Fri, 5 June, 2020, 1:09 am
Image processed by CodeCarvings Piczard ### FREE Community Edition ### on 2019-06-01 14:09:39Z | http://piczard.com | http://codecarvings.com''ÿkuïÛ'
ފަރުޟު ފަސް ނަމާދު ފުރިހަމަ ގޮތުގައި ކުރާ މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލުތަކެއް އަންނާނެ
1096

ނަމާދު ކުރާއިރު މާތް ﷲ އަށް ހިތް ނިޔަތް ޚާލިޞްކުރާ ޙާލު އެ ނަމާދެއް ކުރުން މުހިއްމެވެ. އަދި ނަމާދުގެ ރުކުންތަކާއި ވާޖިބާތާއި ސުންނަތްތަކަށް ފުރިހަމައަށް ސަމާލުކަންދީގެން ވީހާވެސް ފުރިހަމަ ގޮތުގައި ނަމާދު ކުރެވޭތޯ ބަލަންވާނެއެވެ.

އެގޮތުން ފަރުޟު ފަސް ނަމާދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރާ މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މާތް ﷲ ފަރުޟު ފަސް ނަމާދު ލައްވާފައިވަނީވެސް އެކަމަށްޓަކައެވެ. އިންސާނާއަކީ ގިނަގިނައިން ހަނދާން ނެތޭ މީހެކެވެ. ދުނިޔެވީ ޙަޔާތުގެ ޒީނަތްތެރިކަމާއި މަޖަލާއި އުފާ ފެނުމުން އާޚިރަތް މަތިން އިންސާނާ ހަނދާން ނެތޭ ގޮތް ވެއެވެ. އަދި ހަމައެހެންމެ، ދުނިޔެވީ ރިވެތި މަންޒަރުތައް އިތުރަށް ރީތިކޮށްފައި ޝައިޠާނާ އޭނާއަށް ދައްކާނެއެވެ.

އިންސާނާގެ ހިތަކީ ރީތި މަންޒަރުތަކާއި އުފަލާއި މަޖަލަށް ލެނބޭ އެއްޗެކެވެ. އެހެންކަމުން، އެ ޣާފިލުކަމުން އިންސާނާ ސަލާމަތްކޮށްދޭނެ ވަޞީލަތަކަށް މާތް ﷲ ލައްވާފައިވަނީ ނަމާދެވެ. ފަރުޟު ފަސް ނަމާދު އޭގެ ފުރިހަމަ ގޮތުގައި ކުރާ މީހަކަށް މި ޙަޔާތުގެ މަޤްޞަދު ހަނދާން ނެތިގެނެއް ނުދާނެއެވެ.

މި ޙަޔާތަކީ ވަޤުތީ ތަނެއްކަން އޭނާ ހަނދާން ހުންނާނެއެވެ. އަދި މިތަނަކީ އިމްތިޙާނެއް ކަމާއި މި އިމްތިޙާނުގެ ނަތީޖާ ފެނިގެން ދާނީ ޤިޔާމަތް ދުވަހުންކަން ހަނދާނުގައި އަބަދުގެ އަބަދަށް ހުންނާނެއެވެ. އުޚުރަވީ ޙަޔާތާ އަޅާ ބަލާއިރު މި ޙަޔާތަކީ އެއްވެސް އެއްޗެއް ނޫންކަން އޭނާއަށް އެނގޭނެއެވެ. މަރު އޮތީ ކުރިމަތީގައިކަން އޭނާއަށް އެނގޭނެއެވެ. އަދި ނުހަނު ގާތުގައި ނަރަކައާއި ސުވަރުގެ އޮތް ކަމާއި ފަހަތުން އަރައި ހަމަކުރަން މަލަކަލްމައުތު އަންނަ ކަން އޭނާއަށް އެނގޭނެއެވެ. މި ޙަޔާތުގައި ކިރިޔާވެސް ފައިދާއެއް ނުވަތަ ހެވެއް އޮތްނަމަ، އެ ހެވަކީ މާތް ﷲ އެންގެވި ގޮތުގައި ޙަޔާތުގެ ވަޤުތުތައް ހޭދަކުރުންކަން އޭނާއަށް އެނގޭނެއެވެ. މިއީ އެ ދުނިޔެއަށްޓަކައި ކުރާ ދަނޑުގޮވާމެއްކަން އޭނާ ދަންނާނެއެވެ.

އަދި ހަމައެހެންމެ، އެ އަޅާއަށް ފާފައެއް ކުރެވިފައިވާނަމަ، އެކަމަށް ދެރަވެ، ކޮންމެ ނަމާދެއްގައި މާތް ﷲ ގެ ޙަޟްރަތުގައި އިސްތިޣުފާރުކޮށް ތައުބާވާނެއެވެ. އިންސާނާއަކީ ފާފަކުރެވޭ، އަދި ފާފަ ކުރެވޭނެ އަޅެކެވެ. އެކަމަކުވެސް، އޭނާއަކީ ފަރުޟު ފަސް ނަމާދު ޤާއިމުކުރާ މީހެއްނަމަ، އޭނާއަށް ހުރެވޭނީ އަބަދުމެ ފާފަފުއްސެވުމަށް އެދި ދެންނެވުމުގެ މަތީގައެވެ. އެއާއެކު އޭނާއަށް ކުރެވޭ ފާފަތައްވެސް ވަރަށް މަދުވާނެއެވެ. ފާފަތަކުން އެއްކޮށް ދުރުވުމަށް ކޮންމެ ނަމާދެއްގައިވެސް އޭނާ ޢަޒުމް ކަނޑައަޅާނެއެވެ. އެއީ، މާތް ﷲ ގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ﴾ [سورة العنكبوت ٤٥]

މާނައީ: “ހަމަކަށަވަރުން، ނަމާދަކީ ފާޙިޝްކަންކަމާއި މުންކަރާތްތަކުން ދުރުކޮށްދޭ ކަމެކެވެ.”

Leave a comment

Your email address will not be published.