Thu, 2 April, 2020, 2:59 am
އިސްލާހު ކުރުމުގެ ނިޔަތުގައި ބިމުގައި ފަސާދަ އުފައްދާނަމަ ﷲގެ އުގޫބާތް އަތުވެދާނެ: ހުތުބާ

ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައި ކުރާކަންކަމުން ބިމުގައި ފަސާދަކުރުން އާންމުވެގެން ހިނގައްޖެނަމަ މާތްﷲ އެބައިމީހުންގެ މައްޗަށް އުގޫބާތް ދެއްވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ސުލްހަވެރި މުޖުތަމައުއެއް ބިނާކުރުން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، މުސްލިމުން ވާންވާނީ އަބަދުވެސް އިސްލާހަށާއި ސުލްހަވެރިކަމަށް މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ.

އަދި ޒާތީ މަސްލަހަތު ކުރިއަށް ނެރެ، ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި އިސްލާހު ކުރުމަށްޓަކައި މަސައްކަތްކުރާހާ ހިނދަކު، މާތް ﷲ އެކަމަށް ތައުފީގު ދެއްވާނެ ކަން ކަށަވަރު ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް އެއްބަޔަކު އަނެއް ބައެއްގެ އަބުރާއި ޝަރަފު ނަގައިލުމާއި ސިއްރުތައް ހާމަކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަސާދަކުރުން އާންމުވެގެން ހިނގައިދާނެ ކަމެއް ކަމަށާއި އަދި އެކަމަށް މާތް ﷲ އުގޫބާތް ދެއްވާ ކަމަށެވެ. އެއީ އެބައިމީހުންގެ ﷲގެ ހަޝްރަތަށް ރުޖޫއަވޭތޯ ކަމަށް ވެސް ވިދާޅުވިއެވެ.

އެކަން ބަޔާންކުރައްވައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް އަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖާއަ ވުމަށްޓަކައެވެ.،”

މުސްލިމު ބައެއް ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ގެއްލި، އެއްބައެއްގެ އަތުން އަނެއްބައެއްގެ ލޭ އޮހޮރުވާލަމުންދާކަން އިޝާރާތްކުރައްވައި ހުތުބާގައި ވިދާޅުވީ، އެބައިމީހުންގެ ކަންތައްތައް އެބައިމީހުން އަމިއްލައަށް ހައްލު ނުކުރުމުގެ ނަތީޖާއަކީ އަޅުވެތިކަމުގެ ނިމުމެއް ނެތް ވޭނާއި ކެކުޅުން ތަހައްމަލު ކުރަންޖެހުން ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އަރާރުން ވުމާއި ދެކޮޅުވެރިކަމާއި ދެބަސްވުމާއި ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށްވުރެ ޒާތީ މަސްލަހަތު އިސްކުރުމާއި އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި ދީނުގެ ނަމުގައި ހައްދު ފަހަނައަޅައިދިއުމާއި އަނިޔާވެރި ވުމާއި ނުކިޔަމަންތެރިވުން އުފެދޭނެ ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ލޭ އޮހޮރުވުމާއި ބައިބައިވުމާއި ދެކޮޅުވެރިކަން މިރާއްޖެއަށް ވާރުތަ ނުވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނޫންނަމަ، ދިވެހިންގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި، ފުނޑުފުނޑުވެ އިސާހިތަކު އެއްބައިވަންކަމާއި ކުރިއެރުމާއި އިގްތިސާދު ހަލާކުވެދާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ﷲ ދެއްވި އެންމެ މަތިވެރި އެއް ނިއުމަތް ކަމުގައިވާ ބުއްދީގެ އަހުލުވެރިން އެފަދަ ނުރައްކާތެރި ގެއްލުންހުރި ފިތުނައިގެ ތޫފާނެއްގެ ތެރެއަށް ވަނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އިސްލާމްދީނުގައި އަމުރު ކުރައްވާފައިވަނީ ކަމުވޮށިގެންވާ މީހުންނާއި ވެރިންގެ މެދުގައި ވާހަކަދައްކައި މަޝްވަރާ ކޮށްގެން ކަމަށެވެ.

އަދި ކޮންމެ ކަމެއްގެ ހައްލަކީ ޒުވާބުކޮށް ތަޅާފޮޅުމާއި އެއް ބަޔަކު އަނެއް ބަޔަކަށް ހުތުރު ބަހުން މުހާތަބު ކުރުމާއި ކުށް ހޯދުންކަމުގައިވަނީނަމަ، ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލުތަކަށް އެ ދައްކައިދެވެނީ ހުތުރު ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެބައިމީހުންގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން، ރާއްޖެއަށްވުރެ މާ ބޮޑެތި މާ ބާރުގަދަ ގައުމުތަކަށް ﷲގެ ކޯފާ އައިސް އެބައިމީހުން ނިމިދިޔަ ގޮތުން އިބްރަތް ލިބިގަތުމަށް ހުތުބާގައި ގޮވާލެއްވިއެވެ. އަދި ﷲގެ މަދަދާއި އެހީތެރިކަން ލިބުން ހުރީ ދެބަސްވުންތަކާ ދުރުހެލިވެ، ﷲ އަށް ތަގުވާވެރިވެ، އެކުވެރި އެއްބައިވަންތަވެ އުޅޭ ބަޔަކަށް ކަން ދަތުމަށް ގޮވާލެއްވިއެވެ.

Leave a comment

Your email address will not be published.