Fri, 5 June, 2020, 2:12 am
ނިދުމުގެ އަދަބުތަށް ވަރަށް ފުރިހަމައަށް ވަނީ ބަޔާންކޮށްދެއްވާފަ
68

ދުވާލުގެ ބުރަކަމާއި، އާމްދަނީ ހޯދުމާއި މަސައްކަތުގެ ވަރުބަލިކަން ފިލުވައިލުމުގެ ވަޞީލަތެއްގެ ގޮތުގައި ލައްވާފައިވާ ނިންޖަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށްޓަކައި ލައްވާފައިވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. ރޭނގަޑުގެ ހަމަހިމޭންކަމާއި ފިނިކަމުގެ ތެރޭގައި، މުޅި ހަށިގަނޑު އަރާމަށް ބޭނުންވާގޮތަށް އެކަނލަންގެ އިންސާނާ ވަނީ ލައްވާފައެވެ.

ނިންޖާ ބެހޭގޮތުން މާތްﷲ  ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވަނީ “އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެކަލާނގެ ފަޟުލަވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.”

ނިދުމުގެ އަދަބުތަކާއި ، ނިދާއިރު ކިޔާ ޒިކުރުތައް ކީރިތި ރަސޫލު ﷲ صلى عليه وسلم ވަނީ އަޅުގަނޑުމެންނަށް އުނގަންނަވައި ދެއްވާފައިވެއެވެ. އޭގެއިތުރުން އެކަލޭގެފާނު ނިދިއަވަހާރަފުޅުލައްޕަވާގޮތް ވަނީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އަރިހުން ޘާބިތުމަގުން ރިވާވެގެންއައިސްފައެވެ. ޢާއިޝާ رضي الله عنها ގެ އަރިހުންރިވާވެގެންވެއެވެ. “كَانَ يَنَامُ أَوَّلَ اللَّيْلِ وَيُحْيِى آخِرَهُ” މާނައީ: “އެކަލޭގެފާނު ނިދިކުރައްވަނީ ރޭގަނޑުގެ ކުރީ ކޮޅުގައެވެ. އަދި ރޭގަނޑުގެ ފަހުބައި އަޅުކަމުގައި ހޭދަކުރައްވައެވެ.”

ނިދަން އޮށޯންނަ މީހަކު ކަންތައް ކުރަންވީގޮތް ކީރިތި ރަސޫލު ﷲ صلى عليه وسلم ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.

އިތުރު އެކަލޭގެފާނު صلى الله عليه وسلم ނިދިކުރެއްވުމުގެ ކުރިން “އިޚްލާޞް ފަލަޤި ، ނާސި” މިތިން ސޫރަތް ކިޔަވައި ވިދާޅުވެ، އެކަލޭގެފާނުގެ އަތްގޮއްޓަށް ފުމެލައްވައި މުޅި ހަށިގަނޑުގައި އަތްޕުޅު ބީއްސަވައި ހިންގަވައިލައްވައެވެ. އަދި އެފަދައިން ތިންފަހަރު ހައްދަވައެވެ.

ހަމައެފަދައިން ނިދުމުގެ ކުރިން “އާޔަތުލް ކުރުސީ” (ބަޤަރާ ސޫރަތުގެ 255 އާޔަތް) ކިޔަވައިފި މީހަކަށް އެރޭގެ ނުބައި ހުރިހާ ކަމަކުން ރައްކާތެރިކަން ލިބިގެންވާކަމުގައި ޙަދީޘްކުރައްވާފައިވެއެވެ. ނިދިމުގެ ކުރިން އެއާޔަތް ކިޔަވައިފި މީހަކަށް މާތް ﷲ ގެޚާއްޞަ ރައްކާތެރިކަމާއި، އަދި ރައްކާތެރިކޮށްދެއްވާ މަލާއިކަތެއް ފަތިސްވަންދެން ހުންނާނޭކަމުގައިވެސް ޙަދީޘްތަކުގައި ރިވާވެގެންވެއެވެ.

ހަމައެފަދައިން ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތަކީވެސް ނިދުމުގެ ކުރިން ކިޔެވުން ސުންނަތްވެގެންވާ ދެއަޔާތެވެ. ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް ރައްކާތެރިކަމެއްގެ ގޮތުގައި އެދެއާޔަތް ފުދިގެންވެއެވެ.”

ވީމާ، ނިދަން އޮށޯތުމާއި، ނިދުމުގައްޔާއި ނިދިން ހޭލާއިރު ޢަމަލުތައް ބަހައްޓަންވީ ގޮތް ދީނުގައިވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ. ނިދުމަކީ މަރުގެ އަޚެއްފަދަ އެއްޗެއް ކަމުގައިވީހިނދު ނިދުމުގެ ކުރިން ކިޔަންޖެހޭ ދުޢާތައް ކިޔުމަށް ނުހަނު ސަމާލުކަން ދޭންޖެހޭނެއެވެ.

Leave a comment

Your email address will not be published.