މުސްލިމުން ވަނީ އެ ފޮތް ތިލާވަތު ކުރުމާއި އެފޮތަށް އަމަލުކުރުން އުނދަގޫ ކަމަކަށް ވެފައި ކަމަށާއި އޭގެ ސަބަބުން ދީނާ ދުރުވެ އެހެން މީހުންގެ ކުރިމަތީގައި ނިކަމެތިވެފައިވާ ކަމަށެވެ.

“މިއަދު ބައެއް މުސްލިމުން އިސްލާމް ދީނާ ބީރައްޓެހި ފިކުރުތަކުގެ ޝިކާރައަކަށް ވުމުގެ ސަބަބަކީ އެބައިމީހުންގެ ހިތްތަކުގައި ކީރިތި ޤުރުއާން އަށަގެންފައި ނުވުމުގެ ނަތީޖާއެވެ. ޅަފަތުގައި ކީރިތި ޤުރުއާނަށް އަހުލުވެރިކުރުވައި، އެ ފޮތަށް އިހްތިރާމު ކުރަން ދަސްކޮށްދެވިފައި ނެތުމެވެ،”

އެކަން ފާހަގަކުރައްވާ ހުތުބާގައި ވަނީ ޤުރުއާނުން މިންވަރެއް ހިތު ތެރޭގައި ނުވާ މީހަކު ހެޔޮ މަގުން އެއްކިބާވެގެން ހިނގައިދާނެކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއް ވިދާޅުވެފައެވެ.

“ހަމަކަށަވަރުން އެ މީހެއްގެ ހިތުގައި ޤުރުއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ ވީރާނާވެ، ފަޅުވެފައިވާ ގެއެއްގެ މިސާލެވެ،” އެހެންކަމުން އެފަދަ ތަނަކަށް އަޅުގަނޑުމެންގެ ދަރިންގެ ހިތްތައް ވިޔަދީގެން ނުވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ތަނަކަށް އަޅުގަނޑުމެންގެ ދަރިންގެ ހިތްތައް ވިޔަދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނަކީ ހައްގާއި ބާތިލު ވަކިކުރަނިވި ފޮތެއްކަން އިޝާރާތްކުރައްވާ ހުތުބާގައި ވިދާޅުވީ، ބޮޑާކަމާއި ކިބުރުވެރިކަމާހުރެ އެފޮތަށް އަމަލު ނުކޮށްފި މީހާ، ﷲ ނިކަމެތި ކުރައްވައި ހަލާކު ކުރައްވާނެ ކަމަށެވެ. އަދި އެފޮތް ދޫކޮށްލައި ތެދުމަގު ހޯދަން އުޅެފިނަމަ މަގު ފުރެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

“އެ ފޮތުގައިވާ ގޮތަށް އަމަލުކޮށްފި މީހާއަށް ދަރުމަ އާއި ސަވާބު ލިބެނިވި ފޮތެކެވެ. އެ ފޮތުގައިވާ ގޮތަށް ނިޔާ ކަނޑައަޅައިފި މީހާ އަދުލުވެރި ވެއްޖެއެވެ. އަދި އެފޮތުގައިވާ ގޮތަށް އަމަލުކުރުމަށް (މީސްތަކުންނަށް) ގޮވާލާ މީހާއީ ތެދުމަގު ލިބިފައިވާ މީހެކެވެ.،” ހުތުބާގައި ވިދާޅުވިއެވެ.

Leave a comment

Your email address will not be published.