Fri, 28 February, 2020, 4:05 pm
މައިކްރޯ ވައިރަހެއްގެ ނުރައްކާ މިހާ ބޮޑުވުމުން އިންސާނާގެ ބަލިކަށިކަން ނުވިސްނޭތޯ!

ލޮލަށް ނުފެންނަ މައިކްރޯ ވައިރަހެއްގެ ނުރައްކާތެރިކަން މިހާ ބޮޑުވުމުން އިންސާނާއަށް އޭނާގެ ނިކަމެތި ކަމާއި ބަލިކަށިކަން ނުވިސްނޭތޯ މިއަދުގެ ހުކުރު ހުތުބާގައި ސުވާލު އުފައްދައިފިއެވެ.

“ބަލިހާލަތު މެދިވެރިވުމުގެ ސަބަބާއި މުސްލިމުން އަމަލުތައް ބަހައްޓަންވީ ގޮތް” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ނުރައްކާތެރި ތަފާތު އެކި ކަހަލަ ޖަރާސީމުތަކާއި ރޯގާތަކާއި ބަލިތައް އާއްމުވުމަކީ އެންމެހައި އިންސާނުން އެކަމާމެދު ވިސްނާ ފިކުރުކޮށް އިބްރަތް ލިބިގަނެ، ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކަމަށެވެ.

އަދި މިފަދަ ވަބާތަކުގެ ނުރައްކާތެރިކަން ދޭހަވެގެންދަނީ އެކަންކަން މެދުވެރިކުރެއްވި މާތް ﷲގެ ކަށަކުޅަދުންވަތަކަމާއި އެއިލާހުގެ މުތްލަގު ބާރުވެރިކަން ކަމަށް ފާހަގަކުރައްވާ ހުތުބާގައި ވަނީ،  ލޮލަށް ނުފެންނަ މައިކްރޯ ވައިރަހެއްގެ ނުރައްކާތެރިކަން މިހާ ބޮޑުވުމުން ދިރިތިބީންނަށް އެކަން އިބްރަކަށް ނުވޭތޯ އާއި އިންސާނާއަށް އޭނާގެ ނިކަމެތި ކަމާއި ބަލިކަށިކަން ނުވިސްނޭތޯ ސުވާލު ކުރައްވައިފައެވެ.

ހުތުބާގައި ވިދާޅުވީ، މާތް ﷲ އެކަލާނގެ އަޅުތަކުން އިމްތިހާނު ކުރައްވަނީ އެކަލާނގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ދެއްކެވުމަށާއި އެކަލާނގެ އަޅުތަކުންގެ އީމާންކަމުގެ ތެދުވެރިކަމާއި އިހުލާސްތެރިކަން ބެއްލެވުމަށް ކަމަށެވެ. އަދި އިންސާނާ އޭނާގެ ނިކަމެތިކަން އިހުސާސްކޮށް، ބޮޑާކަމާއި އަނިޔާވެރިކަން ދޫކޮށް، ތައުބާވެ، ހެޔޮކަމުގެ މަގަށް ރުޖޫއަވޭތޯ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ބަލިތަކަށް ޝިފާ ދެއްވަނީ ﷲ ކަމަށާއި މުސްލިމުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމަށް ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ބައެއް މީހުންނަށް ބައްޔަކީ ހަމައެކަނި މުސީބާތެއްގެ ގޮތުގައި މެދުވެރިވާ ކަމެއް ކަމަށާއި ނުރަނގަޅު މީހަކަށް މެނުވީ ބައްޔެއް ނުޖެހޭނެ ކަމަށް ހީވެފައިވާކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެއީ ރަނގަޅު ހީއެއް ނޫން ކަމަށެވެ.

އެގޮތުން ކިތަންމެ ރަނގަޅު މީހެއް ކަމުގައި ވިޔަސް ބަލި ވެދާނެ ކަމަށާއި އެގޮތުން މާތް ވެގެންވާ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ ތެރޭގައި ވެސް ބޮޑެތި ބަލިތައް ތަހައްމަލުކުރެއްވި ބޭކަލުންވާ ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މުސްލިމުންނާ ކުރިމަތި ކުރައްވާ އިމްތިހާނުތަކާ ކުރިމަތިލާން ވާނީ ﷲގެ މަންހަޖާ އެއްގޮތްވެގެންވާ ގޮތުގެ މަތިން، ﷲގެ ހަޟްރަތަށް އެނބުރި ރުޖޫއަވެ ތައުބާވެގެންނާއި ﷲގެ އަންގަވާފައިވާ ގޮތަށް ފިޔަވަޅު އަޅައިގެން ކަމަށެވެ.

އެގޮތުން ބައްޔެއް ފުތުރެމުންދާނަމަ އެ ބައްޔަކުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިނާއި ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އާއްމު ސިއްހަތާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވެ ބޯ ލަނބަންވާނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އޭރުން ކީރިތި ﷲ ބަރަކާތް ލައްވައި، އިންސާނުންގެ ގައިގައި ސިއްހަތާއި ދުޅަހެޔޮކަމުގެ ފޭރާން ލައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަލާނގެ ރަހުމަތުން ނާއުއްމީދު ނުވުމަށާއި ﷲގެ ހަޟްރަތުގައި ޝިފާއަށް އެދި ދެންނެވުމަށް ހުތުބާގައި ގޮވާލެއްވިއެވެ.

Leave a comment

Your email address will not be published.