• Sun, 5 July, 2020, 2:33 am

    ޗުއްޓީގައި ދަރިންނަށް މަޖަލުގެ އިތުރުން ހެޔޮ އަމަލުތައް ކުރުވުމަށް ބާރު އަޅުއްވާ: ހުތުބާ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މި ލިބުނު ބޮޑު ޗުއްޓީއަކީ ދަރިންނަށް ހަމައެކަނި އުފަލާއި މަޖަލުގެ ދުވަސްތަކެއް ކަމުގައި ނަހަދައި މިއީ ތަފާތު ހެޔޮ އަމަލުތައް އެކުދިން ލައްވައި ކުރުވުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމުގައި ހެދުމަށް މައިންބަފައިންނަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

    “ހެޔޮގޮތުގައި ޗުއްޓީގެ ބޭނުން ހިފާށެވެ” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވަނީ، ދަރިންނަކީ ﷲ ސުބްހާނަހޫވަތައާލާ މައިންބަފައިންނާ ހަވާލު ކުރައްވާފައިވާ ވަރަށް އަގުބޮޑު އަމާނާތަކަށް ވާތީ ޗުއްޓީގެ ތެރޭގައި ވެސް އެކަމުގެ މަތިން ހަނދާން ނައްތާ ނުލުމަށް ގޮވާލައިފައެވެ. އަދި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތަކަށްވާއިރު ޗުއްޓީގެ ތެރޭގައި ވެސް އެ މަސްއޫލިއްޔަތު ހަނދާން ބަހައްޓަން ވާނެކަމަށް ވިދާޅުވިއެވެ.

    އެގޮތުން ދަރިންނަށް ސޯލިހު ރަނގަޅު އުޅުމެއް އުޅެން ދަސްކޮށްދީ، ބޮޑެތި މީހުންނަށް އިހްތިރާމު ކުރުމާއި ގަސްގަހާ ގެއްސާއި ދިރޭ ތަކެއްޗަށް ވެސް އޯގާތެރިވާން ދަސްކޮށްދިނުމުގެ އިތުރުން މަގުމައްޗާއި މިސްކިތުގެ އަދަބުތައް ދަސްކޮށްދީ އެކަމުގެ މައްޗަށް ތިމާމެންގެ ދަރިން ހޭނެވުމަށް ޗުއްޓީ ދުވަސްތަކުގެ ބޭނުން ހިފުމަށް ބެެލެނިވެރިންނަށް ނަސޭހަތްތެރިވިއެވެ.

    ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެކުރެވެނީ ދަރުމަ ހުރި ޖިހާދެއްކަން ފާހަގަކުރައްވާ ހުތުބާގައި އިތުރަށް ވަނީ، މަދަރުސާގެ ޗުއްޓީ ދުވަސްވަރުގައި ވެސް އެކަމަށް ފުރިހަމައަށް ސަމާލުކަން ދިނުމަށާއި ޗުއްޓީ ހެޔޮ ގޮތުގައި ހޭދަކުރުމުގެ ގޮތުން ތަފާތު ހެޔޮ އަމަލުތައް އެކުދިން ލައްވައި ކުރުވުމަށް ބާރު އަޅައި ފަސްވަގުތުގެ ނަމާދަށް އެކުދިންގެ ސަމާލު ކުރުވައި، އެކަމުގެ މައްޗަށް އެކުދިން ހާނުވަން ގޮވާލައިފައެވެ.

    އަދި ޗުއްޓީގެ އުފާ ހާސިލު ކުރުމުގެ އިތުރުން މިދުވަސްވަރު ވެސް ކީރިތި ޤުރުއާން ކިޔެވުމާއި ރިވެތި އަހުލާގުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަށް ގޮވާލައި ހުތުބާގައިވަނީ ބެލެނިވެރިންނަކީ އަބަދު ވެސް އެކުދިންނަށް ހެޔޮމަގު ދައްކާ ނަމޫނާ ބަޔަކަށް ވުމަށް އެދިފައެވެ.

    ހުތުބާގައި އިތުރަށް ވިދާޅުވީ، ދަރިންނަކީ އެކުދިން އުޅޭ ނޫޅޭ ގޮތާއި ކުރާކަންތަކާ މެދު ކޮންމެ މަޔަކާއި ބަފަޔަކު އާހިރަތް ދުވަހު މަސްއޫލުވާންޖެހޭނެ މީހަކުކަން ދަނެ، މަދަރުސާތައް ބަންދުވި ނަމަވެސް އެ ބަންދުގައި އެކުދިން ޗުއްޓީ ހޭދަކުރުމުގައި ކަންކަން ކުރަންވީ ރިވެތި ގޮތް ބުނެދިނުމަށާއި ކުދިން އުޅެނީ ކޮންކަހަލަ އެކުވެރިންނަކާއެކުގައި ބަލައި އެކުދިންނަށް ދުނިޔެވީ ގޮތުން ދޭންޖެހޭ ތަމްރީނުތަކަށް ސަމާލުކަންދީ އެފަދަ ކަންކަން ދަސްކޮށްދީ އޮޅުން ފިލުވައިދޭންޖެހޭ ކަމަށެވެ.

    އަދި ހަޔާތުގެ މައިދާނަށް ނުކުންނަން ވާއިރަށް އެ މައިދާނުގައި ހުރި ކަންކަމަށް އެކުދިން ހޭނެވުމަށް މިފަދަ ޗުއްޓީތަކުގެ ބޭނުން ހިފުމަށާއި ދުނިޔޭގެ ވަގުތު ހެޔޮގޮތުގައި ހޭދަކުރަން ދަސްކޮށްދީ، މަސައްކަތްތެރި، މުރާލި ބަޔަކަށް އެކުދިން ހެދުމަށް ނަސޭހަތްތެރިވެ ޗުއްޓީގެ ދުވަސްތަކަކީ ހަމައެކަނި އުފަލާއި މަޖަލުގެ ދުވަސްތަކެއް ކަމުގައި ނަހަދައި ފައިދާހުރި ކަންކަން ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމުގައި ބެލުމަށް ހުތުބާގައި ވިދާޅުވިއެވެ.

    މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން ކަމުގައި ﷲ ވަހީކުރައްވާފައިވާކަން އިޝާރާތްކުރައްވާ ހުތުބާގައި ވިދާޅުވީ، ދަރިން ދުނިޔޭގެ ޒީނަތަކަށް ވާނީ އެ ދަރިންނަށް އަދާ ކުރަންޖެހޭ އެންމެހައި ހައްގުތަކަށް ރައްކާތެރިވެ، އެކުދިންގެ އުޅުމާއި އަހުލާގު ރިވެތިކޮށް ޒީނަތްތެރި ކޮށްގެން ކަމަށެވެ.

    އެގޮތުން ދަރިންނަށް ކުރަންޖެހޭ ހަރަދުތަކާއި އަސާސީ ބޭނުންތައް ފުއްދައި ދިނުމާއި އުނގެނުމަށް އެހީތެރިވެ ދިނުމާއި ދުޅަހެޔޮކޮށް ތިބުމަށް ސިއްހަތަށް ފައިދާހުރި ކާނާ ފޯރުކޮށްދިނުމާއި އަމާން ވެއްޓެއް ގާއިމުކޮށްދިނުމުގެ އިތުރުން ހެޔޮގޮތުގައި ހުސްވަގުތު ހޭދަކުރަން ދަސްކޮށްދިނުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.