Sun, 29 March, 2020, 2:39 pm
ރަސޫލާގެ ސުއްނަތަށް އަމަލު ނުކުރާ ބައެއްގެ އިސްލާމްދީން ފުރިހަމައެއް ނުވާނެ: ހުތުބާ

ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުއްނަތަށް އަމަލުނުކުރާ ބައެއްގެ އިސްލާމް ދީން ފުރިހަމައެއް ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުއްނަތަކީ ޝަރީއަތުގެ ދެވަނަ މަސްދަރު” މި ނަމުގައި މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ﷲގެ ހަޟްރަތުން އިންސާނުންނާ ހަމައަށް އިސްލާމްދީން އައިސްފައިވަނީ އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މެދުވެރިކޮށް ކަމަށާއި އިސްލާމީ ޝަރީއަތް އެކުލެވިގެން ވަނީ ﷲގެ ފޮތާއި އިތުރު އެކަލޭގެފާނުގެ ސުއްނަތުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން އިސްލާމް ދީނުގެ ފުރަތަމަ މަސްދަރު ކަމުގައި ކީރިތި ޤުރުއާން ވީ ފަދައިން، އެ ދީނުގެ ދެވަނަ މަސްދަރަކީ ނަބަވީ ސުއްނަތް ކަމަށާއި ﷲއަށް ކިޔަމަންވުމަށް ވަހީ ކުރައްވާފައިވާ ބަސްފުޅާ ވިދިގެން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކިޔަމަންވުމަށް ޤުރުއާނުގެ އެތައް ތަނެއްގައި އަމުރުކުރައްވާފައިވަނީ އެ ސަބަބަށްޓަކާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ނަމަވެސް ރަސޫލާގެ ސުއްނަތް އައިސްފައިވަނީ އެހާ އިތުބާރު ހުރި ގޮތަކަށް ނޫން ކަމަށާއި އެހެންކަމުން އެއީ ގަބޫލުކުރެވޭނޭ އެއްޗެއް ނޫންކަމަށް ބުނެ ރަސޫލާގެ ސުންނަތަށް އިންކާރުކުރާ ބައެއް މީހުން އުޅޭތީ ހުތުބާގައި ވިދާޅުވީ އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.

އެހެނީ ރަސޫލާގެ ސުއްނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއް ކަމަށާއި ރަސޫލާގެ ސުއްނަތް މުސްލިމުންނާ ހަމައަށް އައިސްފައިވަނީ ކީރިތި ޤުރުއާން ވެސް އައިސްފައިވާ މަގުން، ތަވާތުރުކޮށް އަސްހާބު ބޭކަލުންގެ އަރިހުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“ސުއްނަތަށް އިންކާރުކޮށްފި މީހެއްގެ އިސްލާމްކަން ފުރިހަމައެއް ނުވާނެއެވެ. ކީރިތި ރަސޫލާގެ ސުއްނަތަށް އަމަލު ނުކުރާ ބައެއްގެ އިސްލާމްދީން ފުރިހަމައެއް ނުވާނެއެވެ. އިސްލާމްދީން ނައްތާލަން ބަޔަކު މީހުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ﷲ ތައާލާ އެ ދީން ގިޔާމަތާ ޖެހެންދެން ރައްކާތެރި ކުރައްވާނޭ ކަމަށް ވައުދުވެ ވޮޑިގެންވެއެވެ،” ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ، ކީރިތި ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ ސީދާ މަގަށް މަގު ދެއްކެވުމަށް ކަމަށާއި އެހެންކަމުން އެކަލޭގެފާނަށް ތަބާވުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް އެކަލޭގެފާނު، ނަމޫނާއެއް ކަމުގައި ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ސުއްނަތަކީ ކީރިތި ރަސޫލާގެ އަރިހުން ސާބިތުވެފައިވާ ބަސްފުޅުތަކާއި އަމަލުފުޅުތަކާއި ކީރިތި ރަސޫލާގެ ކުރިފުޅުމަތީގައި ކަމެއް ހިނގަނިކޮށް ފެނިވަޑައިގެން އެކަމަށް އިންކާރު ނުކުރައްވާ ކޮންމެ ކަމަކާއި އެކަލޭގެފާނުގެ ޒަމާނުގައި ހިނގި ކަމެއް އެނގިވަޑައިގަތުމުން އެކަމަކާ އިންކާރު ނުކުރައްވާ ކޮންމެ ކަމެކެވެ.

ނަމަވެސް ސުއްނަތޭ ބުނުމުން އެއީ ކުރުމާއި ނުކުރުން ހަމަހަމަ ކަންތައް އެކަނި ކަމާއި ޝަރުއީ ކަމެއް ސުއްނަތުން ސާބިތުވި ނަމަވެސް ޤުރުއާނުގައި ސަރީހަކޮށް އޭގެ ހުކުމް އައިސްފައިނުވާނަމަ، އެއީ ކުރުމުން ސަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލި ނަމަވެސް އަޒާބު ނުލިބޭ ކަމެއް ކަމަށް މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި އޮންނަ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި އަނެއް ބަޔަކު މުސްލިމުން އަމަލުކުރަންޖެހޭ ހުރިހާ ކަމެއް މާތް ﷲ ޤުރުއާނުގައ ބަޔާން ކުރައްވާފައިވާ ކަމަށް ދެކޭ މުސްލިމުން ވެސް އުޅޭކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ.

އިސްލާމީ ޝަރީއަތުގެ ވަރަށް ގިނަ ކަންކަމުގައި ސުއްނަތަށް ރުޖޫއަނުވެ، ޤުރުއާނުން އެކަނި ދަލީލު ނަގައިގެން އަމަލު ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން ނަމާދަކީ ދީނުގެ ތަނބު އަދި ޝަހާދަތުގެ ދެކަލިމައަށްފަހު ދީނުގެ އެންމެ މުހިންމު ރުކުން ކަމާއި އެ މުހިންމު އަޅުކަން ފަރުޟުވެއްޖެކަން ޤުރުއާނުން އެނގެން އެބައޮތް ނަމަވެސް ނަމާދު އަދާކުރަންވީ ކިހިނެތް ކަމެއް އަދި އެއީ ކިތައް ނަމާދު ކަމެއް ވެސް ޤުރުއާނުން އެނގޭކަށް ނެތްއިރު، އެކަންކަން އެނގެނީ ސުއްނަތުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، އިސްލާމީ ޝަރީއަތުގެ ފުރަތަމަ މަސްދަރު ކަމުގައި ކީރިތި ޤުރުއާން ވީފަދައިން، ރަސޫލާގެ ސުންނަތަކީ އެ ޝަރީއަތުގެ ދެވަނަ މަސްދަރު ކަމަށެވެ. އެހެންކަމުން ޤުރުއާން ގަބޫލުކޮށް ރަސޫލާގެ ސުއްނަތް ގަބޫލު ނުކުރާނަމަ އެމީހެއްގެ ދީން ފުރިހަމައަށް ނުވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

“ޤުރުއާނާއި ސުއްނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ އެއް ކަލިމައާ އަނެއް ކަލިމައާ ދެމެދުގައިވާ ގުޅުމެވެ. އެ ދެ ކަލިމަ ވަކި ނުކުރެވޭނޭ ފަދައިން، ސުއްނަތް، ޤުރުއާނާ ވަތްކެއް ނުކުރެވޭނެއެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އެއިން އެއް ކަލިމައަށް އީމާންނުވާ މީހެއްގެ އީމާންކަން ފުރިހަމަ ނުވާނޭފަދައިންނެވެ. ޤުރުއާނާއި ސުއްނަތް ގަބޫލުކޮށްފީމޭ ބުނެ، މިއިން އެއް މަސްދަރު ގަބޫލުނުކުރާ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ،” ހުތުބާގައި ވިދާޅުވެފައިވެއެވެ.

Leave a comment

Your email address will not be published.