Sun, 29 March, 2020, 1:15 pm
ކައިވެންޏަށް އިހުތިޔާރުކުރާ ކުއްޖާގެ ރީތި ކަމަށް އެކަނި ނުބަލާށެވެ. ދީންވެރިކަމާއި އަހުލާގު މުހިންމެވެ.

ކައިވެންޏެއްް ކުރުމުގެ ކުރިން ކައިވެންޏަށް އިހުތިޔާރު ކުރެވޭ ކުއްޖާއަކީ ވަކި ސިފަތަކެއް ފުރިހަމަވާ ކުއްޖެއްތޯ ބަލަންޖެހެއެވެ. އެގޮތުން ދީންވެރި ސޯލިހު ކުއްޖަކު އިހުތިޔާރު ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

“تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ”

މާނައަކީ: “ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެއެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއި ނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ”.

މި ޙަދީޘްގައި ދީންވެރިކަމަށް އިސްކަންދޭށޭ އޮތުމުން އޭގެ މާނައަކީ އަންހެން ކުއްޖާގެ ރީތި ކަމާމެދު އަޅާ ނުލުމެއް ނޫނެވެ. މިޙަދީޘްގައި އެވަނީ މީސްތަކުން އާއްމު ގޮތެއްގައި ކައިވެނި ކުރުމުގައި ބަލައި އުޅޭ ކަންތައްތަކުގެ ވާހަކައެވެ. އެހުރިހާ ކަމަކަށްވުރެ ދީންވެރިކަން މުހިންމު ވާހަކައެވެ. ހަމައެކަނި ރީތިވުމަކުން ނުފުދޭނެ ކަމާއި، ރީތިކަމާއެކު ދީންވެރިކަން ވެސް ހުންނަން ޖެހޭނެ ވާހަކައެވެ.

އަންހެން ކުއްޖާގެ ރީތި ކަމަށް ވެސް ކޮންމެ ވެސް ވަރަކަށް ބަލަންވާނެއެވެ. މާތް ނަބިއްޔާ ރަސޫލުﷲ ޞައްލަ ﷲ އަލައިހި ވަސައްލަމްގެ އަރިހުން އެންމެ ހެޔޮކަން ބޮޑު އަންހެނަކީ ކޮބައިތޯ ސުވާލު ކުރެވުމުން ހަދީޘް ކުރެއްވިއެވެ.

“التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ”

މާނައަކީ: “އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާއަށް ބަލައިލުމުން އުފާވެރިކަން ލިބޭ، ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ، ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެން ތިބޭ އަންހެނުންނެވެ”.

އަންހެން ކުއްޖާގެ ރީތިކަމަށް ބެލުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއްކަން ދޭހަވާ އަނެއް ދަލީލަކީ ކައިވެނީގެ ކުރިން އަންހެން ކުއްޖާއަށް ބެލުމަށް ކީރިތި ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވުމެވެ. ޙަދީޘް ކުރެއްވިއެވެ.

“أنظر إليها فإنه أحرى أن يؤدم بينكما”

މާނައަކީ: “ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ”. ކައިވެނީގެ ކުރިން ބެލުން ހުއްދަވެގެންވަނީ ހަމައެކަނި އަންހެން ކުއްޖާގެ މޫނަށާއި ދެއަތްތިލަ އަށް އެކަންޔެވެ. އެހެނީ މޫނަށް ބެލުމުން ކުއްޖާގެ ރީތިކަން ރަނގަޅަށް ދޭހަވެގެންދާނެއެވެ.

އެކަމުގައި އިތުރަށް ހިތުގައި ބަހައްޓަން ޖެހޭނެ ތަންކޮޅަކީ ކިތަންމެ ރީތި އަންހެން ކުއްޖަކަސް އޭނާގެ ކިބައިގައި ދީންވެރިކަމާއި ރިވެތި އަޚްލާގެއް، އަދި ފިރިމީހާއަށް ކަމޭ ހިތުމުގެ އިޙްސާސް ނެތްކަމަށް ވަނީނަމަ ރީތިކަމުގެ ބޭނުމެއްނެތެވެ.

Leave a comment

Your email address will not be published.