Tue, 7 April, 2020, 5:54 pm
“މަގުތަކަށް ކުނި އެޅުމާއި މޫނުމައްޗަށް ސިގިރޭޓުގެ ދުން ފޮނުވުންފަދަ އަމަލުތައް އިސްލާހުކުރޭ”

ގޯޅިގޯޅިއަށް ކުނި އެޅުމާއި މަގުމައްޗަށް ކުޅު ޖެހުމާއި ހިނގާފައިދާ މީހުންގެ މޫނާ ދިމާކޮށް ކިނބިހި އެޅުމާއި މޫނުމައްޗަށް ސިނގިރޭޓުގެ ދުންތައް ބުރުވާލުންފަދަ ނާތަހުޒީބު އަމަލުތައް އިސްލާހު ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.

“މަގުމަތީގެ އަދަބުތައް” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، މަތުމަތީގެ ހައްގުތަކުގެ ތެރޭގައި މަގުތައް ސާފުތާހިރުކޮށް ބޭއްވުން ހިމެނޭ ކަމަށެވެ.

ނަމަވެސް ގޯތިގެދޮރުގައި އުފެދޭ ކުނި، މަގުމައްޗަށް އުކާލާ މީހުން އުޅޭއިރު، ބޭނުންކޮށްފައި އޮންނަ ޓިޝޫ އާއި ހުސްވެފައި ހުންނަ ފުޅި އާއި ދަޅު ފަދަ ތަކެތި މަގުމައްޗަށާއި ގޮނޑުދޮށަށް އުކާލުމާއި މަގުމަައްޗާއި ގޮނޑުދޮށް ގޮނޑުވާ ފަދަ ތިމާވެއްޓަށް ގެއްލުންހުރި އަމަލުތައް ކުރާތަން ފެންނަކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި މަގުތަކަށް ފެން ފައިބާ ގޮތަށް ފޫގޮސްފައިވާ އޮތީ ކިތައް ދިޔަދޮވިތޯ އާއި އެއާކޯންތަކާއި ދޮންނަ މެޝިނުން ބޭރުވާ ފެން މަގުމައްޗަށް އޮހެނީ ކިތައް ގެއިންތޯ އާއި ގޯޅިގޯޅިއަށް ކުނި އެޅުމާއި މޭވާ ކެއުމަށްފަހު އޭގެ އޮށާއި ތޮށި މަގުމައްޗަށް އަޅާނީ ކިތައް މީހުންތޯ ހުތުބާގައި ވިދާޅުވިއެވެ.

އޭގެ އިތުރުން މަގުމައްޗަށް ކުޅު ޖެހުމާއި ހިނގާފައިދާ މީހުންގެ މޫނާ ދިމާކޮށް ކިނބިހި އެޅުމާއި މޫނުމައްޗަށް ސިނގިރޭޓުގެ ދުންތައް ބުރުވާލުންފަދަ ނާތަހުޒީބު އަމަލުތައް ކުރަނީ ކިތައް މީހުންތޯ ސުވާލު އުފައްދައި ހުތުބާގައި ވަނީ، އެފަދަ ކޮންމެ ކަމަކީ އެ ރަށެއްގައި ދިރިއުޅޭ އެންމެންނަށް ގެއްލުން ހުރި ކަންކަމަށްވާތީ، ރަސްމީ ފަރާތަކުން އެންގެމުގެ ކުރިން އަމިއްލަ ނަފްސަށް ފެނިގެން އެކަންކަން އިސްލަހު ކުރުމަށް ގޮވާލައިފައެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މަގުމަތީގައި ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި އެގޮތުން ވިއްސާރަ ދުވަސްދުވަހު މަގުމަތީގައި ހިނގާފައިދާ މީހުންގެ ގަޔަށް ފެންބުރައިގެންދާ ގޮތަށް އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި މީހުން އެރުވުމާއި ބާރަށް ބަރުގޮނު އެޅުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަން އިޝާރާތް ކުރައްވާ ހުތުބާގައި ވިދާޅުވީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަހުލާގީ ގޮތުން ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

އަދި މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނޭ ކަމަށާއި އެއީ ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ބަލާބެލުމަކުން ކަމުގައި ނުހެދުމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، މަގުމަތި ސާފުކޮށް ބެލެހެއްޓުމަކީ ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް ކަމަށާއި އަދި މަތިމަތިން ކުނި ބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

އެކަން ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އީމާންކަން ހައްދިހަ އެތައް ބަޔަކަށް ނުވަތަ ފަސްދޮޅަސް އެތައް ބަޔަކަށް ބެހިފައިވެއެވެ. އީމާންކަމުގެ އެންމެ މާތް އަދި މަތީ ދަރަޖައަކީ ﷲ މެނުވީ ހައްގުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށް ހިތުގެ އަޑިން ގަބޫލުކޮށް، އީމާންވުމެވެ. އަދި މަގުމަތީން ކުނި ބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ އެންމެ ކުޑަމިންވަރެވެ.”

Leave a comment

Your email address will not be published.