Sun, 29 March, 2020, 12:58 pm
ޒަކާތް ނުނެރެން ފަށައިފިނަމަ ވާރޭ ނުވެހި، ވާރޭގެ ރަހުމަތުން އެބަޔަކު މަހުރޫމްވާނެ!

ރާއްޖޭގެ މުޖުތަމައުން މަދުންނަމަވެސް ފެންނަމުންދާ ބައެއް މަންޒަރުތަކާއި ކަންތައްތަކަކީ އެކަކު ވެސް ދެކެން ބޭނުންވާނެ މަންޒަރުތަކަކާއި ކަންތައްތަކެއް ނޫނެވެ. އެގޮތުން ބައެއް ފަހަރު އަޅުގަނޑުމެން ވާރޭ ފެނުގެ ދަތިކަމުގެ ވާހަކަ ދައްކާއިރު، އެކަމުގެ ސަބަބާމެދު ވިސްނައިލެވޭތޯއެވެ.

ސަބަބަކީ ޒަކާތް ދިނުމުން، ބަޔަކު މީހުން މަނާވެގަތުމެވެ. މުދަލު ޒަކާތް ދިނުމުން ބަޔަކު މީހުން މަނާވެގެންނަނަމަ އިލާހީ ރަހްމަތް ކެނޑިގެންދާނެ ކަމުގެ އިންޒާރު ކީރިތި ރަސޫލާ ވަނީ ދެއްވައިފައެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިޔަބައިމީހުންނަށް ޖެހޭހާ މުސީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދި ކަންތައްތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް ޢަފޫ ކުރައްވަތެވެ،”

މިބަސްފުޅުގެ ތަފްސީލަށް ބަލާލުމަށްޓަކައި ކީރިތި ރަސޫލާގެ އިރުޝާދަސް ބަލައިލަމާ ހިނގާށެވެ. އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އޭ މުހާޖިރުންނޭވެ! ތިޔަބައިމީހުންގެ އިމްތިހާނަކަށްޓަކައި މާތް ﷲ ވަނީ ފަސް ކަމެއް ލައްވައިފައެވެ. ތިމަ ކަލޭގެފާނު ތިޔަބައިމީހުން އެ ކަންކަމުން ސަލާމަތްކޮށް ދެއްވުމަށް އެދި އެއިލާހަށް ދަންނަވަމެވެ. (އޭގެ ތެރެއިން އެއް ކަންތައް ބަޔާންކުރައްވަމުން ހަދީޡްކުރެއްވިއެވެ.) އެބަޔަކު ތިމާމެން ނެރެންޖެހޭ ޒަކާތުގެ މުދާ ނުނެރެ، އެކަމުން ހައްގުވެރިން މަހުރުމުކުރަން ފަށައިފިނަމަ އުޑުން ވާރޭވެހުން ހުއްޓިދާނެއެވެ. އަދި ގެރިބަކަރި ނެތް ހިސާބުގަނޑުން އެއްގޮތަކަށް ވެސް ވާރޭ ނުވެހި، މުޅިން ވާރޭފެނުން އެބައިމީހުން މަހުރޫމްވެދާނެއެވެ.”

އަދި އެފަދަ މުޖުތަމައަކަށް ވާރޭވެހޭ އިރުވެސް ﷲގެ ރަހުމަތުން ވާރޭ ވެއްސަވަނީ ކުޑަކުދިންނާއި ނައަމު ސޫފިތައް އެއްބައެއްގެ ތެރޭގައި އުޅޭތީއެވެ. އެތަކެއްޗަށް އޯގާތެރިވެ ވޮޑިގަތުމުގެ ގޮތުންނެވެ.

ހަމައެގޮތަށް މުދަލަތުގެ ނިސާބު ހަމަވާ ބަޔަކު ޒަކާތް ނުދެއްކުމަކީ އޭގެ ސަބަބުން އެ ބަޔަކަށް ﷲ ގެ ކޯފާ ހައްގު ވެދާނެ ކަމެކެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އަދި ރަނާއި ރިހި ހަޒާނާކޮށް ﷲ ގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި އަޒާބު ހުރިކަމުގެ ހަބަރު އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ! (އެގޮތުގެ މަތިން) އޭނަ، އެއްކޮށް ހަޒާނާ ކުޅަ، ރަންރިހި އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން އެއުރެންގެ ނިތްކުރިތަކުގައްޔާއި އަށިކަށިތަކުގައްޔާއި ބުރިކަށިތަކުގައި ފާހަގަލައްވަމުން ގެންދަވާނެތެވެ. (އަދި އަންގަވާނެތެވެ) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ  ނަސްފު ތަކަށްޓަކައި ތިޔަބައިމީހުން އެއްކޮށް ހަޒާނާ ކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ހަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކެބަލާށެވެ.!”

Leave a comment

Your email address will not be published.